ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ބައެއް ރަށް ރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮމަންޑޫއަށް ވަޑައިގެން މިއަދު ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދުގެ މެންދުރުގެ ވަގުތެއްގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢު ފަދަ ޢުމްރާނީ ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހުއްޓައިނުލާ ކުރިއަށް ގެންދެވޭތޯ ބައްލަވައިދެއްވާނެ ކަމަށެވެ. އަދި ބިމުގެ ދަތިކަމާ ރާޅުއަރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމުގެ އިތުރުން އެއާޕޯޓެއް އަޅައިދެވޭނެ ގޮތެެއް އޮތްތޯ ވެސް ބައްދަލަވައިދެއްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ހުރި ރާގާއި ރަށާ ގުޅުން ހުރި މުހިންމު އެއްވެސް ކަމެއްގެ ޔަޤީންކަން ސީދާ ގޮތެއްގައި ދެއްވާފައި ނުވާތީ ރައްޔިތުން ވަނީ ނާއުންމީދުވެ މާޔޫސްވެފައެވެ. އެމީހުން އުންމީދުކޮށްގެން ތިބިގޮތާ މުޅިން ޚިލާފަށް ރައީސްގެ ވާހަކަފުޅު ދިޔައީ ވަރަށް ވެސް ފޫހި ގޮތަކަށެވެ.
އަދި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަނެއްކަމަކީ ކޮމަންޑޫ ދާއިރާ ތަމްސީލްކުރައްވާ ސަރުކާރު ކެންޑިޑޭޓް ޖަލްސާގައި ވާހަކަދައްކަވަން ފުރުޞަތު ނުދިންތާ ކުރީ ބަރިން ގޮނޑިއެއް ވެސް ނުލިބުނުތާ ފަހަތުގައި މީހުންގެ ތެރޭގައި ފޮރުވިފައި އިނުމެވެ. މިކަމާ ގުޅިގެން ފާޑުކިޔާ މީހުން ބުނާގޮތުގައި އެކަމުން ދޭހަވި އެއްޗަކީ މިފަހަރު ސަރުކާރު ތަމްސީލުކުރައްވަން ނެރެގެން އުޅޭ ކެންޑިޑޭޓާ ލީޑަރޝިޕާ އެއްވެސް ގުޅުމެއް ނެތްކަމެވެ.
އަދި ގިނަ ބަޔަކު ބުނާގޮތުގައި އައީސުލްޖުމްހޫރިއްޔާ މިއަދު ކޮމަންޑޫއަށް ޒިޔާރަތްކުރެއްވުމުން ސަރުކާރު ކެންޑިޑޭޓަށް ލިބުނު އެއްވެސް ސިޔާސީ މަންފާއެއް ނެތެވެ.