ޝާން މުޙައްމަދު

ޗައިނާގެ ހާއްސަ ޓީމަކުން ރާއްޖޭގައި ފާނަ އާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީނެއް ފަށައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އާއި ޗައިނާގެ ފުޖިއާން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން ފާނަ އާއި ހުއިފިލަނޑާ އާލާކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ކ. މަނިޔަފުށީގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ޗައިނާގެ ހަ ޕްރޮފެސަރުން މައުލޫމާތު ދޭން ހަމަޖެހިފައިވާއިރު މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން 20 މުވައްޒަފަކު މ ތަމްރީނުގައި ބައިވެރިވާނެ އެވެ.

އެ ވުޒާރާއިން ބުނީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީނުގައި ފާނަ އާއި ހުއިފިލަނޑާ އާލާކުރާނެ ގޮތުގެ އިތުރުން އެ ދެ ބާވަތަށް ބޭނުންވާ ކާނާ ތައްޔާރުކުރުމާއި ބެލެހެއްޓުމުގެ މައުލޫމާތު ވެސް ދޭނެ ކަމަށެވެ.

މިއީ ޗައިނާއާ ގުޅިގެން މިފަދަ ތަމްރީނެއް ރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ފާނަ އާއި ހުއިފިލަނޑާގެ ސްޓޮކް ދަށްވަމުން ދިއުމާ ގުޅިގެން ވުޒާރާގެ އެދުމަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.