މިލައުތުރު

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ނަހަމަ ބާރާއި ފައިސާގެ ނުފޫޒު: ރައްޔިތުން ދެކޭގޮތާއި ހަޤީގަތް

ލިޔުނީ: ޢަބްދުﷲ ސިރާޖް

ޤާނޫނު އަސާސީއާއި ޤާނޫނުގައި ބުނާ ހަމަތަކުގެމަތިން ދިވެހިރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކާއި ބައި-އިލެކްޝަންތައް އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ އިންތިޚާބުތަކުގައި ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ގޮތަށް އިންތިޚާބުތަކާއި ދިމާކޮށް ފައިސާ އާއި މުދާ ބެހުމާއި، ރައްޔިތުންގެ ވޯޓުގަތުމާއި އަދި ވޯޓުލުމުގެ ހައްޤު ގެއްލޭގޮތަށް އެކިފަރާތްތަކުގެ ޢަމަލުތައް ބެހެއްޓުމާއި ފައިސާގެ ނުފޫޒު ފޯރުވުން ފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ޑިމޮކްރަސީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިފަދަ ކަންކަމާއި ގުޅިގެން ޢާންމު ރައްޔިތުން ޢާންމު އިންތިޚާބުތަކުގައި ވޯޓުލާ ޢަދަދު ދަށްވުމާއި، ރައްޔިތުން އިންތިޚާބުތަކަށް ދޭ ސަމާލުކަމާއި ދަށްވުމާވަނީ ގުޅިފައެވެ.

މިފަދަ ކަމެއްގެ ގޮތުން،  2022 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ފާހަގަކޮށްލެވެ. މި ބައި އިލެކްޝަން ކާމިޔާބު ކުރުމުގައި، ވެރިކަމުގައި އެއިރު އޮތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ކުއްލިގޮތަކަށް އެ ދާއިރާގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ފެށްޓުމާއި ވަކި މީހަކަށް ވޯޓު ހޯދަން، ބޮޑެތި ޢަދަދުތަކުން ފައިސާ ބެހުމާއި އަދި ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް މާލީގޮތުން ގެއްލުންވާގޮތަށް އިންތިޚާބާ ދިމާކޮށް  އެކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެއްދުމާއި އަދި މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަމަށް މީޑިޔާ ތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މިރިޕޯޓުތަކާ ގުޅިގެން،  މި ބައި-އިލެކްޝަނާ ގުޅޭ ފުރިހަމަ މަޢުލޫމާތު އެއްކޮށް ބައިއިލެކްޝަނާ ގުޅޭ ދިރާސާއެއް ހެދުމަށާއި އަދި ހަޤީގަތް ހޯދުމަށްޓަކައި ދާއިރާގައި ހިމެނޭ ކ.ގުރައިދޫ އަދި ކ.މާފުށްޓަށް ދަތުރުކޮށް ރަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވޯޓްގައި ބައިވެރިވި އެކި އުމުރުފުރާތަކުގެ މީހުންގެ ތެރެއިން ވަޒީފާގައި އުޅޭ މީހުންނާއި ވަޒީފާ އަދާނުކުރާ މީހުންނާ ބައްދަލުކޮށް ”ދިވެހި ރާއްޖޭގެ އިންތިހާބުތަކުގައި ނަހަމަ ބާރާއި ފައިސާގެ ނުފޫޒު: ރައްޔިތުން ދެކޭގޮތާއި ހަޤީގަތް“ މި ނަމުގައި  ދިރާސާއެއް ކޮށްފައިވާނެއެވެ. މި ދިރާސާގެ ބޭނުމަށްޓަކައި އެފަރާތާ ދިރާސާއާ ގުޅުންހުރި ސީދާ ސުވާލުތައް އެފަރާތްތަކާކޮށްފައިވާނެއެވެ.  އަދި ރަށުގައި ދިރިނޫޅޭ މީހުންގެ ތެރެއިން އާބާދީގެ %30 އަށް ދިރާސާގެ ސުވާލުތައް ގޫގުލް ފޯމް މެދުވެރިކޮށް ފޮނުވައިގެން މައުލޫމާތު އެއްކުރެވުނެވެ.

ދިރާސާގެ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި 18 އަހަރު ފުރި އަލަށް ވޯޓުލީ މީހުންގެ %98 މީހުންނަކީ އެމީހުން ވޯޓުލާނެ ކެންޑިޑޭޓަކު އިޚްތިޔާރުކުމުގައި ބަލަންޖެހޭ އެއްވެސް މައުލޫމާތެއް ނުލިބި އަދި އިންތިޚާބުތަކަށް އަހުލުވެރިނުވެތިބެ، އެފަރާތްތަކުގެ މައިންބަފައިންނަށް  އިންތިޙާބާ ދިމާކޮށް ލިބުނު މާލީ އަދި ވަޒީފާގެ މަންފާއަށް ބަލައި، މައިންބަފައިން ދެއްކި ކެންޑިޑޭޓަކަށް ވޯޓުލާފައިވާ ފަރާތްތަކެވެ. އަދި މީގެ އިތުރުން ވޯޓުގައި ބައިވެރިވި 35-19 އަހަރުގެ ދެމެދުގެ %82 ވަނީ ވޯޓްގަތުމުގެ އަމަލުތައް ތަޖުރިބާކޮށްފައެވެ. މިގޮތުން ވަކިވަކިފަރުދުންނާއި އާއިލާތަކަށް ގަނޑުކޮށް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާއި ދެމެދު ޢަދަދުތަކުން ހުށަހަޅާފައިވާކަން އެފަރާތްތަކުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، މަދަނީ ޖަމްއިއްޔާތަކާއި ކުޅިވަރު ކުލަބުތަކަށް ރިޝްވަތުދިނުމަށް 150،000 ރުފިޔާ އާއި 500،000 ރުފިޔާއަށް ވުރެ ގިނައިން ޚަރަދުކޮށްފައިވާކަން ދިރާސާގެ ހޯދުންތަކުން އެނގުނެވެ.

އެ ދިރާސާ އިން ހާމަވިގޮތުގައި، ވޯޓު ހޯދުމަށްޓަކައި ފައިސާ ދިން ފަރާތައް ވޯޓުދިންކަން ކަށަވަރުކުރުމުގެ ގޮތުން ކީރިތި ޤުރުއާންގައި އަތްލުވައި ހުވާލުކުރުމާއި ވޯޓު ކަރުދާހުގައި ފާހަގައެއް ޖެހުމުގެ އިތުރުން ވޯޓުލުމަށް ބޭނުންކުރެވޭ ރަސްމީ ފޮޓޯޖެހި ލިޔުންތައް ފަދަ އައިޑެންޓިޓީ ކާޑާއި، ޕާސްޕޯޓް އަދި ލައިސެންސް ކާޑު އިންތިޚާބުގެ ވޯޓުލުން ނިމެންދެން ހިފަހައްޓާފައި ވެއެވެ.

މި ބައިއިލެކްޝަންގެ ވޯޓުގައި ބައިވެރިވި ގިނަ އަދަދެއްގެ ތައުލީމީ ފަރާތްތަކާއި އާންމު އިންތިޚާބުތަކަށް އަހުލުވެރި ފަރާތްތަކުން މި އިންތިޙާބުގެ ކެމްޕޭނުގައި ފައިސާ ހަރަދު ކުރަނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެއެވެ. އަދި ކެންޑިޑޭޓުން ފައިސާ ހޯދާގޮތާއި އަދި ފައިސާ ހަރަދުކުރާގޮތުގެ ތަފްސީލް ލިބޭން ނުހުންނަ ކަން ފާހަގަކޮށްފައިވެއެވެ. އަދި އިންތިޚާބާ ގުޅޭ މާލީ ބަޔާން ކަމަށް ބުނެ އިލެކްޝަންސް ކަމިޝަނަށް ހުށަހަޅާ ރިޕޯޓާއި މައުލޫމާތު ސައްޙަ ނޫންވެސް ޤަބޫލުކުރެއެވެ. އަދި ކެންޑިޑޭޓުން އިންތިޚާބުތަކައި ވޯޓު ހޯދުމަށްކުރާ ކެމްޕޭންތަކުގެ ހަރަދުގެ އެވްރެޖް %75 އަކީ ވޯޓު ގަތުމަށް ކުރާ ހަރަދުކަމަށް ދިރާސާގެ ބައިވެރިން އިއްތިފާޤުވެއެވެ.

ވޯޓުލީ މީހުންގެ ތެރެއިން  82 ޕަސެންޓު މީހުން ޤަބޫލުކުރާގޮތުގައި ވޯޓުގަތުމުގެ ކަންކަން ހަރުކަށި ޤާނޫނަކުން މަނާކުރެވި ތަންފީޒީ އިދާރާތަކުން އެކަން ފުރިހަމައަށް ތަންފީޒުކުރެވެންޖެހެއެވެ.  95 އިންސައްތަ މީހުން ދެކޭގޮތުގައި އިންތިޚާބުތަކަށް ނުފޫޒުފޯރުވުމުގެ ގޮތުން ދައުލަތުގެ ވަސީލަތްތައްތައް ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންނަށް ތަރައްޤީއާއި ފުދުންތެރިކަމުގެ ހަމަހަމަކަން ގެއްލޭގޮތަށް ބޭނުންކުރުން ހުއްޓުވަން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހެއެވެ.