އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގައި އަންހެނުންގެ ރޫޙަށް އިންތިޙާބު ކުރާ 5 ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށް އާމިނަތު މުޙައްމަދު ސަލީމް (ސޯނީ) ވާދަކުރަނީ މައުނަވީ މުހިންމު މަޤްޞަދުތަކާ އެކުގައެވެ.
ލީޑަރޝިޕަށް އަންހެނުން އައުމަކީ ރަނގަޅު ޖީލެއް ބިނާކުރުމަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމުގައި އޭނާ ޤަބޫލުކުރެއެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުމަކީ ދިވެހި މުޖުތަމަޢުން މިހާރު ފެންނަންއޮތް ޙާލަތު ހެޔޮގޮތުގައި ބަދަލުކޮށްލުމުގެ ފުރިހަމަ ޤާބިލުކަން ހުރި ބައެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކުރެއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މައިގަނޑު މަޤްޞަދުތައް އޭނާ ވަނީ ހާމަކުރައްވާފައެވެ. އެއީ، އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވައި، ނިންމުންތައް ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާއާއި ބައިވެރިވުން އިތުރުކުރުމާއި، ޒުވާން އަންހެންކުދިންނަށް ސިޔާސީ ދާއިރާއިން ފަހި ފުރުޞަތުތައް ހޯދައިދިނުމާއެކު ޕާޓީގެ ހިންގުމުގައި އެކަނބަލުންގެ ދައުރު ފުޅާކުރުމާއި، ޢިލްމީ، ޤާބިލް އަދި ހުނަރުވެރި އަންހެނުންނަށް ލީޑަރޝިޕްގައި މަސައްކަތް ކުރުމާއި، ސިޔާސަތު އެކަށައެޅުމުގައި، ޤައުމީ މަޖިލިހުގައި ޙައްޤު ޖާގަ ހޯދައިދިނުމާއި، ޕާޓީގެ އެންމެހާ ލޮބުވެތި ކަނބަލުންގެ އަޑު އެންމެ މަތީ ފަންތީގައި ސާބިތުކަމާއެކު އިއްވައިދިނުމެވެ.
އެމްޑީޕީގެ އެންމެހާ ލޮބުވެތި އަންހެން މެންބަރުންގެ ފުރިހަމަ ތާއީދާއި އަގުހުރި ވޯޓް ދެއްވުމަށް އެދި ހިއްސާކުރި ޕޯސްޓަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި އަންހެނުންގެ ރޫޙުގެ މެންބަރުކަމަށް އިންތިޚާބު ވެެއްޖެނަމަ، އޭނާ ވެގެންދާނީ އެންމެހާ ކަނބަލުންގެ ފަރާތުން އެއްވެސް ފަސްޖެހުމެއްނެތި ވަކާލާތުކޮށް، އަޑުއިއްވައިދޭނެ ޚާދިމާއެއް ކަމުގައެވެ. އޭނާގެ ކެންޑިޑޭޓް ނަންބަރަކީ 15 އެވެ. ވޯޓުލެވޭނީ އަންހެނުންނަށް އެކަންޏެވެ. އަދި ވޯޓުލުން އޮންނާނީ 27 ނޮވެމްބަރު ގައެވެ.

ކިޔުންތެރިންގެ ހިޔާލު