ލިޔުނީ: ޝަހުމީލް އަޙްމަދު
އިންޑިއާ ކަނޑުގެ ސަރަޙައްދަށް ނިސްބަތްވާ އަރަބިންއަންސީގައި ފެހި މުތްތަކެއްހެން ފެތުރިފައިވާ މި ދިވެހިރާއްޖެއަކީ، ޤުދުރަތީ ވަސީލަތްތައް ނިސްބަތުން މަދު، އިޤްތިޞާދީ ގޮތުން ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވެފައިވާ ޖަޒީރާ ޤައުމެކެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މުދާ އެތެރެކުރުމަށް މަޖުބޫރުވެފައިވާ މި ޤައުމަށް، ބޭރު ފައިސާގެ މުހިންމުކަން ވަނީ ވަރަށް ބޮޑެވެފައެވެ. ޚާއްޞަކޮށް، ބައިނަލްއަޤްވާމީ ވިޔަފާރީގައި ބޭނުންކުރާ މައިގަނޑު ފައިސާކަމުގައިވާ އެމެރިކާ ޑޮލަރުގެ މުހިއްމުކަން މިކުޑަކުޑަ ދިވެހިރާއްޖޭއަށް މިވަނީ އިންތިހާއަށް ޖެހިފައެވެ.
މިއަދު ދިވެހިރާއްޖޭގައި އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދަލާއި އެހެނިހެން ތަކެތީގެ އަގު އާދަޔާ ޚިލާފަށް މަތިވެފައިވާ މައިގަނޑު އެއް ސަބަބަކީ، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓު (15.42)ގައި ޑޮލަރު ލިބެން ނެތުމެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމަށް ޑޮލަރު ވަންނަ މައިގަނޑު އެއް ދޮރާޓަކީ، މުޅި އިޤްތިޞާދު އެ ޞިނާޢަތަކަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ޞިނާޢަތެވެ. މި ޞިނާޢަތުން އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މުޢާމަލާތު ކުރެވި، ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ގިނަ އަދަދެއްގެ ނަފާ ޑޮލަރުން ލިބޭކަން މިއީ ދިވެހި ރައްޔިތުން ދަންނަ ބޮޑު ޙަޤީޤަތެކެވެ. ނަމަވެސް، މި ޞިނާޢަތުގައި ވިޔަފާރިކުރާ ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ކުރާ މާލީ މުޢާމަލާތްތަކުގައި ސާފުނުވާ އެތައް ކަމެއް ފޮރުވިފައިވެއެވެ. މިކަމަކީ ރާއްޖޭގެ ޑޮލަރުގެ ސަޕްލައިއަށް އަސަރުކުރާ ކަމަކަށް ވުމުން، މިކަމަކީ އިތުރަށް ތަޙްޤީޤުކޮށް ދިރާސާކުރަންޖެހޭ މުހިންމު މައްސަލައެކެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަޔަށް ޙައްލެއް ހޯދުމަށްޓަކައި، ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އިމިގްރޭޝަން ކްލިއަރެންސްގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަންނަންވެސް ވަނީ ޖެހިފައިވެއެވެ. މި ބަދަލުގެ ދަށުން، ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން، އެ ފަރާތްތަކުގެ ބުކިންގ އިންވޮއިސް ހުށަހެޅުން ލާޒިމުކުރަން ޖެހެއެވެ. އެހެންކަމުން، މި މައްސަލަ ޙައްލުކުރުމަށްޓަކައި، ފަތުރުވެރިން އޮންލައިން ޕްލެޓްފޯމްތަކުން ހައްދާފައިވާ ބުކިންގ އިންވޮއިސް އިމިގްރޭޝަން ކުލިއަރެން ދޭ އިރު ހުށަހެޅުން ލާޒިމުކުރުމަކީ، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މި ބަދަލާއެކު، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ އާމްދަނީ ހަމަހަމަކަމާއެކު ބެލެހެއްޓި، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.
މި ފިޔަވަޅު އަޅަންޖެހޭ މައިގަނޑު ސަބަބަކީ، ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އޮންލައިން ޕްލެޓްފޯމްތަކުން ބުކިންގ ހަދައިގެން ކަމަށްވުމާއި، މި ޕްލެޓްފޯމްތަކުން ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފައިސާ ފޮނުވަމުންދަނީ އޮފްޝޯ އެކައުންޓްތަކަށް ކަމަށްވާތީއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެތަށް ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ޚިދުމަތްތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވަދެ އަދި އިޤްތިޞާދަށް ލިބެންޖެހޭ މަންފާއާއި ގާތަށްވެސް ލިބެމުން ނުދެއެވެ. މީގެ އިތުރުން، މި ޙާލަތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ޓެކްސް ދެއްކުމުގައާއި، އާމްދަނީއާ ގުޅޭ ރިޕޯޓުތައް ހުށަހެޅުމުގައި ޙަޤީޤީ އާމްދަނީއަށްވުރެ މަދު އަދަދުތަކެއް ހުށަހެޅުމަށް މަގުފަހިވެގެންދެއެވެ. މިކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކްސްގެ އާމްދަނީ އެކަށީގެންވާ މިންވަރަށް ނުލިބި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްތަކެއް ކުރިމަތިވެ، ބޭރުފައިސާގެ ދަތިކަން އިންތިހާއަށް އޮތްކަންވެސް ފާހަގަވެއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކުވެސް، ރިޒޯޓް ނުވަތަ ހޮޓަލަށް ހެދިފައިވާ ބުކިންގގެ އިންވޮއިސް ހުށަހެޅުމަށް ލާޒިމުކުރާ ގޮތަށް އުސޫލު އިޞްލާޙުކުރެވި، މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕްލެޓްފޯމުގައި ފަތުރުވެރިން ދައްކަވާފައިވާ ފައިސާގެ އަދަދާއި، ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި ހޭދަކުރައްވާ ރޭތަކުގެ އަދަދު ސިސްޓަމަށް ރެކޯޑުކުރެވޭ ގޮތަށް ހަމަޖައްސައި، އަދި މި މަޢުލޫމާތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ސިސްޓަމާ ގުޅުވައިލެވިއްޖެނަމަ، ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ޓެކްސް ދެއްކުމުގައި އޮޅުވާލުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. މިފަދަ ނިޒާމެއްގެ ސަބަބުން ރާއްޖޭގެ ޓެކްސްގެ ނިޒާމުގެ ހަރުދަނާކަން އިތުރުވެ، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުވެގެންދާނެއެވެ.
ފަތުރުވެރިން ރިސޯޓުތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރުމަށްފަހު، ކެއުމާއި ބުއިމަށް އަދި އެހެނިހެން އެކްސްކާޝަން ޚިދުމަތްތަކަށް ފައިސާ ދެއްކުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑުތަކެވެ. ނަމަވެސް، މަދު އަދަދެއްގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކެއް ފިޔަވައި، ގިނަ ތަންތަނުގައި މިހާރުވެސް ބޭނުންކުރަމުންދަނީ ރާއްޖެއިން ބޭރުގެ ޤައުމެއްގައި ހިންގާ (އޮފްޝޯ) ބޭންކެއްގެ ޕޮއިންޓް އޮފް ސޭލް (ޕީ.އޯ.އެސް) މެޝިންތަކެވެ. މިކަމުގެ ސަބަބުން، މަދު އަދަދެއްގެ މުޢާމަލާތްތަކެއް ފިޔަވައި، ގިނަ ޑޮލަރު ޕޭމަންޓްތައް ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް ނުވަންނަކަން ހިތާމަޔައި އެކު ފާހަގަކުރަމެވެ. އަދި މިއީ ޤައުމީ އިޤްތިޞާދަށް ފޫ ނުބެއްދޭ ވަރުގެ ނޭދެވޭ އަސަރުތަކެއްކުރަމުންދާ ކަމެއްކަން ފާހަގަކުރަމެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން، މިހާރު ދިވެހިރާއްޖޭގައި އާންމު ފަރުދުންނާއި އެކިއެކި ވިޔަފާރިތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައެއް ނެތި ބްލެކް މާކެޓުގައި ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މި ޣައިރު ޤާނޫނީ ޙަރަކާތްތައް ހުއްޓުވުމަށްޓަކައި ސަރުކާރާއި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކުން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަކކީ މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ފައިސާއަކީ ދިވެހި ރުފިޔާ ކަމުގައި ކުރީއްސުރެ ކަނޑައެޅިފައިވީ ނަމަވެސް، ބައެއް ދާއިރާތަކާއި ވަޒީފާތަކުގައި އަދިވެސް ޑޮލަރުން މުސާރަ ދެމުންދާކަން ފާހަގަކުރެވެއެވެ. މި ކަން ނިމުމަކަށް ގެނެސް، އެ ފަރާތްތަކަށްވެސް ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ބޭންކެއްގައި އަމިއްލަ ފަރުދުންނަށް އައު ޑޮލަރު އެކައުންޓް ނުހުޅުވުމާއި، މިހާރު ބޭނުންކުރަމުންދާ ޑޮލަރު އެކައުންޓްތައް އެކީ އެކަޗަކަށްހެން ބަންދުކުރުމަށްވެސް ވިސްނާލަންޖެހޭ ކަމެކެވެ. މި ފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، އަމިއްލަ ފަރުދުންނަށް ބްލެކް މާކެޓުގައި ޑޮލަރު ވިއްކުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް އިތުރު ބާރެއް ލިބި، ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމަށް މަގުފަހިވެގެންދާނެއެވެ. މި ކަންކަމަކީ ޤައުމުގެ މާލީ ސިޔާސަތު ހަރުދަނާކޮށް، ބޭރު ފައިސާގެ އަގު ސްޓެބިލައިޒްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެއްކަމުގައި ނުވެ ނުދާނެއެވެ.
އެމެރިކާ ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މަތީގައި ފާހަގަކުރެވުނު ކަންތައްތަކަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރާއި ކަމާގުޅޭ އިދާރާތަކުން އިސްނަގައިގެން މަސައްކަތްކުރުން ވަރަށް މުހިންމެވެ. މިގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އެއްވެސް ރިސޯޓެއް ނުވަތަ ގެސްޓްހައުސްއަކުން އޮންލައިން (އަގޯޑާ، ބުކިން ޑޮޓްކޮމް,ޓިރިޕް ޑޮޓްކޮމް ފަދަ) ޕްލެޓްފޯމްތަކުގައި ފައިސާ ދެއްކޭނީ ހަމައެކަނި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަށް އެކަނި ކަމުގައި ކަނޑައަޅައި، މިކަމާގުޅޭ އުސޫލުތައް ހަރުދަނާކުރަންޖެހެއެވެ. އަދި ހަމައެއާއެކު، ރާއްޖޭގައި ހިންގާ އެއްވެސް ރިސޯޓެއް ނުވަތަ ގެސްޓްހައުސްއަކުންވެސް ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑުން ފައިސާ ބަލައިގަތުމަށް ބޭނުންކުރެވޭނީ ހަމައެކަނި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީފައިވާ، ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގެ ޕޮއިންޓް އޮފް ސޭލް (ޕީ.އޯ.އެސް) މެޝިނެއް ކަމުގައި ކަނޑައަޅައި، މިކަމާގުޅޭ އުސޫލުތައް އިޞްލާޙުކޮށް ހަރުދަނާކުރަންޖެހެއެވެ. މި ފަދަ ހަރުދަނާ ފިޔަވަޅުތައް އެޅުމުން، ޤައުމަށް ލިބެންޖެހޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން ދައުރުވެ، ޤައުމުގެ އިޤްތިޞާދަށް ފައިދާކުރާނެއެވެ. ކުރިން ފާހަގަކުރެވުނު ކަންކަން ހަރުދަނާކޮށް އިޞްލާޙުކުރެވި، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މިންވަރަށް ބޭންކު ރޭޓުގައި (15.42) ޑޮލަރު ބޭންކުތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ބޭރުފައިސާގެ މައްސަލަ އަވަސް މުސްތަޤުބަލެއްގައި ޙައްލުވުމަކީ ދުރުގައި އޮތްކަމެއްނޫނެވެ.
އަދި ހަމަ އެހެންމެ އަމިއްލަ ފަރުދުންނަށް ބޭންކުތަކުގައި ޑޮލަރު އެކައުންޓް ހުޅުވުމުގެ ފުރުޞަތު ނުދިނުމާއި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ދިވެހިންނަށް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދޭން ފެށަންޖެހެއެވެ. މިގޮތަށް ކަންކުރުމުން ނުރަސްމީ ބާޒާރުގައި ޑޮލަރު ވިއްކުމުގެ މުޢާމަލާތްތަކަށްވެސް އެދެވޭ ބަދަލުތަކެއް އަންނާނެކަން ޔަޤީނެވެ. މީގެއިތުރުން، ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ލިބޭ ޑޮލަރާ ގުޅޭގޮތުން ކުރިން ފާހަގަކުރެވުނު ކަންކަމަށް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުން އަވަސް އިޞްލާޙީ ފިޔަވަޅުތަކެއް އަޅައިފިނަމަ، ދިވެހި އިޤްތިޞާދަށާއި، ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބުމުގެ މަގު ތަނަވަސްވެ، ޤައުމުގައި މިހާރު ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ފަރުވާއެއް ލިބިގެންދާނެއެވެ.
މި ލިޔުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ މިހާރުވެސް ސަރުކާރަށާއި، ކަމާ ގުޅުންހުރި އިދާރާތަކަށް އަދި އާންމު ރައްޔިތުންނަށްވެސް އެނގިފައިވާ ކަންތައްތަކެއް ކަމުގައި ޤަބޫލުކުރެވެއެވެ. ނަމަވެސް، މިފަދަ ކަންކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް، އެއިރެއްގައި އޮންނަ ސަރުކާރަކަށާއި ގުޅުންހުރި މުއައްސަސާތަކަށް ދަތިވެފައިވަނީ، ކޮންމެވެސް ބައެއްގެ ނުފޫޒާއި ބާރުގެ ސަބަބުން ކަމަށް އެކަށީންގެވެ.
މި ކަންކަމަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފައިސާގެ މުއާމަލާތްތަށް ހަރުދަނާ އިޞްލާޙުތަކެއް ގެނައުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކުރުމާއި, އަދި މޮނިޓަރިންގ މެކޭނިޒަމްތައް ވަރުގަދަކުރުން ހިމެނެއެވެ. މިގޮތުން، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހަމައަށް ލިބި، ޑޮލަރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެއެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް ދިވެހި ސަރުކާރަށާއި ޤައުމުގެ އެންމެހައި މުއައްސަސާތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަމެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިޔާދަތާއި ޤައުމީ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ތަންފީޛުކުރަން ޖެހެއެވެ.
މި ލިޔުމުގައި ބަޔާންކުރެވިފައިވާ ކަންކަމުގެ ޢަމަލީ ސިފަ ގެނެވިއްޖެނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދުން ބޭރު ފައިސާގެ ނުރަސްމީ ބާޒާރު (ބްލެކް މާކެޓް) ނައްތާލެވި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ރަސްމީ އަގުގައި ޑޮލަރު ލިބުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، އަސާސީ މުދާ އެތެރެކުރާ ފަރާތްތަކަށް ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިކަމުގެ ސަބަބުން، ޢާންމު ރައްޔިތުން ބޭނުންކުރާ މުދަލުގެ އަގު ތިރިވެ، ދިވެހި ވިޔަފާރިތަކާއި ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުވެގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
ނޯޓް: ޝަހުމީލް އަޙްމަދު އަކީ މިގަވުތު މެލޭޝިޔާގައި އިސްލާމިކް ފައިނޭންސްގެ ރޮނގުން ޕީއެޗްޑީ ފުރިހަމަ ކުރައްވަމުން ގެންދަވާ ވަރަށް ޢިލްމީ ބޭފުޅެކެވެ.
4 Replies to “ބޭރުފައިސާގެ ތަދުކަން އިންތިހާއަށް، ސަރުކާރާއި ގުޅުންހުރި އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައި!”
ާާަަައާދަނު
ވަރަސް ސަޅި މި!!!
Boady
Furihama. Shahu vareh nei. Love you adhives
ޤާސިމް ޢިބަރާޙީމް
މައެ ބަރާބަރަށް ހުރިހާއެއްޗެއް ދައްކަން އިނގޭ..
ޗ. އުއްޗު
ކަލޯ، ލާެރި ގޮސްގެން ލާރި ލިބޭނީ!
މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި