މިލައުތުރު

ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބޭއްވި ސައިކަލް ބުރަށް ބޮޑު ތަރުޙީބެއް ލިބިއްޖެ.

އިދިކޮޅު އެމްޑީޕީން ޑިސެމްބަރު 10 ގައި ބޭއްވުމަށް ރާވާފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ސައިކަލް ބުރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

މިއަދު ބޭއްވި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ އެމީހުންގެ ޝުޢޫރުތައް ފާޅުކޮށް އަޑުއުފުލާފައި ވެއެވެ. އުންމީދުކުރި ވަރަށް ވުރެވެސް ގިނަ މީހުން މިއަދުގެ ޙަރަކާތުގައި ވަނީ ބައިވެރިވެފައެވެ. އަދި މާދަމާ ވެސް އިތުރު ޙަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

ޚަބަރުތައް ލިބޭގޮތުގައި ޑިސެމްބަރު 10 ގައި އަލިމަސް ކާނިވާ ސަރަޙައްދުގައި ބާއްވާ ޖަލްސާއަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މީހުން އަންނާނެއެވެ. އެހެންކަމުން މި ޖަލްސާ ވެގެންދާނީ މިފަހަކަށް އައިސް ބޭއްވޭ އެންމެ ބޮޑު ސިޔާސީ ޙަރަކާތަށެވެ. ވޭތުވެދިޔަ އެއް އަހަރު އިދިކޮޅު އެމްޑީޕީ ހަމަހިމޭނުން އޮތުމަށް ފަހު، މަގުމަތީ ޙަރަކާތައް ނިކުންނަނީ ޤާނޫނު އަސާސީއަށް ގެންނަން ނުޖެހޭ ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ.

މި ޖަލްސާ އާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިދިކޮޅު އެމްޑީޕީން އުޅެނީ މަހުޖަނުންގެ ހިޔަނީގައި ބަޣާވާތެއް ގެންނާށެވެ. އެހެން ނަމަވެސް އެމްޑީޕީން އެ ތުހުމަތުތައް ދޮގުކުރެއެވެ.