މިލައުތުރު

އަސްލު އެމްޑީޕީ ފިކުރުގެ މީހުން މަދުވެ އެޕާޓީގެ ކުލަ އާއި ވަހާ ރަހަ ވެސް ބަދަލުވަނީ….

އެމްޑީޕީގައި ކުރިން އޮތް ފޯރި އާއި ޖޯޝާ ރޭވުންތެރިކަން ގެއްލި ކުލަޔާ ވަސް ވެސް ބަދަލުވެއްޖެއެވެ. ސަބަބު ވަރަށް ސާފެވެ. އެމްޑީޕީ އުފެދުނީއްސުރެ ޤުރުބާނީ ވަމުން ދިޔަ އެތައް ސަތޭކަ ފަރާތެއް ޕާޓީން ބޭރުކޮށްލައިފިއެވެ. އެއީ ދުރާލާ ރާވައިގެން ވެރިކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރިކަމެކެވެ. އެހެން ނަމަވެސް އެބަޔަކަށް ވެރިކަން ވެސް ދިފާޢު ކުރެވޭގޮތެއް ނުވިއެވެ.

ޕާޓީގެ އިދާރީ ދާއިރާތަކަށް ޤައުމީ މަޖިލިސްގެ މެންބަރުންގެ ގޮތުގައި މިހާރަކަށް އައިސް ވާދަކުރަނީ ވެސް ކުރިން އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ސިޔާސީ ފިކުރެއް ޤަބޫލުކުރި ފަރާތްތަކެވެ. މިސާލަކަށް ހުޅުމާލޭ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ޒަހިއްޔާ އަކީ ވެސް އެފަދަ ފަރާތެއް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މިހާރު މިފެންނަނީ ޕާޓީގެ އަސްލު ގެއްލި ވިއްސި ވިހާލި ވެގެންދާތަނެވެ. ގަދަބަސް ބުނަމުން ގެންދިޔަ ބަޔަކަށް ވެސް އެމީހުން މިހާރު ތިބި ހިސާބެއް ވެސް ޙަޤީޤަތުގައި ވަޒަންކުރާކަށް ވެސް ނޭނގެއެވެ. އެމީހަކަށް އެންމެ އިތުބާރު ކުރެވޭ މީހަކު ކިހިލިދޮށަށް ލައިގެން ހުވަފެން ބެލުން ނޫންކަމެއް ނުފެނެއެވެ. އެންމެ އިސްކޮށް އުޅޭ ބައެއް މީހުންނަށް “އެމްޑީޕީ” މިނަމުގެ ދިގު ގޮތް ވެސް ނޭނގެއެވެ.

ދެން ތިބީ ރާއްޖޭގައި އުފެދުނުހާ ސިޔާސީ ޕާޓީއެއްގައި ހޭކިފައި އެއްެވެސް ޕާޓީއަކުން ކުރިއަށް ދެވޭނެ ގޮތެއް ނުފެނި އެމްޑީޕީއަށް އިޚުލާޞްތެރި ވެގެންކަމަށް ހެދިގެން އަބުރާއި ޢިއްޒަތާ ނަޒާހަތްތެރިކަން ވެސް ވިއްކާލައިގެން ތިބި މީހުންނެވެ. އޭގެ ތެރޭގައި މުޅި ދިވެހިރާއްޖޭގެ ތާރީޚުގައި އުފެދުނު އެންމެ ބޮޑެތި މުޖުރިމުންގެ ފަސްބައިގާ އެލިގެން އުޅުނު މީހުން ވެސް ހިމެނެއެވެ.

މީގެ ކުރީގައި އެމްޑީޕީގެ ޙަރަކާތްތައް ފެނިފައި ވަނީ ކާމިޔާބުގެ ޔަޤީންކަމާ އެކުގައެވެ. މިހާރު އޮތީ “ވިއްޔާ ވީ، ނުވިއްޔާ ނުވީ” ގޮތަކަށް މާޔޫސީ ކަމެއްގެ ތެރޭގައެވެ. މިފަހަކަށް އައިސް ބޭއްވުނު އެއްވެސް އިންތިޚާބެއްގައި ކާމިޔާބީއެއް ޙާޞިލްވެފައެއް ވެސް ނެތެވެ. އަދި ޙާޞިލް ވާނެތަނެއް ވެސް ނުފެނެއެވެ.

© 2023 milauthuru. All rights reserved.