ލޯތްބާ އޯގާތެރިކަމާއެކު މަންމަ ބެލެހެއްޓުމުގައި ވާދަވެރިވެ ސައުދީ ދެބެން ކޯޓަށް ދިޔަ ވާހަކަ.

އުސްތާޛް ޒަކީ | 8 ޑިސެމްބަރ 2025 | ވާހަކަ
3

އާއްމު ގޮތެއްގައި ދަރިން ކޯޓަށް ގޮސް އުޅެނީ މައިންބަފައިންގެ ވާރުތަމުދަލާ ގުޅޭ މައްސަލަތަކުގައެވެ. އެެހެން ނަމަވެސް ސައުދީ އަރަބިޔާގެ ދެބެންގެ ތެރެއިން ދޮށީ ބޭބެކަމުގައިވާ ހިޒާމް އަލް-ޣަމްދީ ކޯޓަށް ހުށަހެޅި މައްސަލައަކީ ހައިރާން ކުރުވަނިވި ތަފާތު މައްްސަލައެކެވެ.

މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މަންމަގެ ތިބި ފިރިހެން ދެ ދަރިން ވެސް ބޭނުންވަނީ މަންމަ ނިޔާވުމަށް ދާންދެން ބެލެހެއްޓުމުގެ ޒިންމާ އުފުލާށެވެ. ދުނިޔެވީ މަންފާއަކަށްޓަކައެއް ނޫނެވެ. އަދި ވާރުތަމުދަލުގެ ބޭނުމަކު ވެސް ނޫނެވެ. އާޚިރަތަށްޓަކައެވެ. މަންމައަށް އެންމެ އޯގާތެރިވި ދަރިފުޅުގެ ޝަރަފު ހޯދުމަށެވެ.

ހިޒާމް ވަކާލާތުކުރީ މަންމަ ބެލުމުގެ ޒިންމާ ކުރިންވެސް އަދި މިހާރުވެސް އޭނާ އަދާކުރަނީ ކުރާހިތުން ލޯތްބާ އޯގާތެރިކަމާ އެކުގައި ކަމަށާއި، މަންމައަށް ކުޑަވެސް އަސަރެއް ކޮށްފާނެ ބަހެއްވެސް ދުވަހަކުވެސް ބުނެފައިނުވާނެ ކަމަށާއި، މަންމައަކީ އޭނާ ޖަންނަތުލް ފިރުދައުސް ހޯދުމަށް ކުރާ އުންމީދުގެ ތަޅުދަނޑިކަމަށެވެ. ހިޒާމުގެ ކޮއްކޮ ރައްދުގައި ބުނީ ބޭބެއަށް މަންމަ ބެލެހެއްޓުމުގެ ފުރުޞަތު މިހާރު ލިބިއްޖެ ކަމަށާއި، ޚުދު ބޭބެ ވެސް މިހާރު އުމުރުން ދުވަސްވެފައިވާތީ، އަރާމުކުރަން ޖެހޭ ކަމަށާއި، އޭނާއަކީ ޒުވާން އުމުރުގެ މީހަކަށް ވާތީ ވަރުބަލިކަމެއް ނެތި މަންމަ ބެލެހެއްޓުމުގެ ޒިންމާ އުފުލިދާނެ ކަމަށާއި، އެއަށް ވުރެ ބޭނުންވާ އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ.

ދެބެންގެ ބަހުސްތައް އަޑުއަހާފައި ފަނޑިޔާރުންނާއި، މުޅި ކޯޓު ރޫމްގައި ތިބި އެންމެންނަށް ވެސް ބޮޑު ހައިރާންކަމެއް ލިބި ބައެއް މީހުންގެ ލޯތައް ފެންކަޅިކޮށްލިއެވެ. އަދި ޚުދު ފަނޑިޔާރަށް ވެސް ގޮތެއް ނިންމުމަށް އުނދަގޫވެ އެ ދެބެންގެ މަންމާފުޅު ކޯޓަށް ގެންނަވައި ސުވާލުކުރެއްވި އެވެ. ދެ ދަރިން ކުރެ ކޮން ދަރިއެއްގެ ގާތުގާތޯ ހުންނަން ބޭނުމީ ސުވާލުކުރުމުން މަންމާފުޅު ދެއްވި ޖަވާބުން އެންމެންނަށް ލިބުނީ ޝޮކެކެވެ. މަންމާފުޅު ބުނީ ތިޔަ ދެ ކުދިން ކުރެ އެއް ކުއްޖަކީ ކަނާއަތު ލޯ ކަމަށާއި، އަނެއް ކުއްޖަކީ ވައަތު ލޯ ކަމަށެވެ. އެހެންވީމާ ފަނޑިޔާރު ކުރެއްވި ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ކަމަށެވެ. މަންމާފުޅަށް ގޮތެއް ނިންމޭގޮތް ނުވުމުން ފަނޑިޔާރަށް ޖެހުނީ ނިޔާއެއް އިއްވާށެވެ.

މައްސަލައާ ގުޅިގެން ދެބެން ހުށަހެޅި ކަންތައްތަކަށް ބެލުމަށް ފަހު، ސިއްޙީ ގޮތުން އެންމެ ރަނގަޅު ފަރާތަކީ އޭގެ ތެެރެއިން ހަގަށް ހުރި ޒުވާން ދަރިފުޅުކަމަށް ކަނޑައަޅައި މަންމަ ބެހެލެއްޓުން ޙަވާލުކުރަން ޙުކުމް ކުރިއެވެ. އަދި މަންމައަށް ލޯތްބާއި އަޅާލުން ފޯރުކޮށްދިނުމުގައި ބޭބެއަށް ވެސް ދެވެންއޮތް މިންވަރަކުން ފުރުސަތު ދޭންވާނެ ކަމަށް ވެސް ކަނޑައެޅިއެވެ.

މައްސަލައިގެ ނިޔާ އިއްވުމުން ހިޒާމުގެ ދެލޮލުން ކަރުނަތައް އޮހޮރިގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ. އެއީ އޭނާ ބޭނުންވާ މިންވަރަށް މަންމައަށް ލޯބި ދިނުމުގެ ފުރުޞަތު ގެއްލުނީތީ އެވެ. އެހިނދު މަންމާފުޅު އޭނާއަށް ހިތްވަރުދިން މަންޒަރު ފެނި ބަލަން ތިބި އެންމެން ރޮއްވާލިއެވެ.

މިއީ މަންމައަކު ލޯބިން ބެލެހެއްޓުމުގައި އޭނާގެ ދެ ދަރިންގެ ދެމެދުގައި ވާދަވެރިކަން އުފެދިގެން ސައުދީގައި މީހަކު ކޯޓަށް ދިޔަ މިފަދަ ފުރަތަމަ މައްސަލަ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަލީ
ކޮންފަދަ ރަނގަޅު ދެ ދަރިން ހެއްޔެވެ. މިރާއްޖޭގައި ފެންނަނީ މީގެ އިދިކޮޅު.
ނ ނަޝާތު
ދެ ދަރިންނަށް ވެސް ހެޔޮ ޖަޒާ ދެއްވާށި. އާމީން
ރ ރަޝީދު
މާޝާ ﷲ، ރޮވިއްޖެ.