ށ. އަތޮޅުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމުގައިވާ މިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވިދި ވިދިގެން ދެވަނަ ފަހަރަށް ކަނޑިތީމުން ކާމިޔާބު ކޮށްފިއެވެ.
މިރޭ ކުޅުނު ފައިނަލުގައި މިލަންދޫ އާއި ދެކޮޅަށް ކުޅެ 6 – 2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ މުބާރާތުގެ މިއަހަރުގެ ހޯސްޓް އަދި ޑިފެންޑިން ޗެމްޕިއަން ކަނޑިތީމެވެ.
ފޯރި ފަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު 1 – 0 ގެ ނަތީޖާއަކުން ކުރީގައި އޮތީ މިލަންދޫ އެވެ. އެހެން ނަމަވެސް ފަހު ހާފުގައި ކުޅެން އަރާ މިނެޓެއްގެ ތެރޭގައި 2 ގޯލް ކާމިޔާބުކުރި އެވެ. އަދި އިތުރު ހަމަލާތައް އުފައްދާ ފުލު ފުލުގައި ގޯލްތައް ކާމިޔާބުކުރިއެވެ. އަދި ފަހު ހާފުގެ އެންމެ ފަހު މިނެޓުގައި މިލަންދޫން އެމީހުންގެ ދެވަނަ ގޯލް ކާމިޔާބު ކުރިއެވެ.
މި މެޗުގައި ކަނޑިތީމުގެ ރައުލް ނިޔާޒް ވަނީ 3 ގޯލް ކާމިޔާބުކޮށް ހެޓްރިކެއް ވެސް ހަދާފައެވެ. ފަހު ހާފުގައި މެޗު ޑޮމިނޭޓްކޮށް މޮޅަށް ކުޅުނީ ކަނޑިތީމެވެ. އަދި މިލަންދޫ އިން ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، ކަނޑިތީމަށް ގޯލް ޖަހާނެ ފުރުސަތުތަކެއް ފަހިވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ކަނޑިތީމުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ފައިނަލް މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މެޗު ބެލުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައި ވެއެވެ. އަދި އޮންލައިންކޮށް ފޭސްބުކް ލައިވްގައި ދޮޅުހާސް މީހުން ވަގުތުން މެޗު ބަލަމުން ގެންދިޔައެވެ.
މަރުޙަބާ، ކަނޑިތީމު!

ކިޔުންތެރިންގެ ހިޔާލު