ބަރަކާ ޗެރިޓީގެ ފަރާތުން ބޮޑު އެހީއެއް ކ. ގުޅީ ސިއްހީ މަރުކަޒަށް ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
އެ ޗެރިޓީ ފައުންޑޭޝަންގެ ރާއްޖޭގެ ގޮފީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ރޭގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިއްހީ މަރުކަޒަށް އިތުރުކުރަން ހަމަޖެހިފައިވާ އިމާރާތަކާ ބެހޭގޮތުން އެދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމާއެކު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، މަޖިލިސް މެންބަރުގެ ފަރާތްޕުޅުން ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މިލައުތުރު އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގަައި ބަރަކާ ޗެރިޓީގެ ފަރާތުން ކ. ގުޅީ ސިއްހީ މަރުކަޒަށް ހަދިޔާކުރާގޮތަށް ހަމަޖެހިފައިވަނީ ލެބޯޓެރީ އިމާރާތެކެވެ. އަދި އެއީ ފާޚާނާއަކާއި ސްޓޯރ ރޫމެއް ހިމެނޭގޮތަށް ޒަމާނީ ފެންވަރަށް އަދި ހެލްތު މިނިސްޓްރީގެ ގައިޑްލައިންތަކާއި ސްޓޭންޑާޑްތަކާ އެއްގޮތްވާގޮތުގެ މަތިން ފަރުމާކުރެވިފައިވާ މެޑިކަލް ލެބޯޓެރީ އިމާރާތެއް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ބަރަކާ ޗެރިޓީ މޯލްޑިވްސް އިފުތިތާޙު ކޮށްފައިވަނީ 23 ޖެނުއަރީ 2025 ގައި ކ. ގުޅީގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑރ. އަނާރާ ނައީމްއެވެ. އަދި މި މަޝްރޫޢަކީ ވެސް އެ ރަސްމިއްޔާތުގެ ހަވާސާގައި ޑރ. އަނާރާ ނައީމް ހުށަހެޅުއްވި ހުށަހެޅުއްވުމެއްގެ މައްޗަށް ސުވިސް ބަރަކާ ޗެރިޓީން ނިންމެވި ނިންމެވުމެއް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ފެށޭތޯ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، މިއީ ވަރަށް ޚާއްޞަ މަޝްރޫޢެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ.