މިލައުތުރު

އެމްޑީޕީގެ 20 ވަނަ އަަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި މިއަދު ފާހަގަކޮށްފިއެވެ. އެމްޑީޕީ އަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީއެވެ.

އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ ލީޑަރުންނާއި، ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކާއި، އާންމު މެންބަރުން އަހަރީ ދުވަހުގެ އުފާވެރި ޝުޢޫރުތައް ފާޅުކުރައްވަމުން އެބަ ގެންދަވައެވެ. އަދި ޕާޓީގެ ޙަޔާތުގެ އެކިއެކި މަރުޙަލާތަކުގައި ކުރައްވާފައިވާ ޚިދުމަތްތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިޔާގައި ޙިއްސާކުރައްވައި އެމީހުންގެ އުންމީދުތަކާއި ޕާޓީގެ ކުރިމަގާބެހޭ ގޮތުން ޝުޢޫރުތައް ފާޅުކުރައްވަމުން ވެސް އެބަ ގެންދަވައެވެ.

އެމްޑީޕީ ސެކްރެޓޭރިއޭޓްގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ވަނީ އިންތިޒާމް ކުރައްވާފައެވެ. އެގޮތުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ”އެކުގާ ގަދަކޮށް“ ފުޓްސަލް މުބާރާތް ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ކުރީގެ ރައީސް ޞާލިޙް އާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި، ޕާޓީގެ ރައީސް އަބްދު ﷲ  ޝާހިދު އާއި ޗެއާޕާސަން ފައްޔާޒު އިސްމާޢީލްގެ އިތުރުން އެ ޕާޓީގެ ގިނަ އިސްވާރުންތަކެއް ބައިވެރިވެފައި ވެއެވެ. އަދި ކުރީގެ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް މި ޙަރަކާތްތަކުން ފެނިފައި ވެއެވެ.

އަދި ދާދި ފަހަކުން އެ ޕާޓީގެ ކުރީގެ ރައީސް (ރައީސް ނަޝީދު) އެނބުރި އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ އެމްޑީޕީ ބައިބައި ވެއްޖެކަމަށް ދެކެވޭ ވާހަކަތަކަށް ތަސައްލީއެއް ހޯދުމަަށްޓަކައި އެ ޕާޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމުގައި ބެލެވެއެވެ. އަދި މިއަދުގެ ބައެއް ޝިޢާރުތަކުން ވެސް އެކަން ދޭހަވާކަން ފާހަގަކުރެވެއެވެ. އެމްޑީޕީ އޮތީ ގަދަކޮށް އެންމެން އެކުގައި 2028 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އަތުކުރި އޮޅާލާފައޭ ބުނެދޭ ކަހަލައެވެ.