ފެރީ ޓިކެޓް ދޫކުރުމުގެ ޚިދުމަތް މުޅިން އެހެން ލެވެލް އަކަށް ގެންގޮސްދިން “ފުރާޤު” ފެރީން އެމީހުންގެ އޮންލައިން ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ތަރައްޤީކޮށް ވެބްސައިޓް މިރޭ އަލުން އިފްތިތާޙް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެންމެ އާދައިގެ ގޮތެއްގައި ފެރީގެ ޚިދުމަތަށް ނިކުތް ފުރާޤު ވެގެންދިޔައީ މަދު އަހަރުކޮޅެއްގެ ތެރޭގައި އެތައް މިލިޔަން ފުރިޔާގެ އަގުހުރި އިންވެސްޓްމަންޓަކަށް ބަދަލުކޮށްލި ވިޔަފާރި އަކަށެވެ. ފުރާޤު ކުންފުންޏަކީ އަތޮޅުގައި އޮންލައިންކޮށް ޓިކެޓް ދޫކުރުމުގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރި ފަރާތް ވެސް މެއެވެ.
ފުރާޤުން ގެންދަނީ އެމީހުންގެ ޚިދުމަތްތައް ޒަމާނީކޮށް، ފަސިންޖަރުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހެދުމަށް އިސްކަމެއް ދެމުންނެވެ. އެގޮތުން އެމީހުންގެ އޮންލައިން ވެބް ޕޯޓަލް އިތުރަށް ތަރައްޤީކޮށް މިރޭ އަލުން އިފްތިތާޙް ކުރެވިގެންދާއިރު، ޓިކެޓް ނަގާ ފަރާތްތަަކަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
ފުރާޤުގެ އިސް އޮފިޝަލަކު މިލައުތުރު އޮންލައިންއަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވި ގޮތުގައި، އަލަށް މި ގެނެވޭ ބަދަލުތަކާއެކު ކަސްޓަމަރުންނަށް އަމިއްލައަށް ސީޓް ބަދަލުކޮށް، ތާރީޚް ވެސް ބަދަލު ކުރެވޭނެއެވެ. މީގެ އިތުރުން ޓިކެޓް ލިބިފައިވާ ސީޓް ބަލައިލުމާއެކު ވަގުތުން ބިލް ވެސް ޖެނެރޭޓް ކުރެވޭނެ އެވެ.
ފުރާޤަކީ ށ. ފޯކައިދޫ އާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ އަދި ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ވިޔަފާރިއެކެވެ. އެގޮތުން ށ. އަތޮޅުގެ އިތުރުން ވެސް މި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ އަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު