ދިވެހި މީޑިޔާތަކަށް ސަރުކާރުގެ ވުޒާރާތަކުން މަޢުލޫމާތު ހޯދުމާއި، ވީހާވެސް ގާތުން މަސައްކަތް ކުރުމަށާއި، މީޑިޔާތަކަށް އެހީތެރިކަމާއި، ރައްކާތެރިކަމާ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ މާތް މަޤުޞަދުގައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތީ މީޑިޔާއަށް ޚާއްސަ ފެންޑާއެއް ހެއްދެވުމަށް ފަހު، ހުޅުއްވައިދެއްވީ ވެސް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅުންނެވެ.
ފިނިއަށި ހުޅުވިގެންދިޔަ ދުވަހު މީޑިޔާތަކުން އުފާފާޅުކޮށް، ނޫސްވެރިންތައް އަރިއަރިއަށް ސެލްފީތައް ނަގާ ސޯޝަލް މީޑިޔާ ފްލަޑް ކޮށްލިއެވެ. ދިވެހިރާއްޖޭގެ އެހެން އެއްވެސް ސަރުކާރަކުން ނުދޭ ވަރުގެ ސަމާލުމަކެއް މީޑިޔާތަކަށް ލިބިއްޖެ ކަމަށް ބުނެ ސަނާޔާ ތަޢުރީފު ބަންޑުން ކޮށްލިއެވެ. އެންމެންނަށް ވެސް ހީކުރެވުނީ މީޑިޔާތަކަށް ނުހަނު ޗާރާކީ ޒަމާނެއް އައީ ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ކަށަވަރުވީ ކަމަށެވެ.
މިއަދު މިފެންނަނީ މީޑިޔާ ފިނިއަށީގެ އަނެއް ފަރާތެވެ. މީޑިޔާތަކުގެ މިނިވަންކަން ކުޑަކުރަން ޤާނޫނު ހަދާ މަޖިލިސްއަށް ސަރުކާރުން ބިލެއް ހުށަހަޅުއްވައިގެން ނޫސްވެރިން އިހުތިޖާޖު ކުރަނީ އެވެ. މިވަގުތު ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. މީޑިޔާ ފެންޑާއިން ހާސިލުވީ ކޮންކަމެއްތޯ އުފެދޭ ސުވާލެވެ. އެހެނީ އެތަަން ހުޅުވި ދުވަސް ފިޔަވައި މިހާތަނަށް އެއްވެސް ފަރާތަކުން އެތަނުގެ ބޭނުމެއް ހިފިތަނެއް ފެނިފައެއް ނުވެއެވެ. ނަމަވެސް މިއަދަކީ، އެތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ދުވަހެކެވެ. މީޑިޔާތަކުން ހުއްޓުމެއްނެތް އިހުތިޖާޖެއް އެތާ ކުރާން ޖެހެއެވެ. އަދި ސަލާމަތީ ބާރުތަކުން އެފުރުޞަތު ދޭން ވެސް ވާނެތެވެ. އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ހަމަޖެއްސެވި ތަން ކަމަށް ވާތީއެވެ.