
ކ. ގުޅި — “ގުޅީ ކައުންސިލް ފުޓްސަލް ފިއެސްޓާ 2026” ގެ މެޗުތައް އަންގައިދޭ “މެޗް ޑޭ” ޕޯސްޓަރުތައް، ރާއްޖޭގައި މިހާތަނަށް މިފަދަ މުބާރާތެއްގައި ނުފެންނަ ފަދަ ޚާއްޞަ އަދި އައު ގޮތަކަށް ފަރުމާކޮށް އާންމުންގެ ސަމާލުކަން ހޯދައިފިއެވެ.
މި މުބާރާތުގެ ދެ ޑިވިޝަނެއްގައި ޖުމްލަ 16 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މެޗެއްގެ ކުރިމަތިލުންތައް އިޢުލާނުކުރުމަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރުތައް ޚާއްޞަވާ މައިގަނޑު ސަބަބަކީ، އެ ޕޯސްޓަރުތަކުގައި ހިމަނާފައިވާ ކުރެހުންތަކެވެ. މި ކުރެހުންތަކަކީ ގުޅީ ސްކޫލްގެ ތުއްތު ކުދިން، ފުޓްބޯޅައާ ގުޅުވައިގެން އަމިއްލަ އިޚްތިޔާރުގައި ކުރަހާފައިވާ ނަލަ ކުރެހުންތަކެކެވެ.
މިފަދަ ބޮޑު މުބާރާތެއްގެ ތެރެއިން ސްކޫލް ދަރިވަރުންނާއި ތުއްތު ކުދިންގެ ބައިވެރިވުން ހިމެނުމުގެ މުހިންމު މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތުން، އެ ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އޮތް ލޯތްބާއި، ފަންނީ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފައެވެ. ކޮންމެ ޕޯސްޓަރަކުންވެސް ފެނިގެންދަނީ ޅަފަތުގެ ޚިޔާލުތަކާއި ކުޅިވަރުގެ ރޫޙު އެކުލެވިގެންވާ މައުސޫމު ފަރުމާތަކެކެވެ.
މިއީ ގުޅީ ކައުންސިލާއި، ގުޅީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އަދި ގުޅީ ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ ވަރަށް އަގުހުރި، އިޖުތިމާޢީ ގޮތުން ވެސް ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެކެވެ.
ރާއްޖޭގެ ކުޅިވަރު މުބާރާތެއްގެ މެޗް ޑޭ ޕޯސްޓަރުތައް ތައްޔާރުކުރުމުގައި ކުޑަކުދިންގެ އަމިއްލަ ކުރެހުންތައް މިގޮތަށް ބޭނުންކުރި މިއީ ފުރަތަމަ ފަހަރެވެ. މި އީޖާދީ ވިސްނުމާއެކު ގުޅީ ކައުންސިލްގެ މި ހަރަކާތް ވެގެން ގޮސްފައިވަނީ މުޅި މުޖުތަމަޢު އެކަތިގަނޑަކަށް ހަދައި، ކުޅިވަރުގެ ތެރެއިން ޖީލުތައް ގުޅުވައިދިން ނަމޫނާ މަސައްކަތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު