ހުރިހާ ވާހަކަތަކެއް ވެސް ވަރަށް އަސާރާއެކު ކިޔައިދިނުމަށް ފަހު، ކިއާރާ ގެއަށް ލައިދިނުމަށް އެދުނެވެ. ބޭނުންވަނީ އަރާމްކޮށްލަން ކަމަށާ ރޭގަނޑު ނުނިދާ ހޭލާ ޝަކުވާތަކުގައި އުޅެންޖެހުނު ކަމަށް ބުނެ ޙާލަތާމެދު އަލުން ޝަކުވާކުރިއެވެ. މީގެ ކުރިން ކިއާރާގެ ފަރާތުން ދުވަހަކު ވެސް ފެނުނު ކަމެއްވެސް ނޫނެވެ. ކިތަންމެ ބޮޑު ކަމެއް ޖެހުނަސް އެއްވެސް ޝަކުވާއެއް ނުކޮށް އެކަމެއް ތަޙައްމަލްކުރާ މީހެކެވެ. އޭނާގެ ހުންނަ މި ރިވެތި ސިފައަކީ ޚާއްސަ ކަމެކެވެ. އެދުވަހު ފެނުނީ އިންތިހާ ޖަރަޖައިގެ ހިތާމަތަކުގެ ސަބަބުން ތަބީއަތު ބަދަލުވެފައިވީ ތަނެވެ. އޭނާއަށް ކޮށްފައިހުރި ފުން އަސަރު ފެނި އެންމެ ހިނދުކޮޅަކަށް ވެސް ދޫކޮށްލާކަށް ތޯހިރުގެ ހިތަަށް ކެތެއްނުވި ކަހަލައެވެ.
“ތިގެއަށް ދާނީ ފަހުން ދޯ! ހިނގާ އަހަރެމެން ގެއަށް ގޮސްލަން!” ތޯހިރު އަހާލިއެވެ.
ތޯހިރުގެ ފަހަތުން ކަހަލަގޮތަކަށް ކިއާރާވެސް ބޭރަށް ނިކުމެއްޖެއެވެ. ފެންނަ ފެނުމަށް ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ހިތުގެ އުދާސްތަކާއި ފިކުރުތަކާ ދުރުވެ ހަމަޖެހިފައެވެ. ސައިކަލަށް އަރާފައި ކިއާރާއަށް ބަލައިލި ވަގުތު ސައިކަލު ފަހަތަށް އެރިއެވެ. ތޯހިރުގެ ކޮނޑުގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. އެހިނދު ތޯހިރަށް ލިބުނު ތަފާތު އިހުސާސްތަކާއެކު ސައިކަލު ދުއްވާލިއެވެ. އަމީރު އަހުމަދު މަގުން ގޮސް ހެންވޭރުކޮޅުން ބޮޑުތަކުރުފާނުމަގަަށް ނިކުމެ އިސްޕީޑް ބާރުކޮށްލިއެވެ. މަޖީދީމަގުން ދުއްވާލާފައި އައިސް މާފަންނު ގަޑިބުރު ކައިރިއަށް އައުމުން ޚިޔާލު ބަދަލުވެއްޖެ އެވެ.
“އަދި ނުވޭދޯ ގެއަށް ވަންނާކަށް!” ކިއާރާ ބުނެލިއެވެ.
އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި ދުއްވާލާފައި ގޮސް ފަތިސްހަނދުވަރުގޭ ދޮށަށް މަޑުކޮށްލިއެވެ. ލަދުރަކިކަމާއި މަޑުމޮޅިކަމާއެކު އެގޭގެ ދެވަނަ ފަންގިފިލާގެ ދެވަނަ އެޕާޓްމަންޓަށް ވަދެއްޖެއެވެ. އެއީ ތޯހިރުގެ އެޕާޓްމަންޓެވެ. އިތުރު ވެއްވެސް އެހެން މީހަކު އުޅޭތަނަކަށް ނުވާތީ، މުޅި ގޭތެރެވަނީ ހަމަހިމޭންވެފައެވެ.
“ވަރަށް އަވަހަށް އެބަ އަންނަން ޗޭންޖް ކޮށްލައިގެން އިނގޭ” ކޮޓަރިއަށް ވަންނަމުން ތޯހިރު ބުނެލިއެވެ.
އަތްދަބަސް ބާއްވާލުމަށް ފަހު ކިއާރާވެސް ސިޓިންރޫމްގެ ސޯފާގައި އިށީނދެލިއެވެ. ކިއާރާގެ މޫނުމަތީގައި ވަނީ އަސަރުން ފުރިގެންވާ ޖަޒުބާތުތަކެކެވެ. މީހެއްގެ އޯގާތެރިކަމާއި އަޅާލުމަަށް ނުހަނު ބޭނުންވާ ބަލިމީހެއް ފަދައިންނެވެ.
ތޯހިރުގެ ހިތުގައި ޝުއޫރުތައް އުތުރެން ފެށިއެވެ. ކިއާރާއަށް ދިމާވި ހިތާމަވެރި ޙާލަތާ މެދު ހަމްދަރުދީވެ ފެންކަޅިވިއެވެ. ސަބަބުނެތިވެސް ވަކިވެދާނެގޮތް ހިތަށް ގެނެސްދިނީ ޢަލީ ރަމީޒުގެ ރީތި ލަވައެކެވެ. އަދި ކިއާރާއަށް އެހީތެރިވެވޭނީ ކިހިނެއްތޯ، ކިހާ މިންވަރަކަށްތޯ ހިތާހިތާ ސުވާލުކުރެވެމުން ދިޔައެވެ. އުފަލާ މަޖަލުގައި ނުހަނު ފޮނި އުންމީދުކޮށް ޒަވާޖީ ޙަޔާތުގެ ދަތުރަށް ފުރި އެރީތި ޒުވާނާގެ މުޅި ޙަޔާތް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަޅުފޮއި އަނދިރި ރޭތަކަކަށް ބަދަލުވީއެވެ. އެމީހަކާއެކު މުޅި ޙަޔާތް ވޭތުކުރުމަށް އުއްމީދުކުރި ލޯބިވާ މީހާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޚަަރާބުވީއެވެ. އެމީހެއް ދެކެ އެންމެ ލޯބިވީ މީހާ އަނިޔާވެރިކަން އިސްކުރީއެވެ. ރުއިމާ އާދޭސްތަކަށް ވެސް ބީރުކަންފަތެއް ދިނީއެވެ.
ޙާލަތާމެދު ފުންކޮށް ވިސްނަމުން އަދި ކޮށްދެވޭނީ ކޮންކަމެއްތޯ ފިކުރުކުރަމުން ތޯހިރު ނިކުތީ ސިޓިންރޫމްގައި އިން ފިނިފެންމަލާއި ވާހަކަދައްކާލުމަށެވެ. ބޭނުންވަނީ ކޮންކަމެއްތޯ އަހާ އޮޅުންފިލުވާލުމަށެވެ. ދެވެންއޮތް އެހީއެއް ވެދޭނެކަމުގެ ޔަޤީންކަން ދިނުމަށެވެ. އެހެން ނަމަވެސް ފެނުމު މަންޒަރުން ލިބުނީ ބޮޑު ސިހުމެކެވެ. އިންތިހާ ވަރުބަލިކަމުގައި ކިއާރާ އޮތީ ސޯފާގައި ނިދިފައެވެ. އަތުން ކޮށްޓާލާ ގޮވާލަން ބޭނުން ވިޔަސް ކިއާރާގެ އަރާމު ނިދިކޮޅުގެ ހުރަހަކަށް ވާކަށް ތޯހިރުގެ ހިތެއް ނޭދުނެވެ. ކިއާރާގެ މޫނަށް ބަލަން އިނދެވުނީއެވެ. (ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު