ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާ ތަކެތީގެ އައްޑާއެއް ކަމަށް ބުނެ ފުލުހުން ވަދެ ހައްޔަރު ކުރި ބައެއްގެ ވަނަވަރު އާއްމު ކުރި އިރު ޓީވީ ޕްރެޒެންޓަރ އިނާޔަތު ޢަލީ ހިމެނުމުން ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.
ދިވެހި ފުލުހުންގެ އިދާރާއިން މީޑިއާ ތަކަށް ދިން މައުލޫމާތުތަކާއެކު މީހުން ހައިރާންވި އެންމެ ބޮޑު ސަބަބަކަށް ވީ މަސްތުގެ ޙާލަތުގައި ތިއްބާ ފުލުހުން ނެގި މީހުންގެ ތެރޭގައި އިނާ ހުރުމެވެ. އެއީ ދައުލަތުގެ މީޑިިއާ ޕީއެސްއެމްގައި މަަސައްކަތް ކުރާތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ މުވައްޒަފެއް، ފުލުހުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގަ އެވެ. މި ޚަބަރާއެކު އޭނާއާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި ރަހުމަތްތެރިންނަށް ބޮޑު ޝޮކެއް ލިބިގެންދިޔައެވެ.
އެންމެ ގާތް އެކުވެރިންނަށް ވެސް ނޭނގޭ ކަމަކީ އިނާގެ ޙަޔާތުގައި ދިމާވި ހިތާމަވެރި ކަންކަމައެކު އޭނާ ތަހައްމަލް ކުރަމުން ގެންދާ ޑިޕްރެޝަންގެ ހާސްކަމެވެ. ފަހަރެއްގައި ވެސް މިވާހަކަ މި ލިޔަނީ އޭނާ ކުރި ކުށެއް ދިފާއުކުރުމުގެ މަޤުޞަދަކު ނޫނެވެ. އޭނާ ވިޔަސް އަދި އެހެން މީހަކު ވިޔަސް މަސްތުވާތަކެތި ބޭނުންކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އެހެން ނަމަވެސް މި ޙާދިސާއާއެކު އޭނާ ބާކީ ކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެ އެވެ. އެފަދަ މީހުންނަށް އެހީތެރިވެދީގެން މުޖުތަމަޢަށް އަނބުރާ ގެނެވޭތޯ ބެލުމަކީ މުހިންމު ކަމަކަށް ވާތީއެވެ. އޭނާގެ ވާހަކައަކީ ބޭނުންތެރި ފިލާވަޅެއްގެ ގޮތުގައި ވެސް ވެދާނެތީ އެވެ.
އިނާގެ ވަރަށް ގާތް އެކުވެރިޔަކު ކިޔައިދިން ގޮތުގައި އޭނާގެ ކާވެނި ނާކާމިޔާބުވުމާ ގުޅިގެން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އެކަމުގެ ތެރޭގައި ރަނގަޅަށް ނުނިދާ ނުކައިނުބޮއެ އެތައް އަހަރުތަކެއް ހޭދަކުރި އެވެ. އަދި ޑިޕްރެޝަންގެ ވޭންތަކުގެ ތެރެއަށް ޣަރަޤުވެގެން ދިޔައެވެ. އިނާގެ ބައްޔަށް ބޭސް ވެސް ކުރި، ރުގުޔާ ވެސް ކުރި، ފަންޑިތަ ވެސް ހެދި ނަމަވެސް އޭނާއަށް އެކަމުން އެއްކޮށް އަރައިގަނެވޭ ގޮތެއް ނުވިއެވެ. އޭގެ ފަހުން އޭނާއަށް ހިތްހަމަޖެހުމެެއް ލިބިދޭ ކޮންމެ ކަމެއް ކޮށްގެން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރަމުން ގެންދަނީ މާލޭގައި ހުރުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކަމުގައި އޭނާގެ އެކުރިޔާ ވަރަށް އަސަރާއެކު ކިޔައިދިނެވެ.
ޑިޕްރެޝަނަކީ ސަމާސާއެއް ނޫނެވެ. އެއީ ވަރަށް ނުރައްކާތެރި ފަސޭހަކުރަން އުނދަގޫ ބައްޔެކެވެ. އަދި ބައެއް މީހުންނަށް ބައްޔެއް ކަމަށް ޤަބޫލުކުރަން އުނދަގޫ ބައްޔެކެވެ.
ކިޔުންތެރިންގެ ހިޔާލު