މިލައުތުރު

ޤައުމީ ފެންވަރުގައި ނިންމާ ކޮންމެ މަޝްރޫއެއްގެ ހަޤީޤީ ކާމިޔާބީގެ ހައްޤުވެރިންނަކީ ހަމަ ދިވެހި ރައްޔިތުންނެވެ.

ލިޔުނީ: ޝަހުމީލް އަޙްމަދު

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކުޑަކުޑަ މުޖުތަމައުގެ އެކިގޮތްގޮތަށް ސޯޝަލް މީޑިޔާގަޔާއި އެކިއެކި ފޯރަމްތަކުގަޔާއި އެކި ނޫސްތަކުގައި މިދުވަސްކޮޅުގައި އެންމެ އަޑުހަރުކޮށް ބާރުލާފައި ލިޔަމުންދަނީ ނުވަތަ ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންދަނީ، ދިވެހިންގެ މައި އެއާރ ޕޯޓްގެ އައު ޓާމިލްއަކީ ވަކި ސަރުކާރެއްގެ ނުވަތަ ވަކި ރައީސެއްގެ ބުރަ މަސައްކަތެއްކަމުގައެވެ. އަޅުގަނޑުމެން ދިވެހިންގެ މައި އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ސަރުކާރުންނާއި ރައްޔިތުން އިންތިހާ ފޯރީގައި އަވަދިނެތި މަސައްކަތްކުރަމުންދާ މި ދަޑިވަޅުގައި އެއްބަޔަކު އަނެއްބަޔަކު އެކަމުގެ ކުރެޑިޓްދީ ކުރެޑިޓް ނެގުމަށް އިންތިހާއަށް އަވަދިނެތިވެ އުޅޭ ދުވަސްކޮޅެކެވެ. އަޅުގަނޑުމެން ދިވެހި ރައްޔިތުން ވިސްނަންވީ ކަމަކީ ޤައުމީ ބޮޑެތި ކޮންމެ މަޝްރޫއެއް ހިންގަނީ ބޮޑެތި ލޯނާއާއި އެކުވެރި ޤައުމުތަކުގެ ސަރުކާރުތަކުންދޭ ހިލޭއެހީގައެވެ. ލޯނުތައް އެޅިފައި އޮންނަނީ ހަމަ އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައެވެ. އަދި ދިވެހި ރާއްޖެއާއި އެކުވެރި އެކި ޤައުމުތަކުން އެކި އެކި ސަރުކާރުތަކުގައި ހިލޭއެހީވެސް މިފަދަ މަޝްރޫއުތަކަށް ދެނީ އެފަރާތްތަކުން ދިވެހި ރައްޔިތުންނަށް އޮންނަށް ލޯތްބާއި އިހުތިރާމްގެ ބޮޑުކަމުންނެވެ.

އެހެންކަމުން ޤައުމީ ފެންވަރުގައި ހިންގާ ބޮޑެތި މަޝްރޫޢުތަކުގެ ކްރެޑިޓް ނުވަތަ އެ މަސައްކަތްތަކުގެ ކާމިޔާބީގެ ހައްޤު، ވަކި ރައީސަކަށް ނުވަތަ ވަކި ސަރުކާރަކަށް އެކަނި ނިސްބަތްކުރުން ރަނގަޅުތޯ، މިކަމުގެ މައްޗަށް އަހަރެންގެ ޚިޔާލު ހިއްސާކުރަމެވެ. މިއީ ދިވެހި ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި އަޅުގަނޑުމެން އެންމެން ސަމާލުކަންދޭންޖެހޭނެ މުހިންމު ނުކުތާއެއް ކަމަށް ދެކެމެވެ.

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގެ ދައުރަކީ 5 އަހަރެވެ. ޤައުމީ މަޝްރޫޢުތަކަކީ، ގިނަ ފަހަރު ވަކި ސަރުކާރެއްގެ ދައުރަށްވުރެ ދިގު މުއްދަތެއް ނަގާ މަސައްކަތްތަކެކެވެ. މިފަދަ މަޝްރޫޢުތަކުގެ ބިންގާ އެޅެނީ އެތައް ސަރުކާރެއްގެ ކުރިން ކުރެވުނު ދިރާސާތަކާއި ތަފާތު ދިގު މުއްދަތުގެ ރޭވުންތަކުގެ މައްޗަށެވެ. އެގޮތުން، އެއް ސަރުކާރެއްގެ ދަށުން މަސައްކަތުގެ ބިންގާ އަޅައި، އަނެއް ސަރުކާރެއްގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންގޮސް، ތިންވަނަ ސަރުކާރެއްގެ ދަށުން ނިންމާލެވޭ މަޝްރޫޢުތައްވެސް މަދެއްނޫނެވެ. ވުމާއެކު، އެފަދަ މަޝްރޫޢެއްގެ ކާމިޔާބީގެ ހައްޤު ވަކި ސަރުކާރަކަށް ނުވަތަ ވަކި ރައީސަކަށް އެކަނި ދިނުމަކީ، އެ މަޝްރޫޢުގެ ފަހަތުގައި ހިމެނޭ އެތައް ބައިވަރު މަސައްކަތްތަކަށާއި، ކުރީގެ ސަރުކާރުތަކުން ކުރެއްވި މަސައްކަތްތަކަށް އަދި މިހާރުގެ ސަރުކާރުގެ އިތުރުން ޤައުމީ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ބައިވެރިވުމަށް އިންސާފުކުރެވޭނެ ގޮތެއް ކަމުގައި ނުދެކެމެވެ.

ޤައުމީ ބޮޑެތި މަޝްރޫޢުތައް ފަށައި ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު މުހިންމެވެ. ނަމަވެސް އެ މަޝްރޫޢުތައް ހިންގަންފަށާ ހިސާބުން ފެށިގެން، ރާވައި ތަންފީޒުކުރުމުގައި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، މަޝްރޫޢުގެ ފަންނީ ބޭފުޅުންނާއި، ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އިތުރުން، އެ މަސައްކަތަށް އެއްބާރުލުންދޭ އާންމު ރައްޔިތުންވެސް ހިމެނެއެވެ. އެހެންކަމުން، މިފަދަ ބޮޑު ކާމިޔާބީއެއް ހާސިލްކުރުމުގައި އެއްވެސް ހާލަތެއްގައި ވަކި ފަރުދަކަށް ނުވަތަ ވަކި ސަރުކާރަކަށް އެކަނި ނިސްބަތްކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ޤައުމީ ބިޔަ މަޝްރޫޢުތައް ޙާސިލްކުރެވޭނީ އެއް ރޫޙެއްގައި، އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމުގައި އަޅުގަނޑު ދެކެމެވެ. މިއީ ވަކިފަރާތަކަށް ނެގެން އޮތް ކުރެޑިޓެއް ކަމަކަށް އެއްވެސް ފަރާތެއް ދެކިގެންނުވާނެއެވެ.

ޤައުމީ މަޝްރޫޢުތަކުގެ ކްރެޑިޓް ވަކި ރައީސަކަށް ނުވަތަ ވަކި ސަރުކާރަކަށް އެކަނި ދިނުމަކީ، ސިޔާސީ ވާދަވެރިކަން އިތުރުވެ، އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމުގެ އެއްބައިވަންތަކަންގެއްލި، ޤައުމީ ބިޔަ މަޝްރޫޢުތަކުގެ ހަގީގީފައިދާގެ ފޮނި މީރުކަން ރައްޔިތުންނަށް ނުލިބިދާނެކަމުގެ ބިރު އޮތްކަމެއް ކަމުގައިވެސް ދެކެމެވެ. އަދި މިފަދަ ބޮޑެތި މަޝްރުޢުތައް ހިންގުމުގައި ކުރީގެ އެކި ސަރުކާރުތަކުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ނެތިގެންދާނެ ކަމެއްވެސްމެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ޤައުމީ މަސައްކަތްތަކުގެ އަސްލު މަޤްޞަދުގެއްލި އެއްކިބާވެ، އެއްބައިވަންތަކަން ކުޑަވެގެންދާކަހަލަ ކަންތައްތަކެކެވެ. ވީމާ، މިފަދަ މަޝްރޫޢުތަކަކީ ޤައުމީ ވަޞީލަތްތަކާއި، ޤައުމީ މަސައްކަތްތަކުން ހާސިލުކުރާ ކާމިޔާބީއެއް ކަމުގައި ދެކި، އެ މަޝްރޫޢުގެ ފަހަތުގައި ހުރި ހުރިހާ ފަރާތްތަކަށް އެކަށީގެންވާ ގޮތުގައި ހައްޤު އަގުވަޒަންކުރެވި، ޤައުމީ މަސައްކަތްތަކުގެ ރޫޙު އާލާކުރުން މުހިންމު ކަމުގައި ދެކެމެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުން ”ވެލާނާ އިންޓަނޭޝަނަލްގެ އައުޓާމިނަލް“ ހުޅުވުމަށް އެއްބާރުލުންދީ މި އުފަލުގައި އެންމެވެސް ބައިވެރިމާތޯއެވެ. އަދި މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިއުމުގައި ބައިވެރިވި ހުރިހާ ސަރުކާރަކަށް ޝުކުރު އަދާކޮށް، ޤައުމުގެ ކުރިއެރުމާއި ކާމިޔާބީ އައު ހަރުފަތަކަށް ގެންދިއުމަށް ހުރިހާ ރައްޔިތުން  އަތުކުރި އޮޅާލަމާތޯއެވެ. ޤައުމެއްގެ ހަޔާތުން މުހިއްމު ބޮޑެތި މަސައްކަތްތައް ނިމިގެން ދިއުމުން އޭގެ ފައިދާއާއި މަންފާ ލިބިގެންދާނީ ހަމަ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށެވެ. ވީމާ ޤައުމީ ފެންވަރުގައި ކާމިޔާބުކަމާއިއެކު ނިންމާ ކޮންމެ މަޝްރޫއެއްގެ ހަޤީޤީ ކާމިޔާބީގެ ހައްޤުވެރިންނަކީ ދިވެހި ރައްޔިތުންނެވެ. އެކަމުގެ އުފާ ހުރިހާ ރައްޔިތުން މިއަދު ލިބިގަންނަވީއެވެ. މާތް ﷲ އަޅުގަނޑުމެން މި ލޮވެތި ދިވެހި ގައުމަށް ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރައްވާށިއެވެ. އާމީން

 

ނޯޓް: ޝަހުމީލް އަޙްމަދު އަކީ މިގަވުތު މެލޭޝިޔާގައި އިސްލާމިކް ފައިނޭންސްގެ ރޮނގުން ޕީއެޗްޑީ ފުރިހަމަ ކުރައްވަމުން ގެންދަވާ ވަރަށް ޢިލްމީ ތަޖުރިބާކާރު ބޭފުޅެކެވެ.

One Reply to “ޤައުމީ ފެންވަރުގައި ނިންމާ ކޮންމެ މަޝްރޫއެއްގެ ހަޤީޤީ ކާމިޔާބީގެ ހައްޤުވެރިންނަކީ ހަމަ ދިވެހި ރައްޔިތުންނެވެ.”

  1. ޝަބީނާ އަޙުމަދު

    ވަރަށް ފުރިހަމަ ލިޔުމެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި