މިލައުތުރު

ފޯކައިދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ލީމް އަދި ޝިފްރާ

2023/2024 ވަނަ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ 24 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު ފޯކައިދޫ ސްކޫލުގައި ބާއްވާފައިއެވެ. ފޯކައިދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ސާނަވީ ބައިން އައިޝަތު ލީމް ލަބީބް ހޮވިފައިވާއިރު މަތީ ސާނަވީ ބައިން ހޮވިފައިވަނީ ޝިފްރާ އިލްޔާސްއެވެ.

ލީމް ވަނީ ސާނަވީގައި ބައިވެރިވެ ޤައުމީ ގަދަ ދިހައެއްގެ 6 ވަނަ ހޯދާފައެވެ. އަދި މަތީ ސާނަވީގައި ބައިވެރިވެ ޝިފްރާ ވަނީ ޤައުމީ ގަދަ ދިހައެއްގެ 8 ވަނަ ހޯދާފައެވެ. ސްކޫލުގެ އިސްވާރެއްގެ ގޮތުގައި ލީމް ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމާއި އެކި ކުލަބުތަކުގެ އިސްމަގާމުތަކާއި ޕްރިފެކްޓެއްގެ ގޮތުގައި ނަމޫނާ ދައްކާފައެވެ. އަދި ސްކޫލުގެ ކެޕްޓަންކަމާއި ކުލަބުތަކާއި ހައުސްތަކުގެ އިސްމަގާމުތަކާއި އަދި ޕްރިފެކްޓުކަން ކޮށް ޝިފްރާ ވަނީ އެހެން ކުދިންނަށް ނަމޫނާ ދައްކާފައެވެ.

ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ފަރާތުން ވާހަކަދައްކުމަށް ލިބުނު ފުރުސަތުގައި ޝިފްރާ އިލްޔާސް ވަނީ ދަރިވަރުންނަށް ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން ކާމިޔާބަށް ޓަކައި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމާއި، ހިތްވަރާއެކު މަސައްކަތް ކުރުމާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިލްމާ ހިލްމާ ހުނަރައް ޓަކައި ސްކޫލުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވިއެވެ.

މީގެ އިތުރުން، އިމްތިހާމަށް ތައްޔާރުވާއިރު މުދައްރިސުންނާ ސުވާލުކޮށް އޮޅުން އަރާ ބައިތައް ދުރާލާ ސާފުކުރުމުގެ މުހިންމުކަން ޝިފްރާ ކިޔައިދިނެވެ. އަދި އެކި ގޮތްތުން ތައުލީމި ދަތުރުގައި އެހީތެރިވި ހިއްސާދާރުންގެ އަގުޒަންކުރިއެވެ.

“ އަޅުގަނޑުމެންނަށް މި ލިބޭ ރަން ވަނަތަކަކީ ލޮބުވެތި މުދައްރިސުންގެ ހިތްވަރާ ބުރަ މަސައްކަތުން ހާސިލުކުރެވޭ ވަނަތަކެއް.“ ކަމަށް ޝިފްރާގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ. އެމަކަށް ޓަކައި ސްކޫލުގެ ހީވާގި މުވައްޒަފުންނާއި އެދުރުންނަށް ހިތުގެ ލޮތްބާއި އިހުތިރާމާއެކު ވަނީ ޝުކުރު ދަންނަވާފައެވެ.

ފޯކައިދޫ ސްކޫލުގެ 2023/2024 ވަނަ ދިރާސީ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ.ޅައިމަގު ސްކޫލުގެ ނާޒިރު އަލްފާޟިލް މުހައްމަދު ފަޔާޒްއެވެ. މި ރަސްމިއްޔާތުގައި ފަޔާޒް ސާރ ވަނީ ދަރިވަރުންނާ އަދި ބެލެނިވެރިންނަށް މުހިންމު ނަސޭހަތެއް ދެއްވާފައެވެ. ”ދުނިޔޭގައި އިންސާނުން ގިނަވަމުން ދިޔަޔަސް، އިންސާނިއްޔަތުކަން ދަނީ ނެތެމުން. އަތުގާ އަޅާ ގަޑި ތަކުގެ އަގު ބޮޑުވަމުން ދިޔަޔަސް، ވަގުތު ބޭކާރު ކުރާ ވަރުގެ ވަނީ އިތުރުވެފައި.“ ކަމަށް ފަޔާޒް ސާރ ވިދާޅުވިއެވެ.  މި ރަސްމިއްޔާތުގައި ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް ވަނީ އެންމެހާ ޖަލީސުންނާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެކިއެކި ފަރާތްތަކަށް ސްކޫލުގެ ނަމުގައި ޝުކުރުދަންނަވާފައިވެއެވެ.

”އެކި ގޮތްގޮތުން ފޯކައިދޫ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދީ އެހީތެރިވެ އެއްބާރުލުން ދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވަން.“ ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަމީމް ވިދާޅުވިއެވެ.

މި ޝަރަފްވެރި ރަސްމިއްޔާތުގައި 2023/2024 ވަނަ ދިރާސީ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީން ފަޚުރުވެރި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވަނީ އިނާމުދީފައެވެ.

ފޯކައިދޫ ސްކޫލަކީ އެއް އަހަރުން އަނެއް އަހަރަށް ރަން ވަނަތައް ހާސިލުކުރަމުން އަންނަ ސްކޫލެކެވެ. އެގޮތުން ފާއިތުވި އަހަރު ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ފޯކައިދޫ ސްކޫލުގެ 9 ދަރިވަރުން ހިމެނިފައިވާ އިރު މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގައި 6 ދަރިވަރުން ހިމެނިފައިވެއެވެ. ށ.ފޯކައިދޫ ސްކޫލަކީ އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފުރިހަމަ ނަތީޖާތަކެއް ހާސިލުކުރަމުންދާ ސްކޫލެކެވެ.

އަދަބީ އަދި ސަގާފީ ތީމާއެކު ކުރިއަށް ގެންދުވުނު ޝަރަފުވެރި މި ރަސްމިއްޔާތު ނިންމާލާފައިވަނީ ދަރިވަރުންގެ ޝުކުރުގެ ހަރަކާތަކުންނެވެ. އަދި ގައުމީ ސަލާމަށްފަހު، އެންމެހާ ޖަލީސުންގެ ޝަރަފުގައި ޕީޓީއޭގެ ފަރާތުން ވަނީ ދިވެހި ކެއުމެއް ދެއްވާފައެވެ.

One Reply to “ފޯކައިދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ލީމް އަދި ޝިފްރާ”

  1. މަރްޔަމް

    ލިޔުމާއި ނުގުޅޭ ވާހަކައެއް ދައްކަންޖެހިފަ މިއޮތީ….
    ޕްރައިޒްޑޭ އަކީ ސްކޫލެއްގައި ފާހަގަކުރާނެ އެންމެ ފަޚުރުވެރި ދުވަސް. އެންމެ މުހިންމު އިވެންޓް. އެންމެ ޢިލްމީ އިވެންޓް. އެއީ ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރުން އިއުލާނުކޮށް އިނާމުދޭ އިވެންޓް. އެހެނަސް…. އިނާމު ހަވާލުކުރަން މިތިބެނީ ނުކިޔަވާ ތަނެއް ދޮރެއް ދޮރުފަތެއް އޮޅުން ނުފިލާ ތިބޭ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން. އަންހެނުންނާއި ފިރިހެނުން ކޮމިޓީގެ ރައީސާއި ރައީސް. 7 އިން ފާސް ނުވެގެން ސްކޫލުން ވަކިވި މީހުން ލައްވައި އިނާމުދިނީމާ ކަމަކުނުދާނެ. މިކަހަލަ އިވެންޓްތަކުގައި އިނާމުދޭން ދަރިވަރުން ކުރިމައްޗަށް ގެންނަންވާނީ ޢިލްމު އުނގެނިގެންތިބި މީހުން. ސްކޫލުގައި ތިބީ ޑިގްރީއާއި މާސްޓަރސް ނިންމާފަ ތިބި ޓީޗަރުން. އެހެނިހެން ދާއިރާތަކުގައިވެސް އެބަތިބި ކިޔަވައިގެން ތިބި މީހުން. ދެން ނުކިޔަވާތިބި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ލައްވާ އިނާމުދިނީމާ، އިލްމަށް ލޯބިކުރާ ދަރިވަރުންނަށް އެދެވެނީ ގޯސް މެސެޖެއް.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި