ޤާނޫނު އަސާސީގެ ދިފާޢުގައި އިދިކޮޅު އެމްޑީޕީން ބޮޑު އެއްވުމަކަށް ތައްޔާރުވާން ފަށައިފިއެވެ. ދިވެހި މަސްވެރިންގެ ދުވަސްކަމަށްވާ ޑިސެމްބަރު 10 ގައި މާލޭ ކާނިވާ ސަރަޙައްދަށް އެއްވުމަށް ބޮޑު ކެމްޕެއިނެއް ވަނީ މިހާރު ފަށާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެދުވަހަށް މީހުން މާލެ އަރާނެއެވެ. އެމްޑީޕީ އަކީ އިންތިޒާމީ ގޮތެއްގައި މަގުމަތީ ޙަރަކާތްތައް ހިންގާ ސިޔާސީ ޕާޓީއަކަށް ވެފައި، ކޮންމެ ރަށެއްގައި ވެސް އެމީހުންގެ އެކްޓިވިސްޓުން ތިބުމަކީ އަބަދުވެސް އެމީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
ލަފާކުރެވޭ ގޮތުގައި ގިނަ އަދަދެއްގެ މީހުން ޖަމާވާނެއެވެ. އެހެނީ އިދިކޮޅު އެންމެން ވެސް ތިބީ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި ދާދި ފަހަކުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙަކީ ވަރަށް ޣައިރު ޒިންމާދާރު ޢަމަލެއް ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި ހަމަ އެހެންމެ ބައެއް ފަރާތްތަކުގެ މަލާމާތް ޚުދު އެމްޑީޕީއަށް ވެސް ވަނީ އަމާޒުވެފައެވެ. އެހެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލްޢުސްތާޛާ މާރިޔާ އަޙްމަދު ދީދީ އަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ މައްޗަށް، ޤާނޫނު ހަދާ މަޖިލީހުގައި ކޮޅަށް އެރުއްވި ބޭފުޅެކެވެ. އެހެންކަމުން އެބޭފުޅުން މިއަދު ޤާނޫނު އަސާސީގެ ދިފާޢުގައި ނިކުންނެވުމީ ޖޯކެއްކަމުގައި ބައެއް މީހުން ދެކެއެވެ.