އަމްފާ އާއި “ދަ ރީޑިންގ ރޫމް” ގުޅިގެން ގުރައިދޫ ސްކޫލުގައި ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަކޮށްފި

މިލައުތުރު | 17 އޮކްޓޯބަރ 2026 | ރިޕޯޓު

އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި ‘ދަ ރީޑިންގ ރޫމް’ ގުޅިގެން، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަކުރުމުގެގޮތުން، ކ. ގުރައިދޫ ސްކޫލުގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ. ގުރައިދޫ ސްކޫލުގައި މިއަދުގެ މެންދުރުކުރީ  ދަންފަޅީގައި ކުރިއަށް ގެންދިޔަ މި ޙަރަކާތްތަކަށް އެ ސްކޫލުގެ ފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

Advertisement

ގްރޭޑް 1 އިން 10 އަށް ތަޢުލީމު ފޯރުކޮށްދޭ، ޖުމްލަ 248 ދަރިވަރުން ކިޔަވަމުންދާ ގުރައިދޫ ސްކޫލުގައި ބޭއްވި މި ޙަރަކާތުގައި ގުރޭޑް 3 އާއި ގުރޭޑު 9އާއި ދެމެދުގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއަދު ބޭއްވުނު ޙަރަކާތްތަކުގެ ތެރެއިން ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ސާޝާ މެކްގިލަންއެވެ.

ސާޝާ މެކްގިލަންގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ގާރލް ޗައިލްޑް ދުވަސް ފާހަގަކުރަން އދ އަށް ނިންމި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އަންހެން ކުދިންގެ ޙައްޤުތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (DFAT) ގައި ސާޝާ މެކްގިލަން އަދާކުރައްވަމުން ގެންދަވާ ޑިޕްލޮމެޓިކް ކެރިއަރާއި އެ ދާއިރާގެ ތަޖުރިބާތައް ދަރިވަރުންނާއި ޙިއްޞާކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ‘ދަ ރީޑިންގ ރޫމް’ އިންވަނީ ފޮތްކިޔުމުގެ ޝައުގުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ދަރިވަރުން ބައިވެރިކޮށްގެން ވާހަކަ ކިޔުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ސެޝަންތައް އަމާޒު ކުރެވުނީ ގުރޭޑް 3 އިން ފެށިގެން ގުރޭޑް 7ގެ ދަރިވަރުންނަށެވެ.

އަމްފާއިން މަޢުލޫމާތު ދިންގޮތުގައި ގުރައިދޫ ސްކޫލުގައި ހިންގުނު ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މަޢުލޫމާތު މުއްސަދިވެ، އެމީހުންގެ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ދިޔައެވެ. އަދި މިއަދުގެ ޙަރަކާތްތަކަކީ ވަރަށް ކާމިޔާބު ޙަރަކާތްތަކަކަށް ވެގެންދިޔަކަމަށްވެސް އެފަރާތުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.