މިލައުތުރު

ދެމީހުންނަށް ވުރެ ގިނަ މީހުން ތިބޭ ޖަމާޢަތެއްގައި ބަހެއްބުނަން ނުކެރޭ މީހާ ވެސް ވާދަކުރަން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ރައްޔިތުންގެ މަޖިލިސް އަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ތަޢުލީމީ މިންގަނޑެއް ޝަރުތުކޮށްފައި ނުވާތީ، ދެ މީހުންނަށް ވުރެ ގިނަ މީހުން ތިބޭތާކު ވާހަކަދައްކަން ނުކެރޭ މީހުންނާއި، އެއްވެސް ޢިލްމެއް ނެތް އަދި ތަޖުރިބާއެއް ނެތް މީހުން ވެސް އިންތިޚާބުގައި ވާދަކުރާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ.

މަޖިލިސްކުރާ ގޭގައި ކުރަންޖެހޭ މަސައްކަތާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ނެތްކަން ޚުދު އެމީހާއަށް ޔަޤީންވާ ޙާލުގައި ވެސް ޢިއްޒަތާ ޝަރަފާ މަންފާއަށްޓަކައި ކުރިމަތި ލަނީއެވެ. އަދި އަމުދުން އެމީހެއްގެ އަތުގައި ފައިސާ ފޮއްޗެއް އޮތް ކޮންމެ މީހަކީ ޢިއްޒަތްތެރި މެންބަރަކަށް ވާންޖެހެއެވެ. ނިކަމެތި ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަކީ ކުޑަ އަގެއް ދީފައި މާރުކޮށްލެވޭ އެއްޗަކަށް ވަނީ ބަދަލުވެފައެވެ. ކަންކަން އިސްލާޙް ކުރުމުގެ ނަމުގައި އަންނަ ސަރުކާރުތަކުން ވެސް ޢަމަލުކުރައްވަނީ ހަމަ އެފަދަ ގޮތަކަށޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެެވެ. އެއްވެސް ބޭނުމެއް ނެތްގޮތުގައި ވަޒީފާތައް އުފައްދާ މީހުން އަޅުވެތި ކޮށްލަނީއެވެ. އާޚިރު ނަތީޖާ ރަނގަޅެއް ނޫނެވެ. އެކަށީގެންވާ މިންވަރަށް އާރުލާ އަދި އޮއްޓަރު ހުރި މަސައްކަތްތަކެއް މަޖިލިސްކުރާ ގޭގައި ކުރެވޭތަނެއް ނުފެންނަތާ ފެނިގެންދަނީ ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ވެސް ޚިލާފު އަނގަކޮރުކުރުންތަކާއި، ޙަރަކާތްތަކާއި އަޑުތަކެވެ.

ބައެއް ދާއިރާތަކަށް އެންމެ ބޮޑެތި ސިޔާސީ ޕާޓީތަކުން ކުރިމަތިލާފައިވާ ބައެއް ކެންޑިޑޭޓުންނަށް ދައުލަތުން އިންތިޒާމްކުރި ބަހުސްގައި ބައިވެރިވާން ވެސް ނުކެރުނުތާ، ޕޯޑިއަމެއްގައި ރައްޔިތުންގެ ތެރެއިން ބަޔަކާ ބައްދަލުކޮށް މުޚާތަބުކޮށްލުމުގެ ހިތްވަރެއް ނެތެވެ. އަދި ރައްޔިތުންގެ ޚިޔާލާއި ފިކުރު ހުރިނެތް ގޮތް ބެލުމަށްޓަކައި ގޭގެއަށް ޒިޔާރަތްކޮށް ދައްކާނެ ވާހަކައެއް ނެތްތާ އަހާލާނެ ސުވާލެއް ވެސް ނެތް ފަދައެވެ. ކެންޑިޑޭޓްގެ ބަދަލުގައި އެހެން މީހަކު މެދުވެރިކޮށް ވާހަކަދައްކަން ޖެހޭ ޙާލަތްތައް ފެންނަނީ ވެސް މަދެއްކޮށެއް ނޫނެވެ. އެހެން ނަމަވެސް ވާން ބޭނުން ވަނީ ހަމަ ޢިއްޒަތްތެރި މެންބަރަށެވެ. ވެޑުވިލާ ހިތްފުޅު ވަނީ ވެސް ސީދާ މަޖިލީހުގެ ރިޔާސަތުގައެވެ. އަދި ވާން ބޭނުންވަނީ ޙައްޤުން ވިޔަސް ނުޙައްޤުން ވިޔަސް ބޮޑު މަހުޖަނަކަށެވެ. މީހާގެ ޢިއްޒަތުއްނަފުސު ނީލަމުގައި ވިއްކާލައިގެން ވިޔަސް ބޭނުން ވަނީ މުދަލާއި ފައިސާއެވެ. ލިބޭ މަންފާ އަކީ ވަގުތީ އެއްޗެއްކަމާއި، އެކަމުގައި ހުރި ނުބައިކަން އިހުސާސްވާ ތަނެއް ނުފެނެއެވެ.

ޤައުމުގެ އިޖުތިމާޢީ ފޭރާން ވީދި ހަލާކުވެ ހަފުސްވެގެން ގޮސް ހަސްނެތި ދަނީއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެކަމުގައި އިނފިލި ދިއްކުރުން ނޫންކަމެއް ނުކުރެވޭތާ ޒިންމާވާނެ ވަކި ފަރާތެއް އޮތްތަނެއް ނުފެނެއެވެ. ރައްޔިތުންގެ އޮތީ ހަމަ އެކަނި ޝަކުވާ ކުރުމެވެ. އަދި ބޭނުންވަނީ ވަޒީފާތަކާއި، މާލީ މަންފާތަކެވެ. ވެރިބަޔަކު ޒިންމާދާރު ކުރުމާއި، މަސްޢޫލިއްޔަތު އަދާކުރުމަށް ބާރުއެޅުމުގެ އިޚްލާޞްތެރި ނިޔަތެއް ނެތް ފަދައެވެ. ހުރިހާ ގެއްލުމެއް ލިބެނީ މުޅި ޤައުމަށެވެ. ސިޔާސީ ފިކުރުގައި ޖެހި، ހޭބުއްދި ފިލާދިއުން ނޫންގޮތެއް ހޯދާކަށް ނުވޭ ހެއްޔވެ. ޤައުމަށް އަންނަމުން މިދާ ބަދަލުތަކުން އިބްރަތް ޙާޞިލްކުރާކަށް ނުވޭ ހެއްޔެވެ.

© 2023 milauthuru. All rights reserved.