ދިވެހި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިމިވާ ޑޮލަރުލިބުމުގެ ދަތިކަމާއި އަގު އުފުލުމަކީ ބޭންކިން ނިޒާމު ރޭވިފައިވާ ގޮތުން ވާ ކަމެއް ކަމަށް މަޓާޓޯގެ ނައިބު ރައީސް ޝާޒު ވަލީދު ވިދާޅުވެއްޖެ އެވެ.
ޝާޒު އިތުރަށް މިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ އެކަނި މިސަރުކާރުން ނޫންކަމަށާއި، ކުރީ ސަރުކާރުތަކުން ވެސް މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
ޕްރައިވެޓް މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝާޒު ވިދާޅުވީ ބޭންކިން ނިޒާމު ތަޢާރަފުވެ ބޭންކް އޮފް މޯލްޑިވްސް ހުޅުވިގެން ދިޔައީ ރައީސް މައުމޫނުގެ ޒަޢާމަތުގަ އެވެ. މި ބޭންކް ވުޖޫދުވެގެން އައިސްފައި ވަނީ އޭރުގެ ސަރުކާރުގެ ރުހުން އޮންނަ ފަރާތްތަކަށް ފައިސާ ދޫކުރާ ތިޖޫރީއެެއްގެ ގޮތުގައި ކަމަށާއި އެކަން އަދިވެސް އިސްލާހް ވެފައި ނުވާކަމަށެވެ. އެހެންކަމުން ކުރީގެ ރައީސް މައުމޫން ވެސް މިކަމުގެ ޒިންމާ ނަންގަވަންޖެހޭނެ ކަމަށެވެ.
ޝާޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަކީ ރައްޔިތުންގެ މިންނެއް ބުރަ މަސައްކަތުން އެންމެ ގިނަ ޑޮލަރު އެތެރެކޮށްދޭ ވަޞީލަތްކަމަށާއި އެހެން ނަމަވެސް ނިޒާމުގެ ތެރެއިން ހެޔޮ އަގުގައި ޑޮލަރު ލިބުން ދަތިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށާއި، ކުރީ ސަރުކާރުތަކުން ވެސް ޒިންމާވާންޖެހޭ މައްސަލައެއް ކަމަށެވެ.