އިބްރާހީމް ޙާފިޒު

މަޖިލީހުން ޤާނޫނޫއަސާސީއާ ކުޅުނަސް އެމައްސަލައެއް ސުޕުރީމު ކޯޓަށް ނުބެލޭނެ: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑިގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިޞްލާޙާ ގުޅިގެން ސުޕުރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފިއެވެ. މިއަޑުއެހުމުގައި ދައުލަތުންވަނީ ވަރަށް ސީދާގޮތެއްގައި މިފަދަ މައްސަލަތަކުގައި ސުޕުރީމުކޯޓަށް ބަސް ނުބުނެވޭނެ ކަމަށް ބުނެ ވަކާލާތުކޮށްފައެވެ. ދައުލަތުން ބުނިގޮތުގައި، ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ އިޖްރާއާތު ފުރިހަމަކޮށް، ޤާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިޞްލާޙެއް ސުޕުރީމު ކޯޓަކަށް ނުބެލެނޭއެވެ.
މިއަދު އަޑުއެހުމުގައި ސުޕުރީމް ކޯޓުގެ ފަނޑިޔާރުންވަނީ ވަރަށް ހޫނު ސުވާލުތަކެއް ދައުލަތުގެ ވަކީލުންނާ ކުރައްވާފައެވެ. ޖަވާބުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތަކެއް ހަމަނުޖެހޭ ކަމަށް ރާއްޖޭގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންވަނީ ހާމަކުރައްވާފައެވެ. “ ކިހިނެތްތޯ ދައަލަތުން އެވިދާޅުވާ ގޮތަށް ޤާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ސުޕުރީމް ކޯޓުން ނުބެލެންވީ. ވަރަށް ސާފުކޮށް އެނގޭ ޤާނޫނުއަސާސީ އަކީ ތިންބާރު ވަކިކުރެވިގެން އެކުލަވާ ލެވިފައިވާ އެއްޗެއްކަން. ތިންބާރު ވަކިކުރީ އެއްބާރުން އަނެއްބާރަށް ފާރަވެރިކުރުވަން. އެ އަސާސް ގެއްލޭގޮތަށް ދައުލަތުން އެ ވާހަކަ ދައްކަނީ“ މި ނޫހާ ވާހަކަދެއްކެވި ޤާނޫނީ ވަކީލެއް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ސުޕުރީމު ކޯޓު ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވަނީ ތަކުރާރުކޮށް ދައުލަތުގެ ސްޓޭންޑު އޮޅުންފިލުވުމުގެ ގޮތުން ދައުލަތުގެ ވަކީލުންނާ ސުވާލުކުރައްވާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުން ދިވެހިދައުލަތުގެ ދީނަކީ ކްރިސްޓިއަން ދީންކަމަށް ފާސްކުރިކަމުގައިވިޔަސް އެކަމާވެސް ސުޕުރީމުކޯޓަށް ސުވާލު ނުކުރެވޭނެތޯ ސުވާލުކުރެއްވިއެވެ. ކުރެއްވި ސުވާލަށް ޖަވާބުދެއްވަން ފައްޓަވަމުން ދައުލަތުގެ ވަކީލު ހޭން ފެއްޓީ ކިހިނެތްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ދައުލަތުގެ ވަކީލަށް ނުދެވެއެވެ. ފަނޑިޔާރު ސުޢޫދު ވިދާޅުވީ ސުޕުރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަކީ ވަރަށް ޚުތޫރަތްތެރި ކަމެއް ކަމަށެވެ.
މިއީ 2008 ވަނަ އަހަރު ޢަމަލުކުރަންފެށި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙަކާ ގުޅިގެން ސުޕުރީމް ކޯޓަށް މައްސަލައެއް ހުށަހެޅުނު ފުރަތަމަ ފަހަރެވެ. މިއަދުގެ އަޑުއެހުން ނިންމާލީ އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެންނެވެ. ބެލެވޭ ގޮތުން، މި މައްސަލަ ނިންމުމުގައި މައްސަލާގެ މައުޟޫގެ އިތުރުން މައްސަލާގައި ހިމެނޭ އިތުރުކަންކަމާ ގުޅޭގޮތުން މުހިންމު ނިންމުތަކެއް ސުޕުރީމްކޯޓުން ނިންމާނެއެވެ.