މަސްތުގެ ވިޔަފާރިއާއި ނިމުމެއްނެތް މައިވަންތަކަމުގެ ކުލުނާއި ވޭން

މިލައުތުރު | 20 ނޮވެމްބަރ 2026 | ރިޕޯޓު

ދިވެހިރާއްޖޭގެ ޞުލްޙަވެރި، އަމާން ރަށްތަކުގެ މައްޗަށް މިއަދު ވެރިވެފައިވަނީ ބިރުވެރި ކަޅު ވިލާގަނޑެކެވެ. މެދުކެނޑުމެއްނެތި އިވެމުންދަނީ އެތައް ހާސް ޢާއިލާއެއްގެ ހިތްފަޅައިގެންދާ ރުއިމުގެ އަޑެވެ. އެއް ޒަމާނެއްގައި އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިކަމާއި އެކުވެރިކަމުގައި ދިރިއުޅެމުން އައި މި ކުޑަކުޑަ މުޖުތަމަޢު މިއަދު މިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަކިތަކުގެ ދަށުވެ، ސުންނާފަތިވާން ކައިރިވެފައެވެ. ޤައުމުގެ އެންމެ އަގުހުރި ރައުސްމާލު ކަމުގައިވާ ޒުވާން ޖީލު މިވަނީ މަސްތުގެ އަނދިރި ދުނިޔެއަށް ޣަރަޤުވެ، ޙަޔާތުގެ ބަހާރު މޫސުމުގައި މިލައި މޯޅިވެފައެވެ. މިއީ ހަމައެކަނި ޞިއްޙީ ނުވަތަ ޤާނޫނީ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމާއި އިންސާނިއްޔަތުކަން އެފުށްމިފުށަށް ޖަހަމުންދާ ބޮޑު ކާރިޘާއެކެވެ.

ޖަލުގެ ތޭރިތަކާއި ލަގްޒަރީ ދިރިއުޅުން

Advertisement

މި ބޮޑު މުޞީބާތުގެ އެންމެ ހިތި އަދި އެންމެ ބޭއިންސާފު އެއް ޙަޤީޤަތަކީ، މުޖުތަމަޢު މީހުންނާ މެދު ދެކޭ ގޮތުގައި އޮތް ބޮޑު ފަރަގެވެ. މަސްތުވާތަކެތީގެ އަޅަކަށްވެ، އޭގެ މަޅީގައި ޖެހި ސަލާމަތްނުވެވިފައިވާ ނިކަމެތި އިންސާނާއަކީ މުޖުތަމަޢުގެ ނަޒަރުގައި “ނުބައި ކުށްވެރިއެކެވެ”. މީހުންގެ މަލާމާތާއި ފުރައްސާރަ އަމާޒުވާ، ވަޒީފާއަކުން ޖާގައެއް ނުލިބޭ، އަދި އެންމެފަހުން ޖަލުގެ ހަނި ތޭރިތަކަކީ އޭނާގެ ދާއިމީ ގެދޮރު ކަމުގައި ވެގެންދާ ބާކީވެފައިވާ ފަރާތެކެވެ. އޭނާ ފެންނަނީ އެއްވެސް އަގެއް ނެތް، މުޖުތަމަޢުން އެއްލައިލަންޖެހޭ ކުނިގަނޑެއްގެ ގޮތުގައެވެ.

އަނެއްކޮޅުން، އެތައް ހާސް ޒުވާނުންނެއްގެ ދިރިއުޅުން ކަތިލައި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް މުއްސަނދިވާ މީހުންނަކީ މުޖުތަމަޢުގެ ޢިއްޒަތްތެރިންނެވެ. އެމީހުން ދުއްވަނީ އެންމެ އަގުބޮޑު ޒަމާނީ ކާރުތަކުގައެވެ. ދިރިއުޅެނީ އެންމެ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގައެވެ. ވިޔަފާރީގެ ދާއިރާގައާއި ސިޔާސީ މައިދާނުގައި އެމީހުންނަށް އޮންނަނީ ބަސްވިކޭ ނުފޫޒެކެވެ. މުޖުތަމަޢުގެ ކުރީ ސަފުން އެމީހުންނަށް ލިބެނީ ޖާގައާއި އިޙްތިރާމެވެ. ކުށްވެރިޔަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވި މީހާ ކަމުގައި ވާއިރު، އެ ވަބާ ފަތުރައިގެން ލޭގެ އަގުގައި ޤަނާޢަތްތެރިވާ ޖައްލާދުންނަށް ލިބެނީ އިއްޒަތާއި ޝަރަފެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ އެންމެ ހުތުރު އަދި ހިތްދަތި މަންޒަރެވެ.

މައިންބަފައިންގެ ކަރުނައިގެ މައްޗަށް ބިނާވާ މުއްސަނދިކަމާއި، މައިވަންތަކަމުގެ މާތް ކުލުނު

މަސްތުވާތަކެތި ވިއްކާ މީހުން އެ ޖަމާކުރާ ކަޅު ފައިސާއަކީ ހަމައެކަނި ކަރުދާސްކޮޅުތަކެއް ނޫނެވެ. އެއީ އެތައް ހާސް މައިންނާއި ބަފައިންގެ ހިތުން އޮހޮރޭ ލެޔާއި ކަރުނައެވެ. އެއީ މައިންބަފައިންގެ މޭ ފަޅައިގެންދާ އާހްތަކުގެ މައްޗަށް ބިނާކޮށްފައިވާ މުއްސަނދިކަމެކެވެ. މަސްތުގެ ވަބާގައި ޖެހިފައިވާ ދަރިއަކު ހުންނަ ގޭބިސީއެއްގެ ދިރިއުޅުމަކީ ވޭންދެނިވި ތަޖުރިބާއެކެވެ. ނުވަމަސް ދުވަހު ބަނޑުއަޅައި ވިހައި، އަމިއްލަ ލެއިން ކިރުދީގެން އެތަށް ބުރައެއް އުފުލައިގެން ބޮޑުކުރި ލޯބިވާ ދަރިފުޅު މަސްތުގެ ޑޯޒެއް ހޯދުމަށްޓަކައި މައިމީހާގެ ކަރުގައި ވަޅި ޖައްސާ މަންޒަރަކީ މިއަދު ދިވެހި އެތައް ގެއެއްގައި ހިނގާ ބިރުވެރި ޙަޤީޤަތެކެވެ. ގޭގައި ހުންނަ ކުދިކުދި ހިފާގެންގުޅޭ ސާމާނުން ފެށިގެން، ކާންބޯން ހުންނަ އެއްޗެހި ވިއްކާލައި، ގޭތެރެއަކީ ބިރުވެރިކަމުގެ ހާއްޔަކަށް ހަދާއިރުވެސް، އެ މަޔަކަށް އެ ދަރިފުޅު ދޫކޮށެއް ނުލެވެއެވެ.

މުޅި ދުނިޔެ އެ ދަރިފުޅު ބާކީކޮށްލިޔަސް، މައިވަންތަކަމުގެ މާތް ކުލުނަކީ އެއަށްވުރެ އަގުބޮޑު، ފުން އިޙްސާސެކެވެ. ދަރިފުޅުގެ އަތުން އަނިޔާ ލިބި، ހިތް ކުދިކުދިވެފައިވާ ޙާލުގައިވެސް، އެ މަންމަ ނިދާނީ އެ ދަރިފުޅު މަގުމަތީގައި މަރުވެދާނެތީ ކަންބޮޑުވެ، ދުޢާގައެވެ. ދަރިފުޅު މަސްތުވެގެން އައިސް ގެއަށް ވަންނައިރު ކާންދޭން އިނީ އެ މަންމައެވެ. ޖަލަށް ލުމުން އެންމެ ފުރަތަމަ އެތަނަށް ދުވެފައި ދަނީވެސް ހަމަ އެ މައިމީހާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިވެރިން އަރާމު ދާންމަތީގައި ނިދާއިރު، މަސްތުވާތަކެތި ބޭނުންކުރާ ދަރިންގެ މައިންބަފައިން ހޭދަކުރަނީ ލޮލުފިޔަ ނުޖެހޭ ބިރުވެރި އަދި ކަރުނައިން ފުރިގެންވާ އަނދިރި ރޭތަކެވެ.

ކަމާބެހޭ އިދާރާތަކުގެ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުލިބުން 

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުގެ ވުޒާރާތަކާއި ފުލުހުން ކުރާ މަސައްކަތްތަކުގެ ޚަބަރުތައް ދުވަހަކުވެސް މީޑިއާތަކުން ހުހެއް ނުވެއެވެ. މިވެނި އަދަދެއްގެ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ބުނެ ނޫސްބަޔާންތައް ނެރެއެވެ. ނަމަވެސް، ހިތާމައަކީ މިފަދަ ބޮޑެތި އޮޕަރޭޝަންތަކަށް ފަހުވެސް، މަގުމަތިން މަސްތުވާތަކެތި ހުސްނުވާ ކަމެވެ. އޭގެ އަގު ބޮޑުވެ ބޭނުންކުރާ މީހުންނަށް އަތުނުވާ ހިސާބަށް ދިއުމުގެ ބަދަލުގައި، މާ ފަސޭހައިން އަދި ގިނައިން އެ ތަކެތި ދައުރުވާ މަންޒަރު ފެނުމެވެ.

މި ކަމުން ސާފުވަނީ އެއް ކަމެކެވެ.  މުއައްސަސާތަކުގެ ދަލުގައި ޖެހެނީ މަގުމަތީގައި ކުދިކުދި ޕެކެޓު ވިއްކަން އުޅޭ ނިކަމެތިންނާއި، ބޭނުންކުރާ ކުދިން އެކަންޏެވެ. އަޑީގައި ތިބި އަސްލު މޭސްތިރިން، ނުވަތަ ޑްރަގް ލޯޑުން ތިބެނީ ޤާނޫނުގެ އަތް ނުފޯރާ ފަށުގައެވެ. ކޮންމެވެސް ސިޔާސީ ނުފޫޒެއްގެ ދަށުން ނުވަތަ ނިޒާމުގެ ތެރޭގައި އޮތް ކޮރަޕްޝަނެއްގެ ސަބަބުން އަސްލު ކުށްވެރިން ތިބެނީ ޙިމާޔަތް ކުރެވިފައެވެ. ބޮޑެތި ޝިޕްމަންޓްތައް އެތެރެކުރާ މީހުންގެ މައްޗަށް ދަޢުވާ ސާބިތުނުވެ ސަލާމަތްވާއިރު ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުބާރު މުޅި މުޖުތަމަޢުގެ ކުރިމަތީގައި ދަނީ ގެއްލެމުންނެވެ.

އިސްލާމީ ޙައްދުތަކާއި އަދަބު ތަންފީޒުނުވާ މައްސަލަ

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވީހިނދު މުޖުތަމަޢުގެ ފަސާދަ ހުއްޓުވުމަށްޓަކައި  ﷲ ސުބުޙާނަހޫ ވަތައާލާގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޙައްދުތަކާއި ޝަރުޢީ އަދަބުތައް ތަންފީޒުކުރުމުގައި މިވަނީ ފަސްޖެހިފައެވެ. މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތު ހަލާކުކޮށްލާ އިންސާނާގެ ބުއްދި، ޢާއިލާތަކުގެ ހިނިތުންވުން، ގައުމުގެ ހަމަޖެހުން ފަސާދަކުރާ އެއްޗަކަށްވީ ހިނދު މި ޖަރީމާ ހިންގާ މީހުންނަށް އިސްލާމްދީނުގައި އޮތީ ހަރުކަށި އަދަބު އަދަބު ދިނުމަށެވެ.

ނަމަވެސް، ހުޅަނގުގެ ވިސްނުންތަކާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި ހަދާފައިވާ ބޭރުގެ އޮނިގަނޑުތަކަށް ބަރޯސާވެ ޝަރުޢީ ނިޒާމު މިވަނީ ވާގި ނެތިފައެވެ. ބޮޑެތި ޑްރަގް ޑީލަރުން ހައްޔަރުކުރެވޭ މަދު ޙާލަތްތަކުގައިވެސް ޤާނޫނީ ލޫޕްހޯލް ތަކުގެ ބޭނުން ހިފައިގެން އެންމެ މޮޅެތި ވަކީލުން މެދުވެރިކޮށް އެމީހުން ކަފާލާތުގެ ދަށުން ސަލާމަތްވެއެވެ. ނުވަތަ އިޖުރާއީ ގޯސްތަކުގެ ނަމުގައި މައްސަލަ ބޭރުކޮށްލެވެއެވެ. ހައްޤު އަދަބު ނުލިބި ކުށްވެރިން މުޖުތަމަޢަށް ދޫވެގެން ދިއުމަކީ އެމީހުންނަށް އިތުރު ހިތްވަރަކަށްވެ މުޅި ޝަރުޢީ ނިޒާމަށް އޮންނަ އިތުބާރު ކެނޑިގެންދާ މައިގަނޑު ސަބަބެކެވެ.

އުއްމީދުތައް މަރުވާ ދިގު ކިޔޫތައް

މަސްތުގެ އަނދިރިކަމުން އަލިކަމަށް އަންނަން ބޭނުންވާ އެތައް ސަތޭކަ ޒުވާނުންނެއް މިއަދުވެސް އެބަތިއްބެވެ. އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި ފަރުވާއަށް އެދި ރޮއި އާދޭސްކުރާ ޒުވާނުން މަދެއް ނޫނެވެ. ނަމަވެސް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދޮރުތަކުން އެމީހުންނަށް ކުރިމަތިލާން ޖެހެނީ މާޔޫސްކަމާއެވެ.

އެންޑީއޭގެ ފަރުވާގެ ނިޒާމަކީ އެތައް އިދާރީ ހުރަސްތަކަކުން ބަންދުވެފައިވާ ނިޒާމެކެވެ. ރީހެބިލިޓޭޝަން ސެންޓަރުތަކުގެ ޖާގައިގެ ދަތިކަމާއި، ވަޞީލަތްތަކުގެ މަދުކަމުގެ ސަބަބުން ފަރުވާއަށް އެދޭ ޒުވާނާ ޖެހެނީ  އެތަށް މަސްތަކާއި އަހަރުތަކަށް ދެމިގެންދާ ވެއިޓިންގ ލިސްޓެއް ގައި އިންތިޒާރުކުރާށެވެ. މި ދިގު އިންތިޒާރުގައި ހުންނަ ދުވަސްވަރު އަނެއްކާވެސް މަސްތުގެ ވަކިތަކުގެ ތެރެއަށް އޭނާ ވެއްޓިގެންދެއެވެ. ބައެއް ފަހަރު ފަރުވާގެ ފުރުޞަތު ލިބޭއިރު އެ ޒުވާނާ އޮންނަނީ މަގުމައްޗަށް އޯވަރޑޯޒްވެ މަރުވެފައެވެ. ނުވަތަ ޖަލުގެ އަނދިރިގޮޅިއެއްގައެވެ. ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކުރާއިރު، ހަޤީޤީ ފަރުވާއެއް ދެވޭނެ ހަރުދަނާ ނިޒާމެއް މިއަދާ ހަމައަށްވެސް ޤާއިމުކުރެވިފައި ނެތުމަކީ ފުން ހިތާމައެކެވެ.

އޭސީ ކޮޓަރިތަކުގެ މަހާސިންތާ އާއި މަގުމަތީގެ ހިތި ޙަޤީޤަތް

މި މައްސަލަ ޙައްލުކުރުމުގެ ނަމުގައި ސަރުކާރުތަކުން ބާއްވާ ބައްދަލުވުންތަކާއި މަހާސިންތާތަކާއި ވަރކްޝޮޕްތަކަކީ ނިމުމެއް ނެތް ސިލްސިލާއެކެވެ. ފިނިކުރި ކޮޓަރިތަކުގައި އަގުބޮޑު ސޫޓުތައް ތުރުކުރައްވައިގެން ތިއްބަވާ ވެރިން އެތައް ގަޑިއިރެއް ވަންދެން ޕްރެޒެންޓޭޝަންތައް ދައްކަވައެވެ. ފޮތްފޮތަށް ޕޮލިސީތަކާއި ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލައެވެ. ނަމަވެސް ސުވާލަކީ މި ހުރިހާ ބައްދަލުވުންތަކުން ނުކުތް ޙަޤީޤީ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ އެ ބައްދަލުވުންތަކުން ރަނގަޅުވީ ކިތައް ޒުވާނުން ހެއްޔެވެ؟

ޙަޤީޤަތަކީ އެ މޭޒުތަކުގެ މަތީގައި އޮންނަ ކަރުދާސްތަކާއި ބިންމަތީގައި އޮތް ހިތި ޙަޤީޤަތާ ދެމެދު އުޑާއި ބިމުގެ ފަރަގެއް ވާކަމެވެ. އޭސީ ކޮޓަރިތަކުގައި ވާހަކަ ދައްކަވަން ތިއްބަވާއިރު މަގުމަތީގައި ދިވެހި ޒުވާނުން ދަނީ އެކަތިގަނޑަކަށް އަނދައި އަޅިއަށް ވަމުންނެވެ. އިންތިޚާބުތަކާ ދިމާކޮށް ޒުވާނުންގެ ވޯޓު ހޯދުމަށް މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރާނެ ކަމަށް ވިދާޅުވެ ވެވަޑައިގަންނަވާ ވަޢުދުތަކަކީ އިންތިޚާބު ނިމުމާއެކު ހަނދާންނެތޭ ފުއްޕާހަމަކަށް ވެގެންދެއެވެ. ޤައުމުގެ އެންމެ ބޮޑު މައްސަލަ ސިޔާސީ ކުޅިވަރަކަށް ހަދައިގެން ތިބުމަކީ ޤައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.

ދިވެހި މުޖުތަމަޢު މިއަދު މިވަނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. މަސްތުވާތަކެތީގެ މި ވަބާއަކީ ހަމައެކަނި ވަކި ބަޔަކަށް ޖެހިފައިވާ މުޞީބާތެއް ނޫނެވެ. މިއަދު ތިބާގެ އަވަށްޓެރިޔާގެ ދަރިފުޅަށް ޖެހިފައިވާ މި ބަލިމަޑުކަން މާދަމާ ތިބާގެ އަމިއްލަ ގޭގެ ދޮރުގައި ޓަކި ނުޖަހާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. މައިންބަފައިންގެ ލޮލުން އޮހޮރޭ ކަރުނައިގެ އަޑު ނީވޭ ކަމަށް ހަދައި ބޮޑެތި ވިޔަފާރިވެރިންގެ ފައިސާއަށް އަޅުވެތިވެ، ކަމާބެހޭ ފަރާތްތަކުން ޣާފިލުކަމުގައި ތިބޭނަމަ މި ޤައުމު ބޮޑު ސަހަރާއަކަށް ވެގެންދާކަށް މާ ގިނަ ދުވަހެއް ނެތެވެ.

މި މުޖުތަމަޢަށް މިއަދު ބޭނުންވަނީ ހަމައެކަނި ހިތްވަރުގެ ބަސްތަކާއި ބޭކާރު ކޮންފަރެންސްތަކެއް ނޫނެވެ. ބޭނުންވަނީ މި ވިހަ ގަހުގެ މުލުން ލުހެލާނެ ފަދަ ޢަދުލުވެރި ހަރުދަނާ އަދި އިޚްލާޞްތެރި ހިތްވަރެކެވެ. މަސްތުވާތަކެތި ވިއްކާ މީހުންނަށް ދޭންޖެހޭ ޙައްޤު އަދަބު ދީ އެ ވަބާގައި ޖެހިފައިވާ ނިކަމެތިންނަށް އޯގާތެރިކަމާއެކު ފަރުވާދެވޭނެ ނިޒާމެއް ޤާއިމުނުކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ މުސްތަޤްބަލު އޮތީ އަނދިރިކަމުގެ ތެރޭގައެވެ. ދިވެހި މައިންގެ ކަރުނައިން ފުރިފައިވާ މި ޤައުމަށް ދެން ކެތްވާނީ ކިހާ ދުވަހަކު ބާވައެވެ؟

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.