ދިވެހިރާއްޖެ އިސްލާމްވި ފަހުން އެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީއެންސީ ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި ޝާއިޢުކުރި މަޢުލޫމާތު ދައްކާގޮތުން ވެރިކަންކުރާ ޕީއެންސީގެ މެމްބަރޝިޕް އެއް ލައްކަ ފަހަނައަޅާ ގޮސްފިއެވެ. އެހެންކަމުން މިއީ ދިވެހިރާއްޖެ އިސްލާމްވި ފަހުން ތާރީހުގައި ވެސް އެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ސިޔާސީ ޕާޓީ އަދި މެމްބަރުން އެންމެ ގިނަ ޕާޓީއެވެ.
ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ވެރިކަމަށް އައި އިރު ޕީއެންސީގައި ތިބީ އެންމެ 3،000 މެންބަރުންނެވެ. އެހެން ނަމަވެސް ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ތިން އަހަރު ދުވަހުގެ ތެރޭގައި ޕީއެންސީން ވަނީ އެއް ލައްކަ ހަމަކޮށްފައެވެ. މި ބޮޑު ކާމިޔާބީ ފާހަގަކޮށް ޕީއެންސީގެ ލީޑަޝިޕުން ވިދާޅުވަނީ، އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އެ ޕާޓީ ދެމިއޮތީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނާތީ ކަމުގައެވެ.
އިދިކޮޅު އެމްޑީޕީގައި ތިބީ އެންމެ ބައިލައްކަ މެންބަރުންނެވެ. އެއީ ދެވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީއެވެ. ޖުމްލަ ހަތް ޕާޓީއެއް މި ވަގުތު ރާއްޖޭގައި ހަރަކާތްތެރި ވަމުންދާ އިރު، އިތުރު އެއްވެސް ޕާޓީއެއްގައި ދިހަ ހާސް މެންބަރުން ހަމައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު