ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026: ގްރޫޕް ސްޓޭޖް މެޗުތައް ނިމި، ގަދަ ހަތަރެއް ކަށަވަރުވެއްޖެ

މިލައުތުރު | 25 އޮކްޓޯބަރ 2026 | ކުޅިވަރު

ކ. ގުޅީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ޓްރޮޕިކްސް އެކްސް މޯލްޑިވްސް ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026” ގެ ފޯރިގަދަ ގްރޫޕް ސްޓޭޖް މެޗުތައް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަން ނުވަތަ “ކުއީންސް ޑިވިޝަން” ގެ ގްރޫޕް މެޗުތައް ނިމުނުއިރު، ފައިނަލަށް ދަތުރުކޮށްފައިވަނީ އެފް.ސީ ކުއީންސް އަދި ރޯޔަލްސް އެފް.ސީ އެވެ. މި ދެ ޓީމު ވާދަކުރާ ފޯރިގަދަ ފައިނަލް މެޗު މިހާރު ވަނީ ޔަގީންވެފައެވެ.

Advertisement

ފިރިހެން ޑިވިޝަން ނުވަތަ “ކިންގްސް ޑިވިޝަން” ގެ ދެ ގްރޫޕްގެ މެޗުތައް ވެސް ރޭ ނިމިފައިވާއިރު، ސެމީ ފައިނަލުގެ ޖާގަތައް ޓީމުތަކުން ވަނީ ކަށަވަރުކޮށްފައެވެ. އެގޮތުން ގްރޫޕް ‘އޭ’ އިން އެއްވަނަ ޓީމުގެ ގޮތުގައި ބިރާގަން ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކުރިއިރު، ދެވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ޔުނައިޓެޑް ލަޔަންސް (ޔޫ.އެލް) އެވެ. މީގެއިތުރުން ގްރޫޕް ‘ބީ’ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ހޮވުނީ 2024 ވަނަ އަހަރުގެ ޗެމްޕިއަން ވައިކިންގްސް އެފް.ސީ އެވެ. އަދި މި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދާފައިވަނީ އޮފްޝޯ އެފް.ސީ އެވެ.

މުބާރާތުގެ ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ވާ ހޯމަ ދުވަހުގެ ރޭގަނޑުއެވެ. އެރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި 20:30 ގައި ބައްދަލުކުރާނީ ބިރާގަން ސްޕޯޓްސް ކްލަބާއި އޮފްޝޯ އެފް.ސީ އެވެ. އަދި ދެވަނަ ސެމީ ފައިނަލުގައި 21:30 ގައި ބައްދަލުކުރާނީ ވައިކިންގްސް އެފް.ސީ އަދި ޔުނައިޓެޑް ލަޔަންސް އެވެ.

ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަންގެ ވެސް ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ 28 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ ރޭގަނޑުއެވެ.

ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 10،000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.