ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މަޢުމޫންގެ ކެމްޕެއިން ކެންވަސް ޕޯސްޓަރަކަށް ބަޔަކު ގެއްލުންދީފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހަރުކޮށްފައި ހުރި ޕޯސްޓަރުގައި އޭނާގެ ބޮލުން ބޮޑު ބައެއް ކޮނެލާ ފޫއަޅުވާލާފައި ވެއެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި މިއީ ޑިމޮކްރެސީ އާއި މިނިވަން ޚިޔާލާ ފިކުރާ ވަރަށް ބީރައްޓެހި އަދި އެހާމެ ނާތަހުޒީބު ޢަމަލެކެވެ. އަދި މިކަމަކީ ދުންޔާ މަޢުމޫންގެ އިންތިޚާބީ ޙައްޤަށް އުނިކަމެއް ލިބިދާނެ ކަމެކެވެ.
ކިތަންމެ ފޯރިގަދަކޮށް ކެމްޕެއިން ޙަރަކާތްތައް ހިންގިކަމުގައި ވިޔަސް ކެންޑިޑޭޓުންގެ ކެމްޕެއިން ވަޞީލަތްތަކަށް ގެއްލުން ދީގެން ނުވާނެއެވެ. މިއަށް ވުރެ ތަހުޒީބުކޮށް ކެމްޕެއިން ކުރެވެން ވާނެއެވެ. އަދި އެފަދަ ކޮންމެ ވަޞީލަތަކީ ވެސް އެތަކެއް ފައިސާއެއް ހޭދަކޮށްގެން އަދި މީހުން ނުހަނު ބޮޑު ޤުރުބާނީއެއް ވެގެން ބެހެއްޓިފައި ހުންނަ ތަކެއްޗެވެ.