ސަރުކާރުގެ ބަޖެޓުން ތަފާތު އިންވެސްޓްމެންޓްތަކަށް އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްފި އެވެ. މިއީ ބަޖެޓުކުރި ވަރަށް ވުރެ %184 އިތުރު އަދަދެކެވެ.
ދައުލަތުގެ މާލީ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތަށް ވުރެ 200 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އަދި ކުރިއަރާފައިވާ ނިސްބަތަށް ބަލާއިރު، މިއީ 20 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ތެރެއިން ބޮޑު ބަޔަކީ ފެނަ ކޯޕަރޭޝަން ފަދަ ދައުލަތުގެ ވިޔަފާރި ކުންފުނިތައް މެދުވެރިކޮށް އިންވެސްޓްމެންޓްގެ ގޮތުގައި ދޫކޮށްފައިވާ ފައިސާ އެވެ. ބަޖެޓުގައި އިންވެސްޓްމެންޓްތަކަށް ކަނޑައަޅާފައިވަނީ 378 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ބަޖެޓު ނުކުރާ ފައިސާ ވެސް މިވަނީ ޚަރަދު ކޮށްފައެވެ. އެގޮތުން ކަނޑައެޅި ބަޖެޓަށް ވުރެ 184 ޕަސެންޓް އިތުރަށް މިވަނީ ޚަރަދުކޮށްފައެެވެ.
2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް ބަޖެޓުން ވަނީ 23.5 ބިލިއަން ރުފިޔާ ހޭދަކޮށްފިއެވެ. އެއީ ރިކަރަންޓް ޚަރަދަށް 16.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާއެވެ.