މިލައުތުރު

ޤަރުޟް ހަސަން (ހެޔޮވެގެންވާ ދަރަނި) – ދުނިޔެވީ އަދި އުޚްރަވީ ފައިދާ.

ލިޔުނީ: ޑރ. އިސްމާޢީލް ނިޒާމް

އިސްލާމް ދީނަކީ އޯގާތެރިކަމުގެ ދީނެވެ. އިސްލާމުން ކުށްތައްވަނީ އޯގާވަންތަކަމާއި ކުލުވެރިކަމާއި ރަހުމަތުގެ އެންމެހާ ސިފަފުޅުތަކުން ފުރިހަމަ މާތް ﷲ ގެ ހަޟުރަތަށެވެ. މާތް ﷲ ގެ ދީން ބިނާވެގެންވަނީ މި ސިފަފުޅުތަކުން އެކަލާންގެ އަޅުތަކުން ވެސް ޒީނަތްތެރިވެ އެކަލާންގެ ރުހިވޮޑިގަތުން ހޯދުމުގެ ފުރިހަމަ ސަމާވީ (އިލާހީ) އޮނިގަނޑެއްގެ މައްޗަށެވެ. އިސްލާމް ދީނުގެ އޮނިގަނޑަކީ ޝާމިލު އޮނިގަނޑެކެވެ. އިސްލާމް ދީނަކީ އިޖުތިމާޢީ ދޭދޭ ގުޅުންތަކާއި އިޤުޠިޞާދީ މުޢާމަލާތްތަކާއި ވިސްނުމާއި ފިކުރުގެ އަޚްލާޤިއްޔަތާއި އަޅުކަންތައް އެ އޮނިގަނޑުގެ މަައްޗަށް ތަރުތީބު ކުރެވިގެންވާ ފުރިހަމަ ދިރިއުޅުމުގެ ވައްޓަފާޅިއެކެވެ.

މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން އުފެދިގެން އަންނަނީ އެ މުޖުތަމަޢުގެ އަފުރާދުން، ދޭދޭ މީހުންގެ ދެމެދުގައި އޮންނަ އޯގާތެރިކަމާއި އަޅާލުމުގެ މައްޗަށެވެ. މުޖުތަމަޢެއްގެ މިދެންނެވި ސިފަ ނެތިގެން ދާނަމަ އެ މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ނެތިގެން ދާނެއެވެ. މުޖުތަމަޢުގައި އޯގާތެރިކަމާއި އެކަކު އަނެކަކުގެ މައްޗަށް އަޅާލުން ބޭނުންތެރިވަނީ މުޖުތަމަޢުގެ އަފުރާދުންގެ ތެރޭގައި އެކަކު އަނެކުންގެ ބޭނުންތަކަށް އެދެން މެދުވެރިވާނެ ގޮތަށް މުޖުތަމަޢު ބިނާވެގެން ވާތީއެވެ. މާތް ﷲ އެކަލާންގެ އަޅުތަކުން އިމްތިހާނު ކުރެއްވުމަށް މީސްތަކުންގެ މެދުގާ ފަރަގުތައް ލެއްވެވިއެވެ. އެކަލާންގެ އިރާދަފުޅު ކުރެއްވި ބަޔަކަށް އިރާދަފުޅު ކުރެއްވި މިންވަރަކަށް، އަދި އިރާދަފުޅު ކުރައްވައިފިނަމަ މިންވަރެއް ނުވާ ފަދައިން ރިޒުޤު ދެއްވައެވެ. މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގާ ވެއެވެ: ”… އަދި ﷲ އިރާދަ ކުރައްވައިފި މީހަކަށް ހިސާބެއްނެތި ރިޒުޤު ދެއްވަތެވެ“ (ސޫރަތުލް ބަޤަރާ: 212). ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތުގައި މިފަދައިން ވަޙީ ކުރެވިގެން ވެއެވެ.

މުޖުތަމަޢުގައި އެމީހުންގެ އެއްވެސް އަސާސީ ބޭނުމެއް ނުފުއްދޭ މީހުންނާއި ބައެއްބޭނުން ފުއްދޭ މީހުން އުޅެއެވެ. އަސާސީ ބޭނުންތަކުގެ އިތުރުން ފަރުދީގޮތުންނާއި އާޢިލީގޮތުންނާއި އިޖުތިމާޢީ ގޮތުން ޙަލާލު މަސައްކަތްތަކުން އިތުރު ކުރިއެރުން ހޯދުމަށް ވެސް މީހުން ބޭނުންވެއެވެ. ބައެއް ފަހަރު ރަނގަޅު އާމްދަނީއެއް ލިބޭ މީހާވެސް ހާލަތު ނިޔާކުރާ ގޮތަކުން އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ވެއެވެ. ތަފާތު ސަބަބުތައް މެދުވެރިވެގެން ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ މީހުންނާއި ދޭތެރޭގައި ތަނަވަސް ކަމުގެ އަހުލުވެރިން ޢަމަލުކުރާގޮތް އެއީ މުޖުތަމަޢުގައި އޯގާތެރިކަމާއި އަޅާލުން އޮތް ވިންވަރު ފެނިގެންދާނެ ހާލަތެކެވެ. އިސްލާމް ދީނުގައި ޒަކާތް ވާޖިބު ވުމާއި ޞަދަޤާތާއި އަދި ޤަރްޟު ހަސަންފަދަ މުޢާމަލާތްތަކަށް ބާރު އެޅިގެންވަނީ މިދެންނެވި އޯގާތެރިކަމާއި އަޅާލުން ތަންފީޒުކުރުމުގެ ވަޞީލަތްތަކުގެ ގޮތުގައެވެ.

މި ލިޔުމުގައި އަލި އަޅުވާލަން ގަސްދުކުރަނީ ޤަރްޟް ހަސަން ގެ މައްޗަށެވެ. ޤަރްޟް ހަސަނަކީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ވަސީލަތެކެވެ. ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތުގައި (ސުރަތުލް ބަޤަރާ: 245، ސޫރަތުލް މާޢިދާ: 12، ސޫރަތުލް ހަދީދް: 11 އަދި 18، ސޫރަތުއް ތަޣާބުން: 17 އަދި ސޫރަތުލް މުއްޒައްމިލް: 20) ޤަރްޟް ހަސަން ގެ ވާހަކަ ބަޔާންވެގެން ވެއެވެ. ބަޤަރާ ސޫރަތުގެ 245 ވަނަ އާޔަތުގެ މާނައިގާ ވަނީ: ”ހެޔޮވެގެންވާ ދަރަންޏަކުން ﷲ އަށް ދަރަނި ދޭހުށީ (އެބަހީ: ﷲ އަށްޓަކައި ހޭދަކުރާހުށީ) ކާކުހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، ﷲ އެ ދަރަނީގެ ހެޔޮކަން ގިނަވެގެންވާ ގުނަތަކަކުން އިތުރުކޮށް ދެއްވާނެތެވެ. ރިޒުޤު ދަތިކުރެއްވުމާއި ރިޒުޤު ތަނަވަސް ކުރައްވަނީ ﷲ އެވެ. އަދި، އެނބުރި އައުން ވާކަން ކަށަވަރީ ހަމަ އެކަލާންގެ ހަޟުރަތަށެވެ.“

ބޭނުންޖެހި، އެމީހެއްގެ ބޭނުން ފުއްދުމަށް ނުކުޅެދިވާ މީހުންނަށް، ދަރަނީގެ ރައުސުލް މާލު (ދަރަނީގެ ގޮތުން ދެވޭ އަދަދު) ގެ އިތުރުން އެއްވެސް އެހެން މަންފާއެއް ނޭދި، އެފަދަ ޝަރުތެއް ނެތި ދެވޭ ދަރަންޏަކީ ޤަރްޟް ހަސަނެވެ. ދަރަނި ދޭ ހިނދު، ދަރަނީގެ ބަދަލުގައި އިތުރު އެއްވެސް މަންފާއެއް އަނބުރާ ދިނުމަށް ޝަރުތު ކޮށްފިނަމަ، އެ ދަރަނި ވެގެންދާނީ ރިބާގެ ދަރަންޏަކަށެވެ. ޤަރްޟް ހަސަނަކީ ކީރިތި ޤުރުއާނުގެ ނަައްސުން ސާބިތުވާ ވަރަށް މަތިވެރި ވެގެންވާ އަޅުކަމެކެވެ. މީހުންނަށް ދިމާވެފައިވާ ދަތިތައް ފިލުވާދިނުމަށް، ދުނިޔެވީ މަންފާއެއް ހޯދުމުގެ ނިޔަތަކާއި ނުލާ، ދަރަނީގެ ރައުސުލް މާލު އަނބުރާ ލިބޭގޮތަށް، ދޫކުރެވޭ ދަރަންޏަކީ އޭގެ ސަބަބުން އާޚިރަތުގައި ގިނަގުނަ ދަރުމަ ލިބުމުގެ އިތުރުން، ދުނިޔެވީ ހަޔާތުގައި ވެސް، މާތް ﷲ ތިބާގެ މުދަކުގައި ބަރަކާތް ލައްވާނެ ކަމެކެވެ.

މިޒަމާނުގައި ތަރައްޤީ ވެގެން އައިސްފައިވާ އިސްލާމީ މާލީ ނިޒާމުގައި ބޭންކުތަކާއި މާލީ ޙިދުމާތްތައް ވިޔަވަފާރީގެ އުޞޫލުންދޭ ކުންފުނިތަކުން ވެސް ޤަރްޟް ހަސަން ބޭނުން ކުރަމުން ދާކަން ފާހަގަ ކޮށްލުން މުހިއްމެވެ. ބޭންކުތަކުން ވެސް ޤަރްޟް ހަސަން ގެ އުޞޫލުން ވަރަށް ގިނަ މާލީ ޙިދުމަތްތައް ދެވިދާނެވެ. މުޖުތަމަޢުގައި ދިތުރު މާލީ ބޭނުންތައް ދިމާވެފައިވާ ފަރާތްތަކަށް ޤަރްޟް ހަސަން ގެ އުޞޫލުން ލޯނު ދެވިދާނެއެވެ. އެއީ ސީދާ ނަގުދު ފައިސާގެ ލޯނު ނުވަތަ ދަރަނީގެ ކާޑު މެދުވެރިކޮށް ވެސް މެއެވެ. އިސްލާމީ މާލީ ނިޒާމްގެ ތެރޭގައި، ޚާއްސަކޮށް ސޯޝަލް ފައިނޭސް (އިޖުތިމާޢީ މާލީ ޙިދުމަތްތައް) ދިނުމުގައި ޤަރްޟް ހަސަން ބޭނުން ކުރެވިދާނެއެވެ.

ހަނދުމަ ކޮށްލުން މުހިއްމު ކަމަކީ ދަރަންޏަކީ ދަރަނިވެރިވާ މީހުންނަށް، އެކަމުގެ މައްޗަށް އެކަށީގެންވާ ހާޖަތެއް ނުވާނަމަ، އިސްލާމް ދީނުގައި ނުކުރުމަށް ބާރުއަލާ ކަމެކެވެ. ދަރަންޏަކީ ދިރި އުޅުމުގައި އާންމު ކަމަށް ވުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއްނޫނެވެ. ދަރަނި ނުނަގާ ވާން އޮންނަ ކޮންމެ ކަމެއްގައި ދަރަނިން ދުރުހެލިވުމަކީ އެދެވިގެންވާ ކަމެކެވެ. ކީރިތި ޤުރުއާނުގައި ދަރަނި ނެގޭ ހިނދު ދަރަނީގެ ޢަޤުދު ފުރިހަމަޔަށް ލިޔުމާއި ހެކިވެރިން (ސޫރަތުލް ބަޤަރާ: 282) ފުރިހަމަ ކުރުމަށް ބާރުއެޅިފައިވާ މިންވަރުން ވެސް ދަރަންޏަކީ އެކަށީގެންވާ ހާޖަތެއް ނުވާނަމަ، ދުރުހެލިވާން ޖެހޭ ކަމެއްކަން ދޭހަވެއެވެ. ޞަހީހް މުސްލިންގައި އައިސްފައިވާ ހަދީޘް ފުޅެއްގާ، ލޮބުވެތި ރަސޫލާ (ޞ) މީހެއްގެ ކަށުނަމާދު ކުރުމަށް (އެހެންމީހަކު އެމީހާގެ ދަރަނި ދެއްކުމަށް ދާންދެން) އިންކާރު ކުރެއްވި ކަމުގައި ބަޔާންވެގެން ވެއެވެ.

މުޖުތަމަޢުގައި ދަރަނި ނެގުމާއި ދަރަނި ދޫކުރުމުގެ އާދަކާދަ ހުންނަ ގޮތަކީ މުޖުތަމަޢުގެ ފަރުދުންގެ ހަރުދަނާކަން ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ. އެކަށީގެންވާ ހާޖަތެއް ނެތި ދަރަނި ނެގުމާއި އަދި އެކަށީގެންވާ ހާޖަތެއްނުވާ މީހުންގެ މައްޗަށް ދަރަނި ނެގުމަށް ބާރު އެޅިގެން ދާފަދަ ވިޔަފާރީގެ ހަރަކާތްތައް ގިނަވެ، މުޖުތަމަޢުގެ ގިނަ ބަޔަކީ ދަރަނީގެ އަހުލުވެރިންނަށް ވެގެން ނުވާނެއެވެ.

ނޯޓް: ޑރ. އިސްމާޢިލް ނިޒާމަކީ ދިވެހިރާއްޖެގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލް އަދި އެސް.ޑީ.އެފް.ސީ ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާރމަން އެވެ. ދާއިމީ ވަޒީފާގެ ގޮތުން މަސައްކަތް ކުރަނީ މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ދަށުން ހިންގާ، އިސްލާމިކް ފައިނޭސްގެ ޚާއްސަ ޔުނިވާރސިޓީގެ އެސޯޝިއޭޓް ޕްރޮފެސަރެއްގެ މަޤާމުގައެވެ.