މިލައުތުރު

ސަރުކާރު ޕްރޮމޯޓް ކުރެއްވުމުގައި އެމްޕީ އައްޔަ އާއި އެމްޕީ ރާޑޯގެ ވާދަވެރިކަން

މިފަހަކަށް އައިސް ސަރުކާރު ޕްރޮމޯޓް ކުރުމުގައި ވެސް ވާދަވެރިކަން އުފެދި އެއްބަޔަކަށް ވުރެން އަނެއް ބަޔަކު ކުރާ މަސައްކަތް ގިނަ ކަން ދެއްކުމަށްޓަކައި ސޯޝަލް މީޑިޔާ ގައި ވަރަށް ބޮޑަށް މަސައްކަތް ކުރާތަން ފެނެއެވެ. އަދި މިކަމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ދެބޭފުޅުންނަކީ މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ރިޒާ އާއި ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ރާޝިދުއެވެ. އަދި މި ދެބޭފުޅުންގެ ދެމެދުގައި އެކަމުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އޮންނަ ކަމަށް ބައެއް މީހުން ސިފަކުރެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެބޭފުޅުން ވެސް ޙިއްސާކުރައްވާ މަޢުލޫމާތު ތަކުންނެވެ. މީގެ ތެރެއިން ކޮންމެ ބޭފުޅަކު ވެސް ކޮންމެ 24 ގަޑީ އިރެއްގެ ތެރޭގައި 4 ނުވަތަ 6 ޕޯސްޓް ފޭސްކުބްގައި ޖަހައެވެ. މިކަން ހިނގާ ގޮތަކީ، ”އައްޔަ ހަމަ ޖެހީ ރާޑޯ ޖެހީ އަދި ރާޑޯ ހަމަ ޖެހީ އައްޔަ ވެސް ޖެހީ“ އަތޮޅުގެ ރައްޔިތަކު ބުންޏެވެ.

އަދި އެމްޕީ ޢަލީ ރިޒާ ބޮޑަށް ފަހަގަ ކުރެވެނީ އަމިއްލަ އަށް ވީޑިއޯ ހަދައިގެން ސަރުކާރު ޕްރޮމޯޓް ކުރުމުގައި ވަރަށް ކުރީގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެމްޕީ ރާޑޯ ފާހަގަކުރެވެނީ ފޮޓޯ ޕޯސްޓްތައް ޖަހާ ބޭފުޅެއްގެ ގޮތުގައެވެ. އަދި މަޖިލިހުގައި ވެސް އެންމެ ސިލީ ވާހަކަތައް ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެން ކަމުން އޭނާ ވާހަކައެއް ދައްވަކާތޯ މީޑިޔާ ތަކުން ވެސް މިހާރު ތިބެނީ ބަލަ ބަލާއެވެ.

މިދެބޭފުޅުންގެ ވާދަވެރިކަން މިހާ ބޮޑު ވެގެން މިއުޅޭ ސަބަބެއް އެއްވެސް ފަރާތަކަށް އަދި ސާފުވާ ވަރަށް ތިލައެއް ނުވެއެވެ. އެހެން ނަމަވެސް ބައެއް މީހުން ސިފަކުރާ ގޮތުގައި ދެމީހުން ވެސް ވާދަކުރަނީ ކުރީގެ އެމްޕީ މަރްޙޫމް ޙުސައިން ވަޙީދުގެ މަޤާމަށް އައުމަށެވެ. ސަރުކާރުގެ އިތުބާރު އެ ދަރަޖައަށް ހޯދުމަށެވެ. އެހާ މަޤުބޫލު ސަޙުސިއްޔަތަކަށް ވުމަށްޓަކައެވެ. ބައެއް މީހުން ސިފަކުރައްވާ ގޮތުގައި އެއީ ވަރަށް ރަގަޅު ކަމެކެވެ. އެހެނީ އެފަދަ ދީލަތި ޚުލްޤު ހެޔޮ މީހެއްގެ ފަރާތުން ނަމޫނާ ލިބިގަތުމަކީ ރަގަޅު ސިފައެކެވެ.