މިލައުތުރު

ކޮމަންޑޫ ދާއިރާގެ ޕީއެންސީގެ ކެމްޕެއިން ފޯރި ނާދިރުވުމުން އެމްޕީ ރާޑޯ ނިކުންނަވައިފި.

ކޮމަންޑޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަށް ތާޢީދު އިތުރުކުރުމަށް އިތުރަށް ކުރެވޭނެކަމެއް ނެތުމާއި، ފޯރިގަދަކޮށްލުމަކީ ވެސް ނާދިރުކަމަކަށް ވުމާއި ގުޅިގެން ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) އެމަނިކުފާނުގެ ގޯލްޑަން ޓީމާއެކު ކުރިއަށް ނިކުންނަވައިފި ކަމަށް ދާއިރާގެ އާބާދީ އެންމެ ބޮޑު ރަށް ކަމުގައިވާ ފޯކައިދޫ އިން މަޢުލޫމާތު ލިބެއެވެ.

ސަރުކާރު ބަދަލުވުމުގެ ކުރިން އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި އެމްޕީ ރާޑޯ އަކީ ޕްލާސްޓިކް ކޮތަޅުން އަގުނަގާން ފާސްކުރި ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވި މެންބަރެވެ. އަދި އޭގެ ފަހުން ޕީޕީއެމް ޕީއެންސީއަށް ތާޢީދުކުރައްވާ ފަރާތްތަކުން އެމަނިކުފާނަށް ދީފައިވާ ވަނަމަކީ “ކޮތަޅު އެމްޕީ” އެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިލައުތުރާ މަޢުލޫމާތު ޙިއްސާކުރަމުން ޕީއެންސީގެ ކުރީގެ ސަޕޯޓަރެއް ބުނީ އެމްޕީ ރާޑޯ މިދަނޑިވަޅުގައި ކެމްޕެއިން ޓީމްގެ ކުރިއަށް ނިކުންނެވުމަކީ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެމީހުންނަށް އިތުރު ގޮތެއް ވެސް އެކަމުގައި ނެތް ކަމަށާއި، ކެންޑިޑޭޓަކީ ވެސް ޖަލްސާއެއްގައި ވާހަކަދައްކާލެވޭ މީހެއް ނޫންކަމަށެވެ. އޭނާ އިތުރަށް ބުނިގޮތުގައި އެމީހުންނަށް ކިރިޔާ ވެސް އެހެން ގޮތެއް އޮތް ނަމަ، މިދަނޑިވަޅުގައި އެމްޕީ ރާޑޯއާ ކެމްޕެއިންގެ ހުންގާނު ޙަވާލު ނުކުރާނެކަމަށެވެ.

ކޮމަންްޑޫ ދާއިރާ އަކީ އަބަދުވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ދާއިރާއެއް ނަމަވެސް މިފަހަރު ސަރުކާރު ބަދަލުވުމާއި އެކު އެކަން ބަދަލުކޮށްލެވޭތޯ ޕީއެންސީ ވަރަށް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް ވަރަށް ގޮންޖެހުން ބޮޑުކަމަށެވެ. އެމީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީގެ ސަރުކާރުން ނިންމަވައިދެއްވާފައި ހުރި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ގިނަކަމާއި، ކުރިން ޕީޕީއެމުން ވެރިކަން ކުރެއްވި 5 އަހަރު ދުވަހުގެ ދަޢުރުގައި އެއްވެސް އެފަދަކަމެއް ކޮށްދެވިފައި ނެތުން ހިމެނެއެވެ.

ދާއިރާގެ ރައްޔިތުން މިހާރު ބަލަންތިބީ އެމްޕީ ރާޑޯ ނިކުންނަވާފައި ޙާލަތު ބަދަލުކޮށްލާ މަންޒަރެވެ.

© 2023 milauthuru. All rights reserved.