އުސްތާޛް ޒަކީ

ޣައްޒާއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ޙާލަތުން މިސްރު ސިފައިން މާލީ މަންފާ ނަގަނީ!

މުސްލިމް އުންމަތަަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައަކީ ޔަހޫދީ ނިރުބަވެރީން ޣައްޒާގައި ހިންގާ ޤަތުލްއާންމުތައް ކަން ޔަޤީނެވެ. ކޮޅުނެތް ކޮޅަށް އަނިޔާވެރިކަން އިސްކުރާތީ ޣައިރު މުސްލިމް ޤައުމުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަމުން ދާއިރުވެސް އެންމެ ކައިރީގައި އޮތް މުސްލިމް ޤައުމުކަމަށްވާ މިސްރުގެ ސިފައިން ވަނީ އެކަމުން މާލީ މަންފާ ހޯދުމުގައި ހައްދު ފަހަނަ އަޅާފައެވެ.

ޣައްޒާގައި ގެދޮރުނެތި ޙާލުގައި ޖެހިފައި ތިބި މީހުންނާއި، ވައިގެ ޙަމަލާތަކުގައި ފުރާނަގެއްލިދާނެތީ އަމާން މަންޒިލެއް ލިބޭތޯ މިސްރުގެ ބޯޑަރު ހުރަސްކުރުމުގެ ހުއްދައެއް ލިބެނީ 5000 ނުވަތަ 10000 ޑޮލަރުގެ ޢަދަދެއް ބޮލަކަށް ދެއްކުމުންކަމަށް މަޢުލޫމާތު ލިބެއެވެ. މިފައިސާ ދައްކަން ޖެހެނީ މިސްރު ސިފައިން އުފައްދާފައިވާ ސިފައިންގެ ކުންފުންޏަކަށް ކަމަށް ވެއެވެ. އަދި ފައިސާ ނުދައްކާހާ ހިނދަކު އެއްވެސް މީހަކަށް ބޯޑަރު ހުރަސްކޮށް ރައްކާތެރިކަމެއް ހޯދުމުގެ ފުރުޞަތެއް ނުދެއެވެ. އެހެންކަމުން މިއީ މިސްރުގެ ސިފައިންގެ ކުންފުންޏަށް މިހާތަނަށް އެންމެ ބޮޑު މާލީ ފައިދާއެއް ލިބެމުންދާ ދުވަސްވަރު ކަމުގައި ވަނީ ވެފައެވެ.

ރިފޯޓްތައް ބުނާގޮތުގައި އިޒްރޭލް ސިފައިން ޣައްޒާއަށް ވައިގެ ޙަމަލާތައް ދޭން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް މިސްރު ސިފައިންގެ ކުންފުންޏަށް 800 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. ޣައްޒާގެ ޙާލަތު އޮތްގޮތުން ކިރިޔާ ވެސް ތަނަވަސްކަމެއް ލިބިފައިވާ މީހެއް ނަމަ ފައިސާ ދެއްކުމަށް ފަހު ބޯޑަރު ހުރަސްކުރަން މަސައްކަތްކުރާކަމަށް ވެއެވެ. އަދި އެފަދަ ތަނަވަސްކަމެއް ނެތް މީހުން ވެސް އެހީދޭ ޖަމާޢަތްތަކުގައި އާދޭސްކޮށްގެންނާއި، އަތުގައި ހުރި ނަމަ ހުރި ހަރުމުދަލެއް ނުއަގުގައި ވިއްކާލުމަށް ފަހު ވެސް ސަލާމަތްކަމެއް ލިބޭތޯ މަސައްކަތްކުރާ ކަމަށް ވެއެވެ.

ޣައްޒާގެ މުސްލިމުންގެ ޙާލަތާ މެދު ހަމްދަރުދީ ވުމުގެ ބަދަލުގައި އެމީހުންގެ ޙާލަތުގެ ނާޒާއިޒު ފައިދާ ނަގައިގެން މާލީމަންފާތައް ހޯދުމުގައި މިސްރުގެ ސިފައިން ވަނީ ހައްދު ފަހަނަ އަޅާފައި ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ތުހުމަތު ކުރެއެވެ.

© 2023 milauthuru. All rights reserved.