މިލައުތުރު

އެމެރިކާ އިން އީރާން ޢަދާވާތްރެރިއެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ލިޔުނީ: ޑރ. އިސްމާޢީލް ނިޒާމް

ލޮބުވެތި ކިޔުންތެރިންނަށް ދަންނަވާލަމެވެ. މި ލިޔުމަކީ ތިޔަބޭފުޅުން އާންމުކޮށް ވިދާޅުވާ ލިޔުންތަކަން ވުރެ ދިގު ލިޔުމަކަށް ވެދާނެއެވެ. ތިޔަ އެންމެހާ ކިޔުންތެރިންގެ ކިބައިން މާފަށް ވެސް އެދެމެވެ. މި ލިޔުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ތަޢުރީފު ކުރަމެވެ. އަދި ތިޔަ ބޭފުޅުންގެ ވަގުތަކީ ފައިދާ ހުރި ވަގުތުތެއް ކަމުގައި ހެދުމަށް ސަމާލުކަން ދެމެވެ.

އެމެރިކާ އާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމަކީ ވަރަށް ދިގު ތާރީޚެއް އޮތް، އެކަމުގެ ހަޤީޤަތްތައް ބަޔާންކުރުމުގައި ގިނަ ވަގުތުތަކެއް ވެސް ހޭދަކުރަން ޖެހޭ ވަރަށް މުހިއްމު ކަމެކެވެ. މައްސަލައިގެ ދިރާސީ ތަހުލީލެއް ކުރުމަށް ދުރު މާޒީއަކަށް ދަތުރުކުރަން ޖެހެއެވެ. އެއީ އަޅުގަނޑާއި ގިނަ ކިޔުންތެރިން ދުނިޔެއަށް އައުމުގެ ވެސް އެތަކެއް އަހަރުގެ ކުރިއަށެވެ. މައްސަލަ ދިރާސީގޮތުން ތަހުލީލު ކުރަން ފަށާނީ 1951 ވަނަ އަހަރު އީރާނުގައި ދިމިޤުރާތީ އުޞޫލުން އިންތިޙާބުވި ބޮޑުވަޒީރު މުހައްމަދު މޮސާދެޣްގެ ވެރިކަމާ ހިސާބުންނެވެ. މުހައްމަދު މޮސާދެޣަކީ އަލްމާނީ އަދި ޤައުމިއްޔަތުގެ ފިކުރުގެ ސިޔާސީ ވެރިއެކެވެ. އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލު ދެމެހެއްޓުމަށް އެންމެ އިސްކަން ދިނެވެ. ބޮޑުވަޒީރު މޮސާދެޣް ވެރިކަމާއި ހަވާލުވި އިރު އީރާނުގެ ތެޔޮ އުފެއްދުމާއި ބޭރު ދުނިޔެއަށް ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދަނީ އެންގްލޯ-އީރާނިއަން އޮއިލް ކޮމްޕެނީ (އެއީ މިހާރުގެ ބީ.ޕީ) އެވެ. އީރާނުގެ ތެލުގެ ފައިދާގެ ކުޑަމިންވަރެއް މެނުވީ ހުރިހާ ފައިސާއެއް ދަނީ ޤައުމުން ބޭރަށެވެ. އީރާނަށް ޙައްޤު މިންވަރު ހޯދައިދިނުމުގެ ބޭނުމުގައި އެ ކުންފުނި އީރާނު ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ، ސަރުކާރުގެ ކުންފުންޏަކަށް ބަދަލު ކުރިއެވެ. އިނގިރޭސީންނަށް އީރާނުގެ ތެލުން ލިބެމުންދިޔަ ނުޙައްޤު ބޮޑު ފަޢިދާ ނެތިގެން ދިއުމުން އެމީހުން މޮސާދެޣްގެ ސަރުކާރުގެ ސިޔާސަތުތަކާއި ސީދާ ދެކޮޅުވެރިކަން ހާމަކޮށް، އީރާނަށް އިޤްޠިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާއި ދުނިޔޭގެ ބާޒާރުގައި އީރާނުގެ ތެޔޮ ވިއްކުން ބަންދުކުރިއެވެ. ބައިނަލްއަޤުވާމީ ގޮތުން ފިއްތުންތަކާއި ސިޔާސީ ފިއްތުންތައް އިންތިހާއަށް އިތުރު ކުރިއެވެ. އިނގިރޭސިން 1952 ވަނަ އަހަރު އީރާނުގައި ބަޣާވާތެއް ވެސް ގެންނަން މަސައްކަތް ކުރިއެވެ. ނަމަވެސް، ނާކާމިޔާބުވެ އެމީހުން އީރާނުން ބޭރު ކޮށްލެވުނެވެ.

މައްސަލަގަނޑުގެ ތެރޭގައި އެމެރިކާއިން ފުރަތަމަ ކޮޅު އިޙްތިޔާރު ކުރީ ވަކިފަރާތަކައް ނުޖެހުމުގެ ސިޔާސަތެވެ. އެމެރިކާގެ ރައީސްކަމުގައި އެއިރު ހުރި ޓްރޫމަން އީރާނަށް ކޮންމެވެސް ވަރަކަށް ހަމްދަރުދީވެސް ވިއެވެ. 1952 ގައި އީސެންހޯވަރ ރައީސްކަމަށް އިންތިހާބުވި ހިސާބުން ފެށިގެން އެމެރިކާގެ ސިޔާސަތު ބަދަލުވެގެން ދިޔައެވެ. އެމެރިކާގެ ޖާސޫސީ އިދާރާ ސީ. އައި. އޭ ގެ ވެރިއަކަށް ހުރި ކާރމިޓް ރޫސްވެލްޓް ޖޫނިޔަރ އީރާންގެ ބޮޑުވަޒީރަކީ ސޯވިއެޓް އާއި ކޮމިއުނިސްޓުންގެ ނުފޫޒު ފޯރުވާ ބަލިކަށި ސިޔާސީ ވެރިއެއްކަމުގައި ދެކުމުގެ އިތުރުން އީރާނުގެ ތެލުން އިނގިރޭސީން މެދުވެރިވެ އެމެރިކާއަށް ލިބެމުންދިޔަ ފައިދާތައް ބީވުމުގެ ސަބަބުން، އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ހަރަކާތްތަކެއް ފެށުނެވެ. އެމެރިކާގެ ޖާސޫސީ އިދާރާ، ސީ. އައި. އޭ އާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ، އެމް. އައި. 6 ގުޅިގެން ބަޣާވާތެއް ގެނައުމުގެ ނިޔަތުގައި މޮސާދެޣް އާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމާއި މީސްތަކުން ބޮޑުވަޒީރުގެ ވެރިކަމާއި ޖެއްސުމުގެ ބޮޑު މަޢުލޫމާތުގެ ހަނގުރާމައެއް ފެށިއެވެ. އީރާނު މީހުންނަށް ފައިސާ ދީގެން އިހުތިޖާޖުތަކެއް ވެސް ފެއްޓުވިއެވެ. ޤާނޫނު ހަދާ މަޖުލީހުގެ މެންބަރުންނަށާއި ސިފައިންގެ ޖެނަރަލުންނަށާއި ގޭންގުތަކަށް ފައިސާ ދީގެން މޮސާދެޣް އާއި ދެކޮޅު އިހުތިޖާޖުތައް ފުޅާކޮށް އީރާން ހަލަބޮލި ކޮށްލިއެވެ. އީރާންގެ ރަސްކަމުގައި ހުރި ޝާހް އަށް ނުފޫޒުފޯރުވައިގެން ރަސްކަމުގެ އަމުރަކުން މޮސާދެޣް ބޮޑުވަޒީރު ކަމުން ދުރުކުރުމުގެ މަސައްކަތްވެސް ފެށުނެވެ. ރަސްކަމުގެ ދަރުބާރުގެ އަމުރަކުން މޮސާދޭޣް ބޮޑުވަޒީރުކަމުން ދުރުކޮށް، ސިފައިންގެ ޖެނަރަލް ފަޒްލު ﷲ ޒާހެދީ އެމަގާމަށް އައްޔަންކޮށް، މޮސާދޭޣް ހައްޔަރުކުރުމަށް ޝާހް އަށް ވަފާތެރި ސިފައިން ފޮނުވިއެވެ. ނަމަވެސް، މޮސާދޭޣް އަށް ހުރިހާ ކަމެއް ހިނގަމުންދަނީ ބޮޑު ނުބައި ރޭވުމެއްގެ ތެރެއިން އެމެރިކާ އާއި އިނގިރޭސިން އަޑީގައި ތިބެގެންކަން އެގުމާއި އެކު، އޭނައަށް ވަފާތެރި، ޤައުމިއްޔަތުގެ ދިފާއުގައި ތިބި ސިފައިން މެދުވެރިކޮށް ހައްޔަރުކުރުމަށް ފޮނުވި ޝާހުގެ ސިފައިންތައް ހައްޔަރުކޮށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބު ކޮށްލިއެވެ. ޝާހު އޭނާގެ ރަށްކާތެރިކަން ކަށަވަރު ނުވާތީ ޤައުމުން ފިލައިގެން އިރާޤް މަގުން އިޓަލީގެ ރޯމަށް ފިލިއެވެ.

އެފަހަރުގެ ބަޣާވަތް ނާކާމިޔާބު ވުމުން ސީ. އައި. އޭ އާއި އެމް. އައި. 6 އިތުރަށް މަސައްކަތްކޮށް އަނެއްކާވެސް ބަޣާވާތެއް ގެނައުމުގެ މަސައްކަތް އިތުރު ރޭވުންތެރިކަމާއި އެކު މާ ފުޅާކޮން ފެށިއެވެ. އެގޮތުން ބޮޑެތި ހަޅުތާލުތަކުގެ ހަލަބޮލި ކަމުގެ ތެރެއިން މޮސާދޭޣްގެ ވެރިކަން 19 އޯގަސްޓް 1953 ގައި ބަޣާވާތަކުން ވައްޓައިލިއެވެ. މޮސާދޭޣް ހައްޔަރުކުރުމަށް އޭނާ ރައްކާތެރިކަން ހޯދައިގެން ހުރި ގެ ހިސާރުކޮށް މޮސާދޭޣް އަށް ވަފާތެރި ސިފައިންނާއި އިދިކޮޅު ސިފައިންގެ މެދުގައި ހަމަލާތައް ބަދަލުކުރަމުން ދިޔައެވެ. ޤައުމުގައި ލޭ އޮހޮރުވަށް ބޭނުންނުވާތީވެ މޮސާދޭޣް އަމާންދިނެވެ. ހައްޔަރުކުރުމަށް ފަހު ބޭއިންސާފުން ޤައުމަށް ގައްދާރުވުމުގެ ކުށުގައި ޖަލުގައި ބަންދުކުރެވުނެވެ. އޭގެ 3 އަހަރު ފަހުން އުމުރު ދުވަހުގެ ގޭބަންދުގައި 1967 ގައި މަރުވަންދެން ހުއްޓެވެ. ބަޣާވާތުގެ 3 ދުވަސް ފަހުން، ރޯމުގައި ފިލަންގޮސް ހުރި މުހައްމަދު ޝާހް ރެޒާ ޕަހްލަވީ އެނބުރި އީރާނަށް އައެވެ. އެމެރިކާ އާއި އިނގިރޭސިންގެ ފުރިހަމަ ތާޢީދާއި ބާރާއިއެކު ޝާހްގެ ވަރަށް ނުފޫޒުގަދަ އަދި ބާރުތައް އެއްކުރެވިގެންވި ވެރިކަމެއް ޤާއިމުކޮށް، އަނިޔާވެރި ވެރިކަމެއް ހިންގަން ފެށިއެވެ.

ހުޅަނގުގެ ނުފޫޒުތަކަށް އަޅުވެތިވެ އަނިޔާވެރި ވެރިކަން ދެމެހެއްޓުމަށް ސިއްރު ފުލުހުންގެ ފައުޖެއް އުފައްދައިގެން ސަރުކާރާ އިދިކޮޅު މީހުން ހައްޔަރުކޮށް އަދަބު ދެމުން ދިޔައެވެ. އީރާނުގެ ދުވަސްވީ ބޮޑު ހަޟާރަތުގެ ސިފަތަކުގެ ބަދަލުގައި މުޖުތަމަޢުގައި ހުޅަނގުގެ ގޮތްތައް ފެތުރުމުގެ މަސައްކަތް ބާރުމިނުގާ ކުރަމުން ދިޔައެވެ. އީރާނުގެ ތެލުގެ ބޮޑު ސިނާޢަތުން ޤައުމުގެ ރައްޔިތުންނަށް ލިބޭ ފަޢިދާއެއް ނެތެވެ. އެމެރިކާ އާއި ހުޅަގުން ބޭނުން ވަރަކަށް ބޭނުން އަގެއްގައި އީރާނުން ތޮޔެ ނަގަމުން ދިޔައެވެ. ހުޅަގުގެ އިސްތިއުމާރީ ބާރުތަކުން ޖަހަމުންދާ ހުރިހާ ބެރަކަށް، ކިޔާ ހުރިހާ ލަވަޔަކަށް ނަށާ ޤައުމަކަށް އީރާން ވެގެންދާތީ ފެންނަން ފެށިއެވެ. ޝާހުގެ އާޢިލާއާއި އޭނާގެ ވެރިކަން ދިފާޢުކޮށްދޭ ސަރުކާރުގެ އިސްފަރާތްތަކާއި އަސްކަރީ ޖެނެރަލުން އިންތިހާއަށް ތަނަވަސް ވެގެން ދިޔައިރު، ފަޤީރުކަން ދިޔައީ އިތުރުވަމުންނެވެ. ފަޤީރުންނާއި ތަނަވަސް މީހުންގެ ފަރަގު ދިޔައީ ފުޅާވަމުންނެވެ. އީރާނުގެ އެތަކެއް ޒަމާނެއްވި އިސްލާމީ ހަޟާރަތް ސުންނާފަތި ވަމުންދާކަމުގެ އަސަރުތަކާއި އިހުސާސްތައް އީރާނުގެ ދީނީ ޢިލްމުވެރިންނަށް ކުރެވެމުން ދެއެވެ.

ޝާހުގެ ވެރިކަމުގެ އަނިޔާވެރި ވެރިކަން 26 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ. އީރާނުގެ އޭރުގެ ބޮޑު ޢިލްމުވެރިއެއް ކަމުގާވި އާޔަތުއް ﷲ ރޫޙުއް ﷲ ޚާމަނާއީ ޝާހުގެ އަލްމާނީ ސިޔާސަތުތަކާއި ދެކޮޅުވެރިވެ، އިރާޤާއި ފަރަންސޭސި ވިލާތާއި ދެމެދު، އަމިއްލަޔަށް އަރުވާލެވި ހުރެގެން، އިސްލާމީ އިންގިލާބުގެ ހަރަކާތްތައް ދަރުސްތަކާއި ލިޔުންތަކާއި އޯޑިޔޯތައް އީރާންނަށް ވަގަށް ވައްދައިގެން، ކުރިއަށް ގެންދަން ފެށުނެވެ. އަނިޔާވެރިކަމުގެ ނިމުން ގެނުވި އިސްލާމީ އިންގިލާބު 1978 ވަނަ އަހަރުގެ ކުރީ ކޮޅުގައި ބޮޑެތި މުޒާހަރާތަކުން ފެށުނެވެ. އީރާނުގެ އެކިއެކި ސިނާޢަތްތަކުގައި، ޚާއްޞަކޮށް ތެލުގެ ސިނާޢަތުގައި، މަސައްކަތް ކުރަމުން ދިޔަ މީހުންގެ ހަޅުތާލުތައް އިތުރުވެ، ޝާހުގެ އަނިޔާވެރި ކަމުގެ މައިބަދަ ކަމުގައިވި އީރާނުގެ އިޤްޠިޞާދު ހުއްޓުމަކަށް އައެވެ. ހަޅުތާލުތައް މައިތިރި ކުރުމަށް އަނިޔާވެރިކަމާއި އެކު ސިފައިން ނެރެ ހަޅުތާލުކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖެހުމުގެ ހާދިސާތަކުގެ ސަބަބުން ޝަހީދުވެ އެކި ވަރުގެ އަނިޔާތައް ލިބެމުންދިޔަ މީހުން އިތުރުވެ، ރައްޔިތުން ރަތަށްއެރިއެވެ. ޝާހުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ ޤައުމީ، ދީނީ ވާޖިބެއްގެ ގޮތުގައި ދެކި، ގިނަބަޔަކު ހަޅުތާލުތަކަށް ނުކުތުމުން އަނިޔާވެރިކަން އިތުރުވެ، އެތައްބައެއްގެ ފުރާނަ ނެތިގެން ދިޔައެވެ. މީގެ ސަބަބުން 40 ދުވަހުގެ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކުގައި މެނުވީ ޤައުމުގެ ހާލަތު ސުލްހައެއް ނުވެއެވެ. ޝާހުގެ އަނިޔާވެރިކަން އިތުރުވުމުގެ ނަތީޖާއަކީ 1978 ގެ ފަހު ކޮޅާއި 1979 ވަނަ އަހަރުގެ ފުރަތަމަ ކޮޅުގައި ގިނަ ޢަދަދެއްގެ ސިފައިން ރައްޔިތުންގެ ކޮޅަށް ޖެހި، ހަޅުތާލުތަކުގައި ބައިވެރިވުމެވެ. މި ހުރިހާ ހަރަކާތްތަކުގެ އިސްވާރުގެ ދައުރު އަދާކުރި ފަރާތަކީ އާޔަތުއް ﷲ ރޫޙުއް ﷲ ޚާމަނާއީ އެވެ. އިންގިލާބީ ހަރަކާތްތައް ފުޅާވެ، ޝާހުގެ އަތުން ޤައުމު މައިތިރި ކުރުމުގެ ބާރު ބީވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން 16 ޖަނަވަރީ 1979 ގައި ޤައުމުން ފިލިއެވެ.

1979 ވަނަ އަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހު އާޔަތުއް ﷲ ރޫޙުއް ﷲ ޚާމަނާއީ އަމިއްލަޔަށް އަރުވާލެވިގެން ހުރުމަށްފަހު އެނބުރި އީރާނަށް އައުމުން ރައްޔިތުން ދިނީ ބަޠަލެއްގެ މެހެމާންދާރީ އެވެ. 11 ފެބުރުއަރީ 1979 ގައި ރަސްމީކޮށް ޝާހުގެ ރަސްކަން ނިމުނެވެ. އަދި އަސްކަރީ ފައުޖުތައް ވަކިކޮޅަކަށް ނުޖެހި މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި އޮތުމަށް ނިންމިއެވެ. ރަސްކަމުން އިސްލާމީ ޖުމްހޫރިއްޔަތަކަށް އީރާންގެ ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަނޑައެޅިގެން ދިޔައެވެ. އިސްލާމް ދީނުގެ މައްޗަށް ބިނާކުރެވުނު އައު ޤާނޫނު އަސާސީއަކަށް ޢަމަލު ކުރެވެން ފެށުނެވެ. އެ ޤާނޫނު އަސާސީގައި ޤައުމުގެ އެންމެ މަތީ ބާރަކީ ރޫޙާނީ ލީޑަރުގެ ގޮތުގައި ކަނޑައެޅުނެވެ. ރޫޙާނީ ލީޑަރަކަށް އާޔަތުއް ﷲ ރޫޙުއް ﷲ ޚާމަނާއީ އަށްޔަންކުރެވިގެން ދިޔައެވެ. ހުޅަނގުގެ އަލްމާނީ ފިކުރުގެ މީހުން ސަރުކާރާއި އަސްކަރިއްޔާއިން ދުރުކުރެވުނެވެ. އަލްމާނީ ފިކުރުގެ މީހުން ޤައުމު ދޫކޮށް ހުޅަނގުގެ ޤައުމުތަކަށް ހިޖުރަކުރިއެވެ. އީރާނުގެ ދަރިވަރުންގެ އެމެރިކާ އާއި ދެކޮޅުވެރިކަމުގެ ހަރަކާތެއްގައި އެމެރިކާގެ އެންބަސީ ޙިޞާރުކުރުމުގެ ހާދިސާ ވެގެން ދިޔައީ އީރާނުގައި އޮތް އެމެރިކާގެ ނުފޫޒާއި ބާރުގެ ނިމުން ކަމުގައެވެ. އީރާނުގެ ދަރިވަރުން އެމެރިކާގެ 66 މީހުންނާއި އެކު އެންބަސީ ޙިޞާރުކުރިއެވެ. އެއީ 4 ނޮވެމްބަރު 1979 ގައެވެ. އަންހެނުންނާއި އެފްރިކާ ނަސްލުގެ މީހުންނާއި އެކު 14 މީހުން މިނިވަން ކުރުމަށްފަހު 52 މީހުންނާއި އެކު 444 ދުވަހު އެންބަސީ ޙިޞާރުކުރިއެވެ. އެމެރިކާގެ އޭރުގެ ރައީސް ޖިމީ ކާރޓަރ މަޝްވަރާގެ މޭޒުންނާއި އަދި އަސްކަރީ ގޮތުން ޙިޞާރުކުރެވުނު މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރިއެވެ. އެގޮތުން 1980 ގެ އޭޕްރީލު މަހު ބާޒު ވަކިގަނޑުގެ ނަމުގައި ހިންގި އަސްކަރީ އޮޕަރޭޝަން ނާކާމިޔާބު ވެގެން ދިޔައީ އީރާނުގެ ސަހަރާގެ މަތިން ތެޔޮ އަޅާ ބޯޓަކުން ހެލިކޮޕްޓަރަކަށް ތެޔޮ އެޅުމުގެ ތެރޭގައި އެކަތި އަނެކަތީގައި ޖެހި ހިނގި ހާދިސާގައި އެމެރިކާގެ 8 ސިފައިން މަރުވެގެންނެވެ. އެމެރިކާގެ އެންބަސީގައި ބަންދުކުރެވުނު އަސީރުން މިނިވަން ކުރެވުނީ އަލްޖީރިއާ މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކެއްގެ ނަތީޖާއިންނެވެ. މިނިވަން ކުރެވުނީ އެމެރިކާގެ ރައީސްކަމަށް ރީގަން ހުވާކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ފަހުން 20 ޖަނަވަރީ 1981 ގައެވެ.

މި ހާދިސާގެ ފަހުން އީރާނަކީ އެމެރިކާގެ ދުސްމަނެއްގެ ސިއްކަ ޖެހިގެން ދިޔައެވެ. އަދާ ހަމަޔަށް ވެސް އެކަން އޮތީ އެ ގޮތުގައެވެ. ބަދަލު ހިފުމުގެ ގޮތުން އީރާނުގެ އެތަކެއް ބިލިއަން މުދަލެއް އެމެރިކާއިން ހިފަހައްޓައި އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިއެވެ. ދެ ޤައުމުގެ ޚާރިޖީ ގުޅުން ކެނޑި، އެމްބަސީތައް ބަންދު ކުރެވުނެވެ. އެމެރިކާއިން މެދުއިރުމަތީގެ ސިޔާސަތު ބަދަލުކުރިއެވެ. މެދުއިރުމަތީގެ ޢަރަބި ރަސްކަންތައް ކުރަމުންދިޔަ ޤައުމުތަކަށް ބޮޑެތި މާލީ އެހީތަކާއި އަސްކަރީ އެހީތައް ދީގެން ގުޅުން ބަދަހިކުރިއެވެ. އީރާނާއި ދެކޮޅުވެރި ސިޔާސަތުތަށް އެ ޤައުމުތަކުގައި ބިނާކޮށް ގެންނެވެ. އަޤީދާގެ ގޮތުންނާއި އަދި ތާރީޚީ ގޮތުން ސުންނީ މުސްލިމުންނާއި ޝީޢާ މުސްލިމުންގެ ހުރި ތަފާތުތަކުގެ ބޭނުންކޮށް، އޭގެ ތެރެއަށް އެކި ގޮތްގޮތުން އިޒްރޭލުގެ މޮސާޑާއި އެމެރިކާގެ ސީ.އައި.އޭ މެދުވެރިވެގެން ދަރުއަޅާ އަންދަމުން ދިޔައެވެ. ޝިޢައީންގެ ނަމުގަޔާއި ސުންނީންގެ ނަމުގައި ހަރުކަށި ފިކުރުގެ ނިރުބަވެރި ޖަމާޢަތްތައް އުފަންކޮށް އެކި ފާޑުގެ ނިރުބަވެރި ހަރަކާތްތަކާއި ހަމަލާތަކާއި ހަމަނުޖެހުން ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ޢަރަބި ޤައުމުތަކާއި އީރާނާއި ދެމެދު އިތުބާރު ގެއްލި ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. މީގެ އިތުރުން އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުންނާއި އިޒްރޭލުން ޢަރަބި ޤައުމުތަކުގެ ތެލާއި ގޭހުގެ ސިނާޢަތުގައި ވުނަކޮށްގެން ތެޔޮ އުފައްދާ މިންވަރު އިތުރުކޮށް ދުނިޔޭގެ ތެލުގެ ބާޒާރުގައި އީރާނުގެ ނުފޫޒު ކުޑަކޮށް، މެދުއިރުމަތީގެ ޤައުމުތަކުގެ ތެލުގެ މައްޗަށް ބާރުވެރި ވިއެވެ.

އީރާނުގެ އިސްލާމީ އިންގިލާބުން ފެށިގެން، ދަތިކުރުމުގެ ތަފާތު ފިޔަވަޅުތުގެ ތެރެއިންވެސް، އިޤްޠިޞާދީ ގޮތުން މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް ކެއްތެރިކަމާ އެކު އެމެރިކާ އާއި ވާދަވެރި ޤައުމުތަކާއި އެކު ސިއްރު ވިޔަފާރީގެ ގުޅުންތައް ޤާއިމްކުރިއެވެ. އީރާނު ވެގެން ދިޔައީ އެމެރިކާގެ އިސްތިއުމާރީ ނުފޫޒުތަކުގެ ކުރިމަތީ ބަސްބުނެ، ބަހާއި ޢަމަލު ދިމާކޮށް އެމެރިކާގެ ހުރިހާ ނުފޫޒަކާއި ދެކޮޅު މަދު ޤައުމުގެ ތެރިންނެވެ. އީރާނުން ދުރާލާ ރޭވިގެން ކުރިޔަށް ގެންދެވުނު މަގުޗާޓުތަކުގެ ނަތީޖާގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި ނުފޫޒުގަދަ ޤައުމަކަށް އީރާން ވެގެން ދިޔައެވެ. ދުނިޔޭގެ ބޮޑެތި އިޤްޠިޞާދުތައް ކަމުގައިވި ޗައިނާއާއި ރަޝިޔާ ފަދަ ޤައުމުތަކާ އެކު ތެލާއި އެހެނިހެން ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރިއެވެ. އެމެރިކާގެ އިޤްޠިޞާދީ އިސްތިއުމާރީ ސިޔާސަތުގެ ނުފޫޒު ކުޑަކުރުމުގެ ބޭނުމުގައި ބްރެޒިލް، ރަޝިޔާ، އިންޑިޔާ، ޗައިނާ އަދި ސައުތު އެފްރިކާ އުފެއްދި އިޤްޠިޞާދީ ގުޅުމުގެ މެންބަރަކަށް އީރާން ވެގެންދިއުމަކީ އީރާނުން ހޯދި ކާމިޔާބެކެވެ. އެމެރިކާގެ ނުފޫޒު ކުޑަކުރުމަށް އިތުރު މަގުތަކެއް ހުޅުވުނެވެ. އެމެރިކާ ޑޮލަރު ބޭނުން ނުކޮށް އިރާނުން މި ޤައުމުތަކަށް ތެލާއި ގޭސް ވިއްކަން ފެށުން ވެގެން ދިޔައީ އެެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކަލުގެ ގޮތުގައެވެ. ސަބަބަކީ އެމެރިކާއަށް ވޭތުވެދިޔަ ދިގު ތާރީޚުގައި ލިބިފައި އޮތް އެންމެ ބޮޑު ބާރަކީ ދުނިޔޭގެ ހުރިހާ ބައިނަލްއަގުވާނީ މުޢާމަލާތްތައް ޑޮލަރުން ކުރުމެވެ. އެމެރިކާގެ އެތެރޭގެ އިޤްޠިޞާދުގައި ތަކެތީގެ އަގުތައް މަތިނުވެ (އިންފްލޭޝަން)، ބޭނުން ވަރަކަށް ޑޮލަރު ޗާޕުކޮށް ޤައުމުތަކުން ތެލާއި ގޭހާއި މައުދަންތައް އެތެރެ ކުރުމުގެ އިތުރުން، އެމެރިކާ ނުރުހޭ ކޮންމެ ޤައުމަކަށް ބޭނުން ކޮންމެ ވަގުތަކު ދަތިކުރުމުގެ ގޮތުން އެމެރިކާއިން ކޮންޓްރޯލްކުރާ ބޭކިންގ ނިޒާމުގެ ބޭނުންކޮށް ފިޔަފާރީގެ މުޢާމަލާތްތައް ފިއްތުމުގެ ބާރު އޮވެއެވެ. ނަމަވެސް، ކުރިން ބުނިފަދައިން ޑޮލަރު ބޭނުން ކުރުމުގެ ބަދަލުގައި ދޭދޭ ޤައުމުތަކުގެ އަމިއްލަ ފައިސާއިން މުޢާމަލާތްތައް ކުރަން ފެށުމުގެ ނަތީޖާ ވެގެންދިޔައީ އެމެރިކާގެ އިޤްޠިޞާދު ހީނަރުވާ ސަބަބަކަށެވެ. އަދި އެމެރިކާ އާއި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަލާފައިވާ ޤައުމުތަކުން އެ ދަތިތަކުން ރެކެވޭ މަގެއްކަމުގައި ވެސް ވިއެވެ.

އީރާނަށް ހަމަލާ ދިނުމުގެ ހަޤީޤީ ބޭނުމަކީ ނިޔުކުލިޔަ ހަތިޔާރު އުފެއްދުން ހުއްޓުވުމެއް ނޫނެވެ. އެމެރިކާ އާއި އިޒްރޭލުގެ ޖާސޫސީ އިދާރާތަކަށް އީރާނުން ނިޔުކުލިޔަ ހަތިޔާރު ނޫފައްދާކަން ޔަޤީންކޮށް އެނގެއެވެ. ނަމަވެސް، ހަމަލާ ދިނުމަށް ދުނިޔެއަށް ދައްކާނެ ބަހަނާއެއް އުފަންކުރީއެވެ. މި ބަހަނާ އުފަންކުރުމުގައި ބައިނަލްއަގުވާނީ އިދާރާތަކުގެ ފުރިހަމަ ރޭވުމާއި އެއްބާރުލުން އެމެރިކާ އަށް ލިބެއެވެ. ބައިނަލްއަގުވާނީ ޤާނޫނުތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމުގެ އިދާރާތައް ވަނީ ހުޅަނގުގެ ނުފޫޒުގެ ދަށުގައެވެ. އައި. އޭ. އީ. އޭ އިން އީރާންގެ ނިޔުކުލިޔަ މަރުކަޒުތަކަށް ހަމަލާ ދިނުމުގައި ޖާސޫސު ކޮށްދީ، ހަމަލާތައް ކުއްވެރި ނުކުރުމުން ވެސް މިކަން ހާމަވެއެވެ. އ.ދ ގެ ސެކިއުރިޓީ ކައުންސިލްގައި އެމެރިކާގެ ނުފޫޒަކީވެސް އައު ކަމެއް ނޫނެވެ. އީރާންނަށް ހަމަލާ ދީގެން ޤައުމުގެ އިޤުޠިޞާދު ފުނޑާލާ އީރާންުގެ ވެރިކަން ބަދަލުކޮށް، އެމެރިކާގެ ގޮނޑިކޮށްކޮ ސަރުކާރެއް ގެނެސް، އީރާނުން އެހެން ޤައުމުތަކާއި އޮންނަ ގުޅުން ނެތިކޮށް، އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ ރަޝިޔާ އާއި ޗައިނާގެ ބާރުވެސް ހީނަރު ކޮށްލެވޭނެ ކަމެކެވެ. އަދި އީރާންގެ ވެރިކަން ބަދަލު ކުރުމުން މިހާރުވެސް އެމެރިކާގެ ގޮނޑިކޮށްކޮ ޢަރަބި ވެރިންތައް އިތުރަށް ބިރުގަނެ، އެހެން ޤައުމުތަކާއި ގުޅުން ބަދަހިކުރުމަށް ޖެހިލުން ކުރުވުން އެއީ ވެސް އެމެރިކާގެ ބޭނުމެކެވެ. އެމެރިކާއިން ދުނިޔޭގެ ސުޕަރ ޕަވާރ ގެ ގޮތުގައި ދެމިއޮތުން ނިމުމަކަށް އައުމުގައި އީރާނުން އަދާކުރާ ދައުރުރަކީ ބޮޑު ދައުރެކެވެ. އީރާންއަށް ހަމަލާ ދެނީ މިސަބަބަށް ޓަކައެވެ.

ނޯޓް: ޑރ. އިސްމާޢިލް ނިޒާމަކީ ދިވެހިރާއްޖެގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލް އަދި އެސް.ޑީ.އެފް.ސީ ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާރމަން އެވެ. ދާއިމީ ވަޒީފާގެ ގޮތުން މަސައްކަތް ކުރަނީ މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ދަށުން ހިންގާ، އިސްލާމިކް ފައިނޭސްގެ ޚާއްސަ ޔުނިވާރސިޓީގެ އެސޯޝިއޭޓް ޕްރޮފެސަރެއްގެ މަޤާމުގައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟