އުސްތާޛް ޒަކީ

ޙަޤީޤީ ވާހަކަ: ކިތަންމެ ގާތް މީހެއްގެ ހިތްވެސް ދުނިޔޭގެ އެދުންވެރިކަމުގައި ބަދަލުވެދާނެއެވެ.

އެއް ސަހަރެއްގައި އުޅުނު ވަރަށް ގާތް ދެ އަވައްޓެރިންގެ ދެމެދުގައި ދޮންކެޔޮގަހެއްގެ މައްސަލައިގާ ދެބަސްވާންޖެހުނެވެ. ދެ މީހުންގެ ވެސް ގެ ހުންނަނީ އެއްގެ އަނެއްގެއާ އިންވެގެންނެވެ. ނަމަވެސް ގޯތި ވަކިކުރާ އިންފާރު ހުރީ ރާނާފައެވެ. އޭގެތެރެއިން އެކަކީ މެދުއުމުގެ އަންހެނެކެވެ. އަދި އަނެކަކީ އަސްކަރިއްޔާގައި މަސައްކަތްކުރާ މެދުއުމުރުގެ ފިރިހެން ބޭކަލެކެވެ.

އަންހެން މީހާގެ ފޫޓުތެރޭގައި ހެއްދި ކެޔޮފީންޏެއްގައި ހުރި ކެޔޮގަހެއް ފޯދި ކެޔޮގަނޑު އަޅާފައި ވަނިކޮށް ފިރިހެން މީހާގެ ފޫޓުތެރެއަށް އަރިއަޅާލިއެވެ. އެދުވަހު، އަންހެން މީހާ ބޭނުންވީ ކެޔޮގަސް ކަނޑާލުމަށް ފަހު، އެކަމުން ފިރިހެން މީހާއަށް ލިބިދާނެ ތަކުލީފެއް ފިލުވައިދޭށެވެ. އަދި ގަސް ކަނޑާލަން އުޅޭތަން ފެނުމުން ފިރިހެން މީހާ އައިސް އެކަން މަނާކޮށްފައި ބުންޏެވެ. އަހަރެމެން ދެ މީީހުން މިހާ ގާތުގައި ދިރިއުޅޭތާ 35 އަހަރު ވެއްޖެއެވެ. ތިޔަވަރުގެ ކުޑަ ކަމަކުން އެއްވެސް އުނދަގުލެއް ނުވާނެއޭ، ކެޔޮގަނޑު ހަރުވީމާ ގަސް ކަނޑާލާށެވެ.

ކެޔޮގަނޑު ހަރުވެ ފައްކާވުމުން ކެޔޮގަނޑު ކަނޑާލުމަށްޓަކައި އަންހެން މީހާ އެ ކެޔޮފީނި ދޮށަށް ދިޔައެވެ. އަދި ގަސް ކަނޑާލުމުގެ މަސައްކަތް ފެށިއެވެ. މި އަޑު އިވުމުން އެއްކަލަ ފިރިހެން މީހާވެސް ކަތިވަޅިއެއް ހިފައިގެން އަތުވެއްޖެއެވެ. އަދި ނުރުހުމާއި ހިތްހަމަނުޖެހުމާއެކު ފިރިހެން މީހާ ބުންޏެވެ. ތިޔަ ކެޔޮގަނޑު ހަރުވީ އޭނާގެ ފޫޓުތެރޭގައި އޮވެކަމަށާއި، ގަހުގައި ދޮންވާ ފަތްތައް ކޮށާ ސާފުކޮށް ބެލެހެއްޓީ އޭނާކަމަށާއި، އެހެންވީމާ ކެޔޮގަނޑުގެ އެންމެ ޙައްޤުވެރި ފަރާތަކީ އޭނާކަމަށެވެ. އަދި ހަމަ އެވަގުތު ކަތިވަޅިން ޖަހާ ގެޔޮގަނޑު ކަނޑާލައިގެން ގެންދިޔައެވެ. އެހިނދު، އެ އަންހެން މީހާ ބުނާނެ އެއްޗެއް ވެސް ނޭނގި ބަސްހުއްޓިފައި ހުއްޓެވެ.

މި ޙާދިސާއިން ލިބޭ ޢިބުރަތަކީ ކޮބައިތޯއެވެ؟

© 2023 milauthuru. All rights reserved.