ރާއްޖޭގެ އެންމެ މަޤުބޫލު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ދިވެހިރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ އިޝާރާތެއް ކޮށްފިއެވެ. އޭނާ ދަނީ ބޮލީވުޑަށް ކަމަށް ބެލެވެއެވެ.
ޝިފާގެ ފޭސްބުކްގައި ޕޯސްޓް ކޮށްފައިވަނީ ”ބޮލީވުޑުން އޮފާރއެއް އައިސްފައިވާ“ ކަމަށެވެ. އަދި އިތުރު އެއްވެސް ތަފުޞީލެއް ހިއްސާކޮށްފައެއް ނުވެއެވެ. އަދި ފަހުން އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފައެވެ. މިކަމާ ގުޅިގެން އޭނާގެ ބައެއް ފޭނުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އަނެއްބައި ފޭނުން ގެންދަނީ އުފާފާޅުކޮށް މަރުހަބާ ކިޔަމުންނެވެ.
ޝިފާ އަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް 2018 ގައި ގެނެސްދިން ފިލްމު ”ދެވަންސޫރަ“ އިން ތައާރަފުވި ބަތަލާއެކެވެ. އަދި ޝިފާ ވެގެންދާނީ ބޮލީވުޑުން ފުރުޞަތު ލިބޭ ފުރަތަމަ ދިވެހި ތަރިއަށެވެ.
ޝިފާގެ އިތުރު ފިލްމުތަކުގެ ތެރޭގައި ”ފޯޓީ ޕްލަސް“، ”ހެހެސް“ އަދި ”ގެއްލުނު ރޭ“ ހިމެނެ އެވެ. އަދި އެންމެ ފަހުން ކުޅެފައިވަނީ ވީޑިއޯކުލަބުން މިއަހަރުގެ ގެނެސްދިން 10 އެޕިސޯޑްގެ ސީރީޒް އިމްތިހާނުންނެވެ.