މިލައުތުރު

ބަރާބަރު 2 އަހަރު ފަހުން އަނެއްކާ ވެސް ރައީސް ނަޝީދު އެނބުރި އަލުން އެމްޑީޕީއަށް.

ރާއްޖޭގައި ސިޔާސީ ފޯރި ގަދަކޮށްލަދިން މަދު ލީޑަރުންގެ ތެރެއިން ރައީސް ނަޝީދަކީ ވަރަށް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. އަދި އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ދެމިހުުރުމަށް ފަހު، ޖެހުނު ފިސާރި އޮއިވަރެގައި ހިތާ ދެކޮޅަށް ނަމަވެސް ޕާޓީ ދޫކޮށް، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވިއެވެ.

ރައީސް ނަޝީދު އަލުން އެމްޑީޕީއަށް އައުން ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާއަށް ސިޔާސީ ފާޑިކިއުންތައް އަމާޒުވިއެވެ. އަދި ތަފާތު ޝުޢޫރުތައް ސޯޝަލް މީޑިޔާގައި ފެތުރިގެންދިޔައެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އެމްޑީޕީގެ ލީޑަރޝިޕްގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތެވެ. ސަބަބު ވެސް ވަރަށް ސާފެެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުނު ފަދައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލެން ނޭދޭތީއެވެ.

ސަރުކާރު ހިންގާ ޕާޓީއަށް ފިޔަވާ މިކަމުގައި މައްސަލަތަކެއް ނެތެވެ. އަދި ހަމަނުޖެހުންތަކެއް އޮތްކަމަށާއި، ކުރީގެ ރައީސް ޞާލިޙް ޖަލްސާއަށް ވަޑައިނުގެންނެވީ ނަޝީދަށް މަރުޙަބާ ވިދާޅުވާން ބޭނުންފުޅު ނުވާތީ ކަމަށް ފެތުރި އަޑުތައް މިހާރު ވަނީ ހުލިވެގެން ގޮސްފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޯނުން ގުޅުއްވައި ރައީސް މުހައްމަދު ނަޝީދަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ރާއްޖެއިން ބޭރުގައި ހުންނަވާ ފޯނުން ގުޅުއްވާ ރައީސް ނަޝީދަށާއި، ޑިމޮކްރެޓްސް އިން ވަކިވެ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންނެވި ހުރިހާ މެންބަރުންނަަށް ވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙް ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި މި ބަދަލަކީ އެމްޑީޕީއަށް ހެޔޮ ބަދަލެކެވެ. އަދި މި ބަދަލާއެކު އިދިކޮޅު ޙަރަކާތުގެ ދަފާޢު ވެސް، ކުރިއަށް ކުޅުން ވެސް ހަލުވި ވެގެންދާނެއެވެ.

ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ 21 ޖޫން 2023 ގައެވެ.