ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މާދަމާ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ޖެހިލުމެއް ނެތި ރަށް ރަށުން މީހުން މާލެ އަރަން ފަށައިފިއެވެ.
މާދަމާ ރޭ 20:00 ގައި އަލިމަސް ކާނިވަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ”ޤާނޫނު އަސާސީގެ ދިފާޢުގައި ރައްޔިތުން“ ޖަލްސާގައި ބައިވެރިވުމަށްޓަކައި ރަށް ރަށުން މާލެ އައިސްފައިވާ މީހުން އެކި ސަރަޙައްދުތަކުގައި އެމީހުންގެ އިވެންޓް ޓީޝާޓުގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ޙަރަކާތްތެރިވާ މަންޒަރު ފެންނާން ފަށައިފިއެވެ.
މި ޙަރަކާތަކީ އެމްޑީޕީ ސްޓައިލްގައި ބާއްވާ ޤައުމީ ޙަރަކާތަކަށް ހެދުމަށްޓަކައި އިންތިޒާމް ކޮމިޓީން ރެޔާ ދުވާލު ހުއްްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން އެންމެ ފަހުގެ ތައްޔާރީތައް ކަށަވަރުކުރުމަށްޓަކައި މި ޙަރަކާތް ވިލަރެސްކުރާ ކޮމިޓީގެ ޙާއްޞަ ބައްދަލުވުންތައް ބާއްވާފައި ވެއެވެ.
މި ޙަރަކާތުގެ ޓާންއައުޓް ރޭޓަށް ބަލާފައި މިފަދަ އިތުރު ޙަރަކާތްތައް ބާއްވާނެކަމަށް އެމްޑީޕީން ބުނެއެވެ. އަދި މިފަދަ ޙަރަކާތްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.