މިލައުތުރު

ސްރީލަންކާއަށް ބޮޑު ސިޔާސީ ބަދަލެއް: މުޅިން އައު މޫނެއް ރައީސްކަމަށް!

އަވައްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި މިހާތަނަށް ލިބިލިފައިވާ ނަތީޖާއަށް ބަލާއިރު އަނޫރާ ކުމާރަ ދިސަނަޔަކަ ގެންދަވަނީ ބޮޑުތަނުން ކުރި ހޯއްދަވަމުންނެވެ. ޒަމާންވީ ސިޔާސީ ބޮޑެތި ނަންތައް ބަލިކޮށް، ސިޔާސީ މައިދާނަށް މުޅިން އައު މޫނެއް އެޤައުމުގެ ރައީސްކަމުގެ މަޤާމާއަށް އައުމަކީ ވަރަށް ބޮޑު ބަދަލަކަށް ވެގެންދާނެއެވެ.

ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު މިހާރުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އަނޫރާއަށް ވަނީ ޖުމްލަ ނަތީޖާގެ 52 އިންސައްތަ ކަށަވަރު ކުރެވިފައެވެ. އަނޫރާއާއި އެންމެ ގާތުން ވާދަކުރަމުންދާ ސަޖިތު ޕްރެމަދާސައަށް ލިބިފައި ވަނީ 23 އިންސައްތަ އެވެ. މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ލިބިފައިވަނީ 16 އިންސައްތައެވެ. އަދި ކުރިން ބޮޑުވަޒީރު ކަމާއި ރައީސްކަން ކުރައްވާފައިވާ މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލަށް ލިބިފައިވަނީ ގާތްގަނޑަކަށް އެންމެ ތިން އިންސައްތަ ވޯޓެވެ.

މިނަތީޖާތަކަަށް ބަލާއިރު އަނޫރާއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެއެވެ. ލަންކާގެ ރައްޔިތުންނާއި އެހެން ޤައުމުތަކުން މިހާރުވެސް އަނޫރާއަށް މަރްޙަބާ ކިޔަމުން އެބަގެންދަވައެވެ. އަނޫރާއަކީ ހައްދުފަހަނަ އެޅި ބުދު ދީނުގެ މީހުންގެ އެހީގައި ކާމިޔާބީ ހޯދާ މީހަކަށް ވުމުން މިއީ މުސްލިމުންނަށާއި، ތަމަޅަ މައިނޯރިޓީއަށް ބޮޑު ނުރައްކަލަކަށް ވެދާނެއެވެ. އަދި އަނޫރާ އަކީ ޗައިނާގެ ވިސްނުމަށް ތަބާވާ ފަރާތެއް ކަމުން ދުނިޔޭގެ ބޮޑެތި ބާރުތައް ކަމުގައިވާ އެމެރިކާ އާއި އިންޑިޔާ ފަދަ ޤައުމުތަކާ ދެކޮޅު މީހަކަށް ވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

© 2023 milauthuru. All rights reserved.