އެއާޕޯޓް އޮތޯރިޓީތަކާއި، އެއާޕޯޓް ލައުންޖްތަކާއި، މޯލްތަކާއި، ހޮޓެލް މެނޭޖްމަންޓާއި، މުޅި ހޮސްޕިޓަލިޓީ އިންޑަސްޓްރީ އިން ވެސް މުވައްޒަފުންނަށް ހެޔޮކޮށް ހިތުމަށް ސޯނޫ ސޫދު ގޮވާލައިފި އެވެ.
އަޅުގަނޑުމެންނަށް ފެންނަނީ އެއާޕޯޓްގެ ކައުންޓަރުތަކާއި، ލައުންޖްތަކާއި، ހޮޓަލުގެ ރިސެޕްޝަންތަކާއި، ސާވިސް ޑެސްކްތަކުގައި 10-12 ގަޑިއިރު ވަންދެން މުވައްޒަފުން ތިބެ، ހިނިތުންވުމާއެކު މަރުހަބާ ކިޔައި ޚިދުމަތްދޭތަން ކަމަށާއި، އެކަމަކު މިއީ ޖިސްމާނީ ގޮތުން ކިހާ ވަރުބަލި ވާންޖެހޭނެ ކަމެއް ކަމާމެދު އެއްވެސް ބަޔަކު ވިސްނާތޯ ސޯނޫ ސޫދު ސުވާލު އުފައްދާފައި ވެއެވެ.
ސޯނޫ ގަބޫލުކުރާ ގޮތުގައި މިފަދަ ކޮންމެ މަސައްކަތްކުރާ ތަނެއްގައި ވެސް ކޮންމެހެން ސްޓޫލްއެއް ނުވަތަ އިށީނދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަސައްކަތް ކުރުވާ ކޮންމެ ވަގުތެއްގައި ވެސް މުވައްޒަފުންނަށް އިށީނދެ އަރާމުކުރެވޭނެ ގޮތް ހަދަން ޖެހޭނެ ކަމަށެވެ.
މެހެމާންދާރީއަކީ މީހުންނަށް އަރާމު އިހުސާސެއް ކުރުވާކަމެއް ކަމަށާއި، އަޅުގަނޑުމެންނަށް އަރާމުކޮށްދޭ މީހުންނަށް ވެސް ހަމަ އެ ވިސްނުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. ކުޑަކޮށް އަރާމުކޮށްލުމަކީ ލިބޭ އިމްތިޔާޒެއް ނޫނެވެ. އެއީ ކަރާމާތާއި އޯގާތެރިކަމާއި އިންސާނީ މަސައްކަތުގެ ހާލަތުގެ އަސާސީ ކަަމެއް ކަމަށެވެ.
މިއީ މުޅި އިންޑަސްޓްރީގައި ވެސް މިންގަނޑަކަށް ހެދުމަށް ގޮވާލާފައި ވެއެވެ. މިފަދަ ސިޔާސަތަކަށް ކުޑަ ބަދަލެއް ގެނައުމަކީ ވެސް މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު