ކައުންސިލްތަކަށް ލިބިދީފައިވާ މާލީ ގިނަ ބާރުތަކެއް މައިސަރުކާރަށް ނަގަން ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކުރުމާ ގުޅިގެން އެމްޑީޕީން ބާއްވާ ޤައުމީ މަޖިލިސްގެ ޖަލްސާގައި ގިނަ މެންބަރުން ގޮވާލީ މިއީ މިހާރުން މިހާރަށް ވެސް ވައްޓާލަން ވެއްޖެ ސަރުކާރެއް ކަމަށެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާގައި ވާހަކަދައްކަވާ ގިނަ މެންބަރުން ބުނަނީ މިއީ ރައްޔިތުން ބޭނުންވާ ސަރުކާރެއް ނޫންކަމަށާއި، ރާއްޖޭގައި ބާއްވަން ޖެހޭނީ ރައްޔިތުން ބޭނުންވާ ސަރުކާރެއް ކަމަށާއި، އެހެން ނޫނީ ވަގުތުން ވަގުތަށް ވައްޓާލަންވީ ކަމަށެވެ. އަދި ހުރިހާ ކައުންސިލަކުން ރައްޔިތުންނާއެކު މާލެ އައިސް ސަރުކާރު ވައްޓާލަންވީ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ތެރޭގައި ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށް ވުރެ ކުުރު މުއްދަތެއް އޮވެއްޖެ ނަމަ، މާލީ ކަންކަމާ ގުޅޭ ނިންމުންތައް ނިންމޭނީ ސީދާ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް އޮތް އިސްލާހު ހިމެނެއެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއް އިސްލާހަކީ ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލް އިހުތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަހަރައްދުތައް ކުއްޔައް ދޫކުުރުމާއި، ހިލޭ ދިނުމާއި އަދި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބާރުތައް ނެގުން ވެސް ހިމެނެއެވެ.