މިލައުތުރު

ގައުމުގެ ހާލަތާ މެދު ރައީސް ނަޝީދު ބަހެއް ވިދާޅުނުވެ ހަނު ހުންނަވާތީ، ސަޕޯޓަރުން މާޔޫސްކަމެއްގައި.

ގައުމުގެ ހާލަތު ގޯހުން ގޯހަށްދާ ކޮންމެ ފަހަރަކުވެސް ރައީސް ނަޝީދު ފާހަގަކުރެވިފައިވަނީ ރައްޔިތުންގެ ޙައްޤުގައި ބަސްވިދާޅުވާ ލީޑަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މިހާރު ހިނގަމުން މިދާ ކަންކަމުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނަވާތީ، ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަަށައިފިއެވެ.

ހުޅުމާލެއިން ފުލެޓުތަކާ ބިންތައް އެއްވެސް ހަމައެއް ލަމައެއް ނެތި ވިއްކާލާ ނުޙައްްޤުން އެތައް މިލިޔަން ރުފިޔާއެއްގެ މަންފާ ހޯދިކަމުގެ ހުތުމަތުގައި ކަމާބެހޭ ފަރާތްތަކުން ތަހުގީގުތައް ކުރަމުންދާއިރު، އާންމު ރައްޔިތުން މަގުތައް މައްޗަށް ނިކުމެ މުޒާހަރާކުރަނީއެވެ. ބައެއް މުއައްސަސާތަކުގެ އިސްވެރިން އަމިއްލަފުޅަށް އިސްތިއުފާދެއްވާފައި ވާއިރު، އަނެއްބައި ވެރިން ވަނީ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

ދައުލަތުގެ ތިން ވުޒާރާއެއް އެއްކޮށް އަނދާ ހުލިވެއްޖެއެވެ. ރައްޔިތުންނަށް ލިބެންޖެހޭ އާންމު ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ. ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތައް ބަނގުރޫޓުވެ، އެތަންތަން ހިންގެން ނެތްކަމަށް އިއުލާނު ކޮށްފިއެވެ. އަދި ބައެއް ކުންފުނިތައް އުވާލާން ނިންމަވައިފިއެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ކުރެވެމުންދާއިރު، ރާއްޖޭގައި ހުންނެވި އެންމެ ކޮރަޕްޝަނާ ދެކޮޅު އެއް ބޭފުޅެއް ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އެއްޗެއް ވިދާޅުނުވެ ހަނު ހުންނަވާނީ ކޮންމެވެސް ކަހަލަ ތާއްޓެއް އުޅޭތީ ކަމަށް މީހުން ދެކެއެވެ. އަނެއް ބަޔަކު ތިބީ އެމަނިކުފާނު ބަހެއް ވިދާޅުވާނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.