ރެގިއުލޭޓް ކުރަންވީ މީޑިއާތައް ނޫންކަމަށާއި “ރައީސް މީހާ ހަދާހާ ދޮގުތައް” ކަމަށް ތޮއްދޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް މިއަދު ވިދާޅުވެއްޖެ އެވެ.
ކަރަމް މިހެން ވިދާޅުވީ މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭ ބިލް ރައީސް ތަސްދީގު ކުރެއްވުމަށް އިޝާރާތް ކުރައްވައި އެބޭފުޅާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ހިއްސާކުރެއްވި ސްޓޭޓަސްއެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އއ. ތޮއްޑޫއަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ވަޢުދުވެވަޑައިގަތީ، މަސައްކަތް ހުއްޓިފައިވާ ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް އަލުން ފައްޓަވައިދެއްވުމަށް ބޭނުންވާ ފައިސާ ހަފުތާއެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަަދުގެ ނިޔަލަށް ހަތަރު ހަފުތާ ވެގެންދާއިރު ވެސް މަސައްކަތް ނުފެށޭތީ ކަރަމް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ގާނޫނާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މީޑިއާތައް ކޮންޓްރޯލް ނުކުރައްވާނެ ކަމަށާއި، ޙަޤީޤަތާ އެއްގޮތަށް ކޮންމެ ވާހަކައެއް ވެސް ހަމަ ލިޔަންވީ ކަމަށެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިހާރު ރައީސަކީ ވަރަށް ގިނައިން އިތުރުފުޅު ހައްދަވާ ބޭފުޅެކެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް ކަރަމް ވެސް އިޝާރާތް އެކުރެއްވީ އެކަމަށް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު