ޒުވާނަކު ކިޔައިދިނެވެ. އެއްދުވަހަކު އަހަރެންނާއި އަހަރެންގެ ބައްޕައާ ދެމެދު ކޮންމެވެސް ކަމެއްގައި ހިތްހަމަ ނުޖެހިގެން ޚިލާފު އުފެދި އަޑުގަދަވާ ހިސާބަށް ހިނގައްޖެއެވެ. އެވަގުތު އަހަރެން އިނީ މޭޒު ދޮށުގައި ކިޔެވުމުގައި މަޝްޢޫލުވެގެންނެވެ. އަތުގައި ކަރުދާސްތަކެއް ހުއްޓެވެ. ބައްޕަދެކެ އައި ރުޅީގައި މޭޒު މައްޗަށް އެ ކަރުދާސްތައް އުކާލުމަށްފަހު، ހިތްނުތަނަވަސްކަންމަތީ އަހަރެން ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ. ބޯ މަތީގައި ބަލީސް އަޅައިގެން އަހަރެން އޮށޯތީ ނިދާށެވެ. ހިތްހަމަ ނުޖެހޭ ކަންކަމާ ކުރިމަތި ނުލައި އެކަންކަމުން ފިލުމަށާއި ހިތްނުތަނަވަސްވާ ހިނދު އެންމެ ރަނގަޅީ ނިދުން ކަމަށް އަހަރެންނަށް ގަބޫލުކުރެވޭތީއެވެ.
ޖެހިގެން އައިދުވަހެވެ. އަހަރެން ކޮލެޖުން ނިކުމެ، ބައްޕައަށް މެސެޖެއް ފޮނުވާލުމަށް ގަސްދުކޮށް ޖީބުން ފޯނު ނެގީމެވެ. ބައްޕައާ މަސަލަސްވުމުގެ ބޭނުމުގައެވެ. ބައްޕަގެ ލޯބިން ފުރިފައިވާ ހިތާ ކުޅެލެވޭ ފަދަ ގޮތަކަށް ޢިބާރާތްކޮށް އަހަރެން ލިޔުނީމެވެ. “އިންސާނާގެ ފައިތިލައިގެ މަތީފުށަށްވުރެ ދަށްފުށް މަޑުވެފައި އޮމާން ކަމަށް މީހުން ބުނާތީ އަޅުގަނޑު އަޑުއެހީމެވެ. އެކަން ޔަގީން ކުރުމަށް ބައްޕަގެ ފައިތިލައިގައި ބޮސް ދިނުމުގެ އިޒުނަ ދެއްވަފާނަންތޯއެވެ.” މެސެޖް ބައްޕައަށް ފޮނުވާލުމަށްފަހު، އަހަރެން ހިނގައި ގަތީ ގެޔަށް ދިޔުމަށެވެ.
އަހަރެން ގެޔަށް ފޯރައި ގޭގެ ދޮރު ހުޅުވިއިރު، ބައްޕަ އިންނެވީ ސޯފާގައި އިށީންނަވައިގެން އަހަރެންގެ އިންތިޒާރުގައެވެ. ބައްޕަގެ ކޯތާފަތްމަތި ވަނީ ކަރުނައިގެން ތެމިފައެވެ. ބައްޕަ އަހަރެންނާ ދިމާލަށް ބައްލަވަމުން ވިދާޅުވިއެވެ. “ބައްޕަގެ މިދެފައިގައި ބޮސްދޭކަށް ދަރިފުޅަކަށް ހުއްދަ ނުދޭނަމެވެ. އެކަމަކު ދަރިފުޅު އަޑުއެހީ ރަނގަޅު ވާހަކައެކެވެ. އިންސާނާގެ ފައިތިލައިގެ މަތީފުށަށްވުރެ ދަށްފުށް މަޑުވެފައި އޮމާނެވެ. ތުއްތުއިރުއްސުރެ ދަރިފުޅުގެ ތިޔަ ދެފައިތިލައިގެ މަތީފުށާއި ދަށްފުށުގައި މި ބައްޕަ ބޮސްދީ ހެދުމުން، މި ބައްޕައަށް އެކަންވަނީ ޔަގީންވެ ކަށަވަރު ވެފައެވެ.” ބައްޕަގެ އެޖުމްލަތަކުން އަހަރެންގެ ދެލޯ ކަރުނައިން ފުރި ބަންޑުންވިއެވެ.
ﷲގެ އަމުރުފުޅު އައުމުން އަހަރަމެންގެ މައިންބަފައިން މިދުނިޔެ ދޫކޮށް ދާނެތެވެ. މައިންބަފައިން އަހަރަމެންނާ ވަކިވެ ދިޔުމުގެ ކުރިން އެ މައިންބަފައިންނާއެކު ގިނައިން ވަގުތު ހޭދަކުރެވޭތޯ ބަލާށެވެ. މައިންބަފައިން އަހަރެންމެން ދޫކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ރުޖޫޢަވެފައިވާނަމަ، މައިންބަފައިންނަށްޓަކައި ހެޔޮދުޢާކުރާށެވެ.
ނޯޓު: މިއީ ނިޔާވެފައިވާ ސޫރިޔާ މަޝްހޫރު ފަޤީހު އަދި ލިޔުންތެރިޔާ ޝައިޚް ޢަލީ އައްޠަންޠާވީގެ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ.