ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އިބުރާހީމަށް ޕީއެންސީގެ މެންބަރުންގެ ތެރޭގައި “ފިނިހަކަ އެމްޕީ” އޭ ކިޔާކަށް ދާއިރާގެ ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ.
ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ބައެއް މެންބަރުން އެމްޕީ މުޙައްމަދު އިބުރާހީމަށް ފިނިހަކަ އެމްޕީއޭ ކިއުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބައެއް މީހުން ބުނެއެވެ. އެމީހުން ބުނާގޮތުގައި އެމްޕީ ކިތަންމެ ލަސްކަމަށް ވިޔަސް އަދި ދުވަހަކު މަޖިލިސްގައި ބަހެއް ވިދާޅުނުވިޔަސް މަޖިލިސް މެންބަރެއްގެ ޤަދަރާ އިޙުތިރާމް ލިބެންޖެހޭނެ ކަމަށެވެ.
ނަން ހާމަނުކުރުމަށް ޝަރުޠުކޮށް މިނޫހާ ވާހަކަދެއްކި ކޮމަންޑޫ ދާއިރާގެ ރައްޔިތަކު ބުނިގޮތުގައި އެމީހުންގެ އެމްޕީއަށް މަލާމާތްކޮށް ފުރައްސާރަކުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށެވެ. މަޖިލިސްގައި ވާހަކަނުދައްކަވާ އެހެން މެންބަރުން ވެސް އެބަ ތިއްބެވިކަމަށާއި، އެބޭބޭފުޅުންނަށް ރައްދުނުކުރާ ނަން ނަމުން ކޮމަންޑޫ ދާއިރާގެ މެންބަރާ މުޚާތަބުކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އަދި މިހާތަނަށް ބަހެއް ވިދާޅުވެފައިނުވާ ކޮމަންޑޫ ދާއިރާގެ މެންބަރު ފާހަގަކުރެވެނީ ބަސްމަދު މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އަދި އެބޭފުޅާއަކީ ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ބޭފުޅަކަށް ނުވާތީ މަޖިލިސްގައި ވެސް ވާހަކަ ނުދައްކަވަނީ ކަމަށް ވެއެވެ. ޕީއެސްއެމުން ބޭއްވި މަޖިލިސް ބަހުސްގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.