ށ. އަތޮޅު ފުނަދޫގައި ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް އޮތް އޮތުން ބަދަލުވާން ފަށައިފި އެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން އިދިކޮޅު އެމްޑީޕީއަށް ސޮއި ކޮށްފި އެވެ.
ފުނަދޫ ދާއިރާއިން ވާހަކަދެއްކި މީހަކު ބުނީ، ފުނަދޫ ދާއިރާގައި ޕީއެންސީ މަޖިލިސް މެންބަރެއް ހުރެ މި ބަދަލު އައުމަކީ ވަރަށް ތާރީޚީ ބަދަލެއް ކަމަށެވެ. ފުނަދޫ ދާއިރާގެ މެންބަރު ފާހަގަ ކުރެވެނީ މި ސަރުކާރު ޕްރޮމޯޓުކުރުމަށް އެކްޓިވިސްޓެއްގެ ލެވެލްގައި މަސައްކަތް ކުރައްވާ މަޖިލިސް މެންބަރެއްގެ ގޮތުގައެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ހަފުތާގެ ތެރޭގައި ށ. ފުނަދޫން އެކަނި 155 މީހަކު ވަނީ އިދިކޮޅު އެމްޑީޕީ އާއި ގުޅިފައެވެ. އަދި މީގެ އިތުރުން ށ. މާއުނގޫދޫން 54 މީހަކާއި، ށ. ޅައިމަގުން 36 މީހަކާ އެކު ޖުމްލަ 245 މީހަކު މިވަނީ އެމްޑީޕީ އާއި ގުޅިފައެވެ. މަޢުލޫމާތު ލިބޭގޮތުގައި މީގެ ތެރޭގައި ގިނައީ ކުރިން ޕީއެންސީގައި ތިބި ފަރާތްތަކެވެ.
މި ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދާއިރު، ދާއިރާގައި ހިމެނޭ ތިން ރަށުން ކުރެ އެއްވެސް ރަށެއްގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަކަށް ނުދެއެވެ. އެހެންވެގެން ދާއިރާގެ ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އަދި ސަރުކާރަށާއި، މަޖިލިސް މެންބަރަށް ކުރި އިތުބާރު ވަނީ ގެއްލިފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ފުނަދޫން އެކަނި 250 އަށް ވުރެ ގިނަ މީހުން މިބުރު އެމްޑީޕީއަށް ވަންނާނެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ތިން ރަށުން ވެސް ކެންޑިޑޭޓުން ވާދަކުރެއެވެ. މިއީ ވެސް މެންބަރުން އިތުރުވުމަށް ބާރު ލިބޭ ކަމެކެވެ. ޚަބަރު ލިބޭގޮތުގައި މިހާތަނަށް ތިން މީހަކު ވަނީ ދާއިރާގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަން އިޢުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު