މިލައުތުރު

އީރާން–އިޒްރޭލްގެ 12 ދުވަހުގެ ހަނގުރާމައިގެ ނަތީޖާ

ލިޔުނީ: ޑރ. އިސްމާޢީލް ނިޒާމް

ދެ ޤައުމުގެ އަސްކަރީ ނަޒަރިއްޔާތުގެ ފަލްސަފީ ތަފާތަށް އަލިއަޅުވާލުން މުހިންމު ކަމުގައި ދެކެމެވެ. އީރާންގެ ދިފާޢީ ފަލްސަފާ އަކީ ދުރުވިސްނުމާ ކެތްތެރިކަން އިސްކުރުމެވެ. އީރާނުން ވޭތުވެ ދިޔަ 46 އަހަރުގެ ދިގު ތާރީޚުގައި މުޅިންހެން އިޚްތިޔާރު ކޮށްފައިހުރީ ދުރުވިސްނުމާ ކެތްތެރިކަމެވެ. ދައުލަތާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ކުރިމަގަށް އިސްކަން ދިނުމެވެ. ދުރު ރާސްތާ މަގުޗާޓަކުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެފައިވާ ޢިޤްޠިޞާދު ހޭރިޔާކޮށް ހަރުދަނާ ކުރުމެވެ. ޤައުމުގެ ދިފާޢީ ޞިނާޢަތާއި އެހެނިހެން ޞިނާޢަތުތައް ލާމެހިގެންދާ މަގުޗާޓަކުން ތަރައްޤީކޮށް، ދައުލަތުގެ މުއައްސަސީ ނިޒާމު ވަރުގަދަ ކުރުމާއި ޤައުމިއްޔަތުގެ ރޫޙުގައި ރައްޔިތުން ބަދަހި ކުރުމާއި އިޖުތިމާޢީ އަޚުލާޤު ހަރުދަނާކުރުމެވެ. ސައިންސާއި ޓެކްނޮލޮޖީ އާއި އެހެނިހެން ޢިލްމީ ދާއިރާތަކުން މުސްތަޤިއްލު ޤައުމަކަށް ވުމެވެ. އަސްކަރީ އެއްވެސް ޢުދުވާނެއް އިސްވެ ނުދިނުމެވެ. ކޮންމެ ޢަދާވާތްތެރި ޢުދުވާނަކަށް އެކަށޭނެ ރައްދެއް ދިނުމުގައި ފަސް ނުޖެހުމުގެ ފަލްސަފާއެވެ.

އިޒްރޭލްގެ ދިފާޢީ ފަލްސަފާ އަކީ އަދާވާތްތެރިކަން އިސްކުރުމެވެ. އެހެން ޤައުމުތަކުގެ މައްޗަށް ބާރުވެރިކަން ގަދަކުރުމެވެ. އެހެން ޤައުމުތައް އަޅުވެތި ކުރުމުގެ ފަލްސަފާއެކެވެ. ޤައުމަށް އޮންނަ ނުރައްކާ އަމިއްލަ މިންގަނޑަކުން މިނެ، އެ ފަދަ ކޮންމެ ނުރައްކަލެއްގެ ކުރިން މީހުން ބިރުގަންނަވަރުގެ ޢުދުވާނީ ހަމަލާތައް އިސްވެ ދީގެން ޤައުމުގެ ސަލާމަތް ޔަޤީންކުރުމެވެ. މުޅި ދުނިޔޭގައި ވަރަށް ސިއްރުވެރި، ނަމަވެސް އިންތިހާ ފުޅާމިނުގައި ބޮޑެތި ޖަރީމާތައް ހިންގާ ޖާސޫސީ ވިއުގައެއް ޤާއިމްކޮށް، އެހެން ޤައުމުގެ ސިޔާސީ ނިޒާމުގެ ތެރެއަށް ބާރުފޯރުވާ، ސިޔާސަތުތަކާއި ސިޔާސީ ވެރިން އަތްދަށު އަޅުވާލުމެވެ. ވިޔަފާރިއާއި ފައިސާގެ ރިޝްވަތުގެ ބޭނުންކޮށް، ޔޫރަޕާއި އެމެރިކާގެ ސިޔާސީ ވެރިން އިޒްރޭލުގެ މުށުގެ ތެރެއަށް ލުމެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ޤައުމުގެ ޢިޤްޠިޞާދާއި އަސްކަރިއްޔާ ތަރައްޤީކޮށް، ސަރަހައްދީ އެންމެ ބޮޑު ބާރުގެ ގޮތުގައި ދެމިއޮތުމެވެ. ޔޫރަޕާއި އެމެރިކާގެ ބަލަދު އަރާ ދަރިއެއްގެ ޙާލަތެއް އުފަން ކޮށްގެންނެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ އެންމެ އަސާސީ އެއް ކަމަކަށް އިޒްރޭލްގެ މަޞްލަޙަތު އަބަދުމެ އޮންނާނެ ގޮތްތައް ހޯދައިގެންނެވެ.

އިޒްރޭލްގެ ބޮޑުވަޒީރު، ހަނގުރާމައިގެ ޖަރީމާގެ ކުށުގައި ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ އަށް ވޭތުވެދިޔަ 30 އަހަރު ކާމިޔާބު ނުކުރެވި އޮތް ކަމެއް މި ފަހަރު ކާމިޔާބު ކުރެވިއްޖެއެވެ. ނަތަންޔާހޫގެ ސިޔާސީ ހަޔާތް ފެށުނީން ސުރެ، އެމެރިކާ އާއި އީރާނުގެ ހަނގުރާމައެއް ކުރުވުމަށް ބޭނުންވެ، އެކަމަށް މަގުފަހި ކުރުމުގެ ގޮތުން، އިސްވެ ބަޔާންކުރެވުނު ހުރިހާ ވަޞީލަތްތަކެއް ދަނީ ބޭނުން ކުރެވެމުންނެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަންކުރި ހުރިހާ ރައީސުންނަށް އެކަމަށް އިންތިހާއަށް ނުފޫޒު ފޯރުވާ ބާރު އަޅުވަމުން ދިޔައެވެ. ނަމަވެސް، މިހާތަނަށް އެކަން ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެއީ ރައީސް ޓްރަޕް ދެވަނަ ފަހަރަށް ވެރިކަަމަށް އައުމާ ހަމައަށެވެ. ޓްރަންޕް ކުޑަ ނަމަވެސް މިންވަރަކަށް ނަތަންޔާހޫގެ މަޅީގައި ޖެހިއްޖެއެވެ. އެމެރިކާގެ އަސްކަރިއްޔާ އިން އީރާނުގެ ނިއުކުލިޔަ 3 މަރުކަޒަކަށް ޙަމަލާ ދެވިއްޖެއެވެ. ނަތަންޔާހޫއަށް ލިބުނު ކާމިޔާބެއް ކަމުގައި މިކަން ބެލެވިދާނެއެވެ. ނަމަވެސް، އެމެރިކާގެ އެތެރޭގެ ސިޔާސީ މަޝްރަހުގައި މީގެ ސަބަބުން ޓްރަޕް އާއި ދެކޮޅުވެރިކަން ބޮޑުވެ، ބާރުބޮޑުވެ ޓްރަންޕް ވެސް ބޮޑު ހަނގުރާމައަކަށް ދިއުމަށް ދެކޮޅު ހަދާކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ. އީރާން – އިޒްރޭލް ހަމަލާތައް ބަދަލުކުރުން ހުއްޓާލުގެ ވަގުތު ޖެހުމުގެ ފަހުން، އީރާނުން ފޮނުވާލި މިސޭލު ހަމަލާއެއްގެ ބަދަލުގައި އިޒްރޭލުގެ ވައިގެ ފައުޖު އީރާނަށް ބޮންއެޅުމަށް އީރާނުގެ ވައިގެ ތެރޭގައި ވަނިކޮން އެކަން ނުކޮށް އަނބުރާ އައުމަށް ޓްރަންޕް އަމުރުކޮށް ހުއްޓުވިއެވެ. މިކަމުން ހާމަވީ ޓްރަންޕްގެ މައްޗަށް ވެސް، ފުރިހަމަ ބާރެއް (ބޭނުންވާ ވަރުގެ) ނުހިންގޭކަމެވެ. އިޒްރޭލުގެ އުދުވާނުތަކުގައި ސީދާކޮން އެމެރިކާއިން ބައިވެރިނުވުން ވެސް މިކަމަށް ބާރު ލިބެއެވެ.

މި ހަނގުރާމައަށް އިޒްރޭލުން ކަނޑައެޅި ޚާއްޞަ މަޤުޞަދުތައް ޙާޞިލުވިތޯ ބަލައިލަމާ ތޯއެވެ؟ އިޒްރޭލުން މި ފަހަރުގެ ޢުދުވާނުގެ މައިގަނޑު 4 މަޤުޞަދު ގެންގުޅުނުކަން ފާހަގަ ކުރެވުނެވެ. އެއީ (1) އީރާނުގެ ނިޔުކުލިއަ ޤާބިލިއްޔަތު ނެތިކޮށްލުން، (2) އީރާނުގެ މިސައިލް ޤާބިލިއްޔަތު ހަލާކުކޮށްލުން، (3) އީރާނުގެ ދިފާޢީ ރާޑަރުތަކާއި ވައިގެ ދިފާޢީ ނިޒާމުތައް ހަލާކުކުރުން އަދި (4) އީރާނުގައި ދާޚިލީ ހަމަނުޖެހުމެއް ގެނެސް ޚާމަނާއީގެ ވެރިކަން ބަދަލުކުރުމަށް ދޮރު ހުޅުވާލުން ހިމެނެއެވެ.

މި މަޤުޞަދުތައް ޙާޞިލް ކުރުމަށް ވަރަށް ދުރާލައި އެމެރިކާ، އިޒްރޭލް އަދި ނޭޓޯގެ ޖާސޫސީ ޚިދުމަތްތައް ގުޅިގެން މަސައްކަތް ކުރަމުން ގެންދާތާ އަހަރު ތަކެއް ވެއްޖެއެވެ. ބައިނަލްއަޤުވާމީ ނިޒާމުގެ ތެރެއިން އައި.އޭ.އައި.އޭ ވެސް އެއީ މަކަރުވެރި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ބައެއްކަމުގެ ހެކިތައް އީރާނުން ވަނީ ހާމަކޮށްފައެވެ. އީރާނުގެ ނިޔުކުލިއަ މަރުކަޒުތަކަށް ހަމަލާ ދޭނެ ގޮތުގެ ޗާޓު ކުރަހާ، ތަމްރީނުތައް ވެސް ވަނީ ފުރިހަމަ ކޮށްފައެވެ. ބައިޑަންގެ ދުވަސްވަރު އެމެރިކާގެ އަސްކަރިއްޔާ އާއި އިޒްރޭލް ގުޅިގެން ތަމްރީނުތަކެއް ފުރިހަމަ ކުރިއެވެ. ނަމަވެސް، ތަމްރީނުތަކުގެ ނަތީޖާއިން ބައިޑަން ހިތްހަމަޖެހޭ ވަރުގެ ޔަޤީންކަމެއް ނުދެވުމުން އެކަމާއި އިންކާރު ކުރިއެވެ. ޓްރަންޕް ވެރިކަމަށް އައުމުން ނަތަންޔާހޫ ވަރަށް އުފާވިއެވެ. އެއީ އޭނާގެ ރޭވުމުގައި ކުލަޖެހޭނެ ކަމުގެ އުއްމީދު ބޮޑު ކަމުންނެވެ. ކަންވީވެސް އެހެންނެވެ. ނަތަންޔާހުގެ ރޭވުމާއި އެއްގޮތައް އީރާންގެ ނިޔުކުލިއަ މަރުކަޒުތަކަށް ޙަމަލާދިނުމަށް ޓްރަންޕް އެއްބަސްވިއެވެ. 13 ޖޫން 2025 ވީ ހުކުރު ދުވަހު، ޓްރަންޕް އާއި ނަތަންޔާހޫގެ މަކަރުވެރިކަމުގެ ދަލުގައި އީރާން ޖެހިފައި ވީ ވަގުތެއްގައި ކުއްލި ޙަމަލާތަކެއް އިޒްރޭލުގެ ވައިގެ ބޯޓުތަކުން އީރާނަށް ދޭން ފެށުނެވެ. އެމެރިކާ އާއި މަޝްވަރާތައް ކުރަމުން ދަނިކޮށް، ޙަމަލާ ނުދޭނެކަމަށް ޓްރަންޓް ”ފޭކް“ ޖައްސައި އީރާން ހައިރާން ކޮށްލުމުގެ ނިޔަތުގައި ރާޅުތަކަކަށް، ވާނިވާންޏަށް ޙަމަލަދޭން ފެށިއެވެ. ފުރަތަމަ ރާޑަރުތަކާއި ވައިގެ ދިފާޢީ ނިޒާމްތަކަށެވެ. އަދި ހަމަ އެކުއެކީހެން އީރާނުގެ ބައެއް މިސައިލް މަރުކަޒުތަކަށް ވެސް ބޮން އެޅިއެވެ. އީރާނުގެ އަސްކަރީ ވައިގެ ބަނދަރުތަކަށާއި ނިޔުކުލިއަ މަރުކަޒުތަކަށް ބޮންއެޅިއެވެ. ހަމަ އެވަގުތުތަކުގައި މޮސާޑުގެ ވަރަށް ނުރައްކާތެރި ވިއުގައަކުން އީރާނުގެ އެތެރެއިން އަސްކަރީ ވެރިންނާއި ކޮމާންޑަރުންނާއި ސައިންސްވެރިނަށް ޙަމަލަދީ ބޮޑު ކާމިޔާބެއް ހޯދިއެވެ. އީރާންއަށް ބޮޑު ހާސްކަމެއް ގެނުވިއެވެ. އިޒްރޭލާއި އެމެރިކާގެ ރޭވުމުގައި އޮތީ އިޒްރޭލްގެ ޙަމަލާތަކުގައި އީރާނުގެ ދިފާޢީ ބާރު ނެތިކޮށް، ރައްދުގައި މިސޭލުތަކުން ޙަމަލާ ނުދެވޭ ވަރު ކޮށްލުމެވެ. އެކަން ޔަޤީން ކުރެވުނީމާ އެމެރިކާގެ ބިންގަރާސް ގޮށްވާ ބޮންތަކުން ނިޔުކުލިއަ މަރުކަޒުތަކާއި މިސައިލް ސިޓީތައް ގޮށްވާލުމެވެ.

ކުއްލި ޙަމަލާތަކުން އިޒްރޭލް ބޭނުންވި ނަތީޖާ ހާސިލެއް ނުވިއެވެ. ލިބުނު ގެއްލުންތައް ބޮޑު ނަމަވެސް އީރާނުން ސިހުމުގެ ތެރެއިން އަސްކަރިއްޔާ އަލުން ތަރުތީބުކޮށް 24 ގަޑީއިރު ނުވަނީސް މިސައިލްތަކުން އިޒްރޭލް ހާސްކޮށް ލިއެވެ. އަދި އީރާންގެ އެތެރޭގައި ހަރަކާތްތެރި ވަމުންދިޔަ މޮސާޑްގެ ވިއުގަވެސް ބާރު އިސްޕީޑުގައި ރޫޅާލަމުން ދިޔައެވެ. އެތަކެއް އަހަރު ދުނިޔޭގެ ހުރިހާ ބޮޑެތި ބާރުތަކުގެ ޖާސޫސީ އިދާރާތައް ގުޅިގެން ރޭވި ހަމަލާގެ މަޤުޞަދު ހާސިލު ނުކުރެވުނެވެ. ނަމަވެސް، އީރާންއަށް ލިބުނު ގެއްލުންތަކުގެ ބޭނުން ހިފުމަށް 24 ގަޑީއިރު ހަމަލާތައް ދެމުން ދިޔައެވެ. އީރާނުން ވެސް ރައްދުގައި ޙަމަލާތައް ދެމުން ގޮސް، އިޒްރޭލުގެ ދިފާޢީ ނިޒާމަށް ބޭނުންވާ މިސޭލުގެ ގުދަން ހުސްވާން ކައިރި ވުމުން، ސަލާމާތް ކުރުމަށް އެދި އެމެރިކާގެ ކައިރީ ރޮއެގަތެވެ. އެމެރިކާގެ މޮޔަ ރައީސް، އީރާންނަށް ދިނުމަށް ކުރިން ރޭވި ޕްލޭނުގައި އޮތް ޙަމަލަ ދިނުމަށް ބިރުން ހުރެ، އެއްބަސް ވިއެވެ. ބިންގަރާސް ގޮށްވާ ބޮންތަކުން ނިޔުކުރިއަ މަރުކަޒުތަކަށް ޙަމަލާ ދިނެވެ. އެ ޙަމަލާތަކުން އީރާނުގެ ނިޔުކުލިއަ މަރުކަޒުތައް އެއްކޮން ހަލާކުވާނެ ކަމުގައި އިޒްރޭލާއި އިޒްރޭލުގެ ނުފޫޒުގައި ބަނދެވި ތިބި އަސްކަރީ މާރިރުން ޓްރަންޕް އަށް ޔަޤީން ކޮށްދިނެވެ. އަދި އޭގެ ފަހުގައި އީރާނުން އަމާންދީ ޞުލްޙައިގެ މޭޒަށް އަންނާނެ ކަމުގައި ދެކުނެވެ. ނަމަވެސް، ކަންވީ ހީކުރިގޮތާ މުޅިން ޚިލާފަށެވެ.

އީރާނުން ކުރިޔާލާ ތަރައްޤީ ކުރެވިފައި ހުރި ހުރިހާ ޔުރޭނިޔަމް ހުރީ ރައްކާތެރި އެހެން ތަންތަނުގައި ފޮރުވާފައެވެ. މީގެ އިތުރުން، ވަރުގަދަ ކަމަށް ދައުވާކުރި ބޮމުގެ މަންމަ ބޮމުންވެސް އީރާނުގެ މަރުކަޒުތައް ހަލާކު ނުކުރެވުނެވެ. އެމެރިކާގެ ޖާސޫސީ އިދާރާގެ ގެއްލުންތަކުގެ ރިޕޯޓް ލީކު ވެފައިވާއިރު، 1-2 މަސް ތެރޭގައި އީރާންގެ މަރުކަޒުތަކުން ޔުރޭނިޔަމް ތަރައްޤީކުރަން ފެށޭނެ ކަމުގައި ވަނީ ހާމަވެފައެވެ. އިރާނުގެ މިސަައިލް ޤާބިލިއްޔަތު ވެސް ހީނަރު ނުކުރެވުނެވެ. އީރާނުން 2 އަހަރު ވެސް އިޒްރޭލަށް މިސޭލު ފޮނުވަމުން ދިޔަ ވަރަށް މިސޭލު ފޮނުވޭނެ ހަކަތަ ހުރިކަމަށް ތަޖުރިބާކަރުން ބުނެއެވެ. އީރާނުގެ ރައްޔިތުން އިތުރައް ބަދަހިވެ، ޚާމަނާއީގެ ވެރިކަން އިތުރަށް ވަރުގަދަ ވިއެވެ. އިޒްރޭލަށް ކޮންމެ ވެސް މިންވަރަކަށް ޙާޞިލުވި ހަމައެކަނި މަޤުޞަދަނީ އީރާނުގެ ވައިގެ ދިފާއު ހީނަރު ކޮށްލުމެވެ. އެއީވެސް، އީރާނުން އިޒްރޭލަށް މިސައިލް ފޮނުވުން ހުއްޓުވޭ މިންވަރަކަށް ނޫނެވެ. އީރާނުން ވަރަށް އަވަހަށް ވައިގެ ދިފާއީ ނިޒާމުވެސް އަލުން ތަރުތީބު ކޮށް، އަވަސް ކުރިއެރުންތަކެއް ދިޔައީ ހޯދަމުންނެވެ. އީރާނަށް އަސްކަރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވީ ނަމަވެސް، ޖުމްލަކޮށް ކާމިޔާބު ހޯދީ އީރާނުންނެވެ. އެއީ އިޒްރޭލް އިސްވެ ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވާ ޙާލަތައް އިޒްރޭލްގެ ދިފާޢު ބަލިކޮށް ގެންނެވެ. ސިޔާސީ ގޮތުން އީރާންނަށް ބޮޑު ކާމިޔާބެއް ލިބުނެވެ. މުޅި ދުނިޔެ އޮތީ އީރާނާއި އެކުއެވެ. އަސްކަރީ ގޮތުން ކުރިއަށް ދިއުމުގައި މުހިންމު ފިލާވަޅުތަކެއް ލިބިއްޖެއެވެ.

One Reply to “އީރާން–އިޒްރޭލްގެ 12 ދުވަހުގެ ހަނގުރާމައިގެ ނަތީޖާ”

  1. ޖުހާ.

    ވަރަށް ރަނގަޅު ލިއުމެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި