މިލައުތުރު

އަނބިންގެ މެދުގައި އަދުލުވެރިވުން!

ލިޔުނީ: ޑރ. އިސްމާޢީލް ނިޒާމް

އެކަކަންވުރެ ގިނަ މީހުންނާއި ކައިވެނި ކުރުމަކީ ހުރިހާ މުޖުތަމައުތަކެއްގައި ވެސް އޮންނަކަމެކެވެ. ސަމާވީ ހުރިހާ ދީނުގެ އަހުލުވެރިންގެ މެދުގައިވެސް އޮތްކަމެކެވެ. އެހެނިހެން ދީންތަކާއި އިޖުތިމާއީ ވައްޓަފާޅިތަކުގައި ވެސް އޮތްކަމެކެވެ. އެއްވަގުތެއްގައި އަނބިންގެ ގޮތުގައި ވަކި އަދަދެއްގެ ހުދޫދެއް ކަނޑައެޅިގެން އައިސްފާ ވަނީ އިސްލާމީ ޝަރިޢަތުގައެވެ. އެއީ ގިނަވެގެން އެއްވަގުތެއްގައި ހަތަރު އަނބިންނަށް ވުރެ ގިނަވުން މަނާކުރެވިގެންނެވެ. ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 3 ވަނަ އާޔަތުގައި ބަޔާންވެގެން ވެއެވެ. ”… އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ ތިންމީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ، އަދުލުވެރި ނުވެވޭނެ ކަމަށް ބިރުގަންފިނަމަ، އެކަކާއެވެ…“. އިސްވެ ބަޔާންކުރެވުނު އާޔަތުގެ ތަރުޖަމާ ހިމަނާލެވިފައިވާ މިންވަރުން ހަތަރު މީހުންނާ ކާވެނިކުރުމުގެ އިލާހީ ހުއްދަ ސާބިތުވެއެވެ. އަދި ލޮބުވެތި ރަސޫލާ (ޞ) ގެ ސުންނަތުން މިކަމަަށް އިތުރު ބާރުލިބެއެވެ.

ފާހަގަ ކޮށްލަންވީ މުހިއްމު ކަމަކީ އިލާހީ ހުއްދަ ދެވިގެންވަނީ ޝަރުތަކާ އެކުގައިކަމެވެ. އެއީ އަދުލުވެރި ނުވެވިދާނެ ކަމުގެ ބިރުވެސް ނެތުމެވެ. އަދުލުވެރިވުން އެއީ އުނދަގޫ ކަމެއްކަމަށް އިޝާރާތްކުރައްވަވާ މާތް ﷲ ވަނީ ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 129 ވަނަ އާޔަތުގައި އެކަން ބަޔާންކުރައްވާފައެވެ. މާތް ﷲ ވަހީ ކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ. ”ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި އަދުލުވެރިވުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) އަނެކުންގެ ފަރާތަށް މުޅިން ނުލެނބޭށެވެ. ކައިވެނީގެ އިގުރާރުގައި އެކުލެވިގެންވާ، އެއްވެސް ގުޅުމެއްނެތި އެކަހެރިކުރެވިގެންވާ ހާލުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، ސުލަހަވެސް ނުމެވެ، އިނދެގެން އެކަމަކު ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލާ، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިނުދާށެވެ!…“.

އަދުލުވެރިވުމަކީ ހަމަހަމަ ކުރުމެއް ނޫނެވެ. ހަމަހަމަ ކުރުމަކީ އަދުލުވެރިވުން ނޫންކަމުގައި ވެސް ވެދާނެއެވެ. އަދުލުވެރިވުމަކީ ހައްގުތައް އަދާކުރެވޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. އެއީ ލޯބި ދިނުމާއި ލޯބި ލިބިގަތުމެވެ. އަޅާލުމާއި އަޅާލުން ލިބިގަތުމެވެ. މާއްދީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނބިމީހާއަށް ލިބިގެންވާ ހައްގުތައް އަދާކުރުމެވެ. މިކަންކަން ކުރުމުގައި ހަމަހަމަ ކުރުން އެއީ އަދުލުވެރިވުން ނޫންކަމުގައި ވެދާނެއެވެ. އަނބިންގެ ތެރެއިން އެއް އަނތްބަކުދެކެ ބޮޑަށް ލޯބިވުމަކީ ހަމަހަމަ ނުވުންކަމުގައި މީހުން ދެކިދާނެވެ. ނަމަވެސް، އެއީ އަދުލުވެރި ނުވުން ކަމުގައި ނުބެލެވޭނެއެވެ. އެކި މީހުންދެކެ ލޯބިވެވޭނީ އެކި ވަރަށެވެ. އެކި ސަބަބުތަކަށެވެ. އެއީ އަދުލުވެރި ނުވުމެއް ނޫނެވެ. އެކި އަނބިންނަށް ދޭ އިހުތިރާމާއި ގަދަރުވެސް ތަފާތުވެދާނެވެ. އެއީ ތަފާތު ސަބަބުތަކަށް ޓަކައެވެ. މީހެއްގެ ދިރިއުޅުމުގެ ހަޔާތުގެ ތަފާތު މަރުހަލާތަކަކީ އެމީހަކަށް ވަރަށް ތަފާތު ދުވަސްތަކަކާއި މަރުހަލާތަކެކެވެ. މީހެއްގެ ހަޔާތުގެ އެންމެ ދަތި ދުވަސްތަކަކީ އެހެން ދުވަސްތަކާއި ތަފާތު ދުވަސްތަކެކެވެ. އެދުވަސް ތަކުގެ ބައިވެރިންވެސް ދެކޭނީ ތަފާތުކޮންނެވެ. މުޖުތަމައުގައި ފެންނަ ހަގީގަތްތަކަށް ބަލާއިރު ގިނަފަހަރު މީހުންގެ ދިރިއުޅުމުގެ މަރުހަލާތަކުގެ މުހިއްމު ދައުރުތައް ކަމުގައިވާ ކިޔެވުމާއި ވަޒީފާގެ ކުރިއެރުމާއި ދިރިއުޅުމުގެ އަސާސްތައް ބިނާވެގެން ދަނީ ފުރަތަމަ ކައިވެނި ކުރެވޭ އަނބިމީހާއާއި އެކުގެއެވެ. އޭނާގެ ބޮޑެތި ގުރުބާނީތަކާއި އެކުގައެވެ. އެހެންކަމުން، އެ އަނބިމީހާގެ މަގާމު ތަފާތުވުމަކީ އަދުލުވެރި ވުމެވެ. އޭނާގެ ގުރުބާނީގެ އަގުވަޒަން ނުކުރުމާއި އެކަމުގެ ނަތީޖާގެ ގަދަރު ނުދިނުމަކީ އަދުލުވެރި ނުވުމެވެ.

ފިރިހެނެއްގެ ހަޔާތުގެ މުހިއްމު މަރުހަލާތައް ކަނޑަތުކޮށް، ދިރިއުޅުމުގެ ހުރިހާ އަސާސްތައް ބިނާކޮށް، މާލީ މިނިވަންކަށް ހާސިލްވުމަށް ފަހު، ދެވަނަ ނުވަތަ ތިންވަނަ އަދި ހަތަރު ވަނަ މީހަކަކާ ކައިވެނި ކުރުމަކީ އެންމެ ގިނައިން މިކަން ހިނގާ ގޮތޭ ބުނުމަކީ ކުށެއް ނޫނެވެ. އަދި ހަމައެޔާއެކު ފަހުން އިންނަ މީހުންގެ ހައްގުގާ ދޮށީ އަނބީގެ ހައްގުތައް އަދާކުރުމާއި ދުރުވުމަކީ ގިނައިން ދިމާވާ ކަމެކެވެ. މީ އަދުލުވެރި ނުވުމެވެ. ފަހުން އިންނަ މީހެއް ދެކެވެސް ބޮޑަށް ލޯބިވެދިދާނެވެ. ނަމަވެސް، އޭގެ ސަބަބުން އެހެންމީހުންގެ ހައްގުތަކަށް އުނިކަން އައިސްގެން ނުވާނެވެ. ފަހުން ކުރެވޭ ކައިވެނީގެ ފަހުން ދޮށީ އަނބިމީހާއަށް ކުރާ ހަރަދު ކުޑަކުރުމާއި ހަރަދު ނުކުރުން އަދި އެއްދާން ކުރުމާއި ދުރުވުމާއި އަޅާނުލުން އެއީ އަދުލުވެރިކަން ނެތުމެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ގިނައިން ކަން ހިނގާގޮތަކީ ދެވަނަ ކައިވެނި ކުރެވޭ ހިސާބުން ދޮށީ އަނބިމީހާގެ ހަރަދު ކުޑަކުރުމާއި އޭނާގެ ބަނޑަށް ލިބިފައިވާ ދަރިންނަށް އަޅާލުމާއި ހަރަދުކުރުން ކުޑަވެގެން ދިއުމެވެ. އެއީ އަދުލުވެރި ނުވުމެވެ.

ލޮބުވެތި ރަސޫލާ (ޞ) ގެ ކައިވެނިފުޅުތަކުން މި ހުރިހާ ކަމަށް މިސާލާއި ނަމޫނާ ފެނެއެވެ. އެކަލޭގެ ފާނު ޚަދީޖާ (ރއ) އަށް ކުރާ އިހްތިރާމާއި ގަދަރާއި ލޯތްބަކީ ނަމޫނާއެކެވެ. އެހެން އަނބިކަބަލުން އެކަމުގެ މައްޗަށް ހިތްނުތަނަވަސް ވި ކަމެއްކަން ތާރީހުން އެނގެއެވެ. އައިޝާ (ރއ) ދެކެވި ލޯތްބާ އެކަމަނާގެ ގެކޮޅުގައި ނިދުމަށް އެކަލޭގެ ފާނު އެދިލައްވާކަން އެނގި، ބައެއް އަނބިކަބަލުން އެކަމަށް ފުރުސަތު ދެއްވިކަންވެސް އެނގެން އެބައޮތެވެ. މިފަދަ ހުރިހާ ކަމަކީވެސް އަދުލުވެރިވުމެވެ. އަނބިންގެ ދައުރުގެ ސަބަބުން ބައެއް އަނބިންދެކެ އިތުރަށް ލޯބިވުމާއި އިހުތިރާމް ކުރުމަކީ އަދުލުވެރިވުމެވެ. އަޅުގަނޑުމެން ބިރުވެތި ވާންވީވެސް މި ފަދައިން އަދުލުވެރި ނުވެވިދާނެތީއެވެ.

ފިރިހެނެއްގެ ފަހުގެ އަނބިންގެ ގޮތުގައި އެމީހުންގެ ހަޔާތައް އެތެރެވާ އަންހެނުންވެސް އެއީ އަދުލުވެރި ބަޔަކަށް ވާންޖެހެއެވެ. ފިރިމީހާގެ ކިބައިން ހައްގުތައް ހޯދުމުގައި އެކަށީގެންވުނާ މިންވަރަށް ފިރިމީހާގެ ކިބައިން އެދި، ފިރިމީހާގެ ދެންތިބޭ އަނބިންގެ ހައްގުތަކަށް އަދުލުވެރި ވުމަށް ދަތިވާވަރު ކުރެވިގެން ނުވާނެވެ. ދެވަނަ ނުވަތަ ތިންވަނަ ނުވަތަ ހަތަރު ވަނަ އަނބީގެ ގޮތުގައި ފިރިހެނެއްގެ ހަޔާތައް ވަންނަންވާނީ ބައި އަޅަަން ޖެހޭނެކަން ދަނެގެންނެވެ. ބޯކިބަލުގެ އަދުލުވެރި މިންވަރު ދެނެހުރެއެވެ. މުޅިބޯކިބާ ޖަހައިގަނެ، ފިރިމީހާގެ ހަޔާތުގައި ތިމާއަންވުރެ މުހިއްމު ދައުރު އަދާކުރި، އިތުރު އިހުތިރާމް ހައްގު މީހަކު ހުރެދާނެކަން ދަނެގެންނެވެ. އެފަދަ އޮއްޓަރާއި ހަރުދަނާކަމާއި ބާލިޣުކަން ހުރެގެންނެވެ. ފިރިހެނުންވެސް، މިފަދަ ކަންކަމާ ކުރިމަތިލާން ޖެހޭނީ ހަރުދަނާ ފިރިހެނުންނަށް ވާނަމައެވެ. ސިއްރުންނާއި އޮޅުވާލައިގެންނާ ދޮގުހަދާގެން ކުރާ ކަންކަމަންވުރެ ކައިވެނީގެ ގުޅުމަކީ މުގައްދަސް ގުޅުމެކެވެ. ހެޔޮކަމެކެވެ.

ނޯޓް: ޑރ. އިސްމާޢިލް ނިޒާމަކީ ދިވެހިރާއްޖެގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލް އަދި އެސް.ޑީ.އެފް.ސީ ގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީގެ ޗެއާރމަން އެވެ. ދާމިމީ ވަޒީފާގެ ގޮތުން މަސައްކަތް ކުރަނީ މެލޭޝިޔާގެ މަރުކަޒީ ބޭންކުގެ ދަށުން ހިނގާ، އިސްލާމިކް ފައިނޭސްގެ ޚާއްސަ ޔުނިވާރސިޓީގެ އެސޯޝިއޭޓް ޕްރޮފެސަރ އެއްގެ މަޤާމުގައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟