ށ. އަތޮޅަކީ ޒަމާނުން ސުރެން ވެސް އެއިރެއް ގައި އޮންނަ ސަރުކާރަކަށް ސަނާ ކިޔުމަށް ރާއްޖޭގައި ނަން ވެފައި އޮންނަ އަތޮޅެކެވެ. ބައެއް މީހުން ބުނާގޮތުގައި އެ އަތޮޅުގެ ރައްޔިތުންނަށް އަބަދުވެސް ވިސްނޭނީ އެންމެ ފަހުންނެވެ. އަދި ގިނަ ފަހަރަށް ވަގުތު ފާއިތުވެދާ ފަހުންނެވެ. ށ. ފޭދޫ ސްކޫލުގެ ބެލެނިވެރިންނަށް ވެސް މިފަހަރު މިޖެހުނީ އެފަދަ ކަމެއް ކަމުގައި ބައެއް މީހުން ސިފަކުރެއެވެ. ފޭދޫ އަކީ ވެސް ރައީސް ޞާލިޙް ވެރިކަމަށް ވެޑުވުމަށްޓަކައި އަޣުލަބިއްޔަތު ދިން ރަށެކެވެ. އަދި މިއަދާ ހަމައަށް ވެސް އެކަން ދިފާޢުކޮށް ސަނާ ކިޔާ ރަށެކެވެ. އެހެން ނަމަވެސް އެރަށަށް ވީ ވަޢުދުތަކުން ފުޓްސަލް ދަނޑަކާއި ބަށިކޯޓެއް ފިޔަވައި ކުރެވުނު އިތުރު އެއްވެސް ކަމެއް ނެތެވެ. ނުވިތާކަށް ސްކޫލަށް އިތުރު ކުރާ ކުލާސްރޫމްތައް އެޅުމަށް ބަޔަކާއި ޙަވާލުކޮށް ފައުންޑޭޝަން އަޅާފައި ދޫކޮށްލިގޮތަށް ދަގަނޑުތައް ދަބަރަށްވެ ކޮންކްރީޓްތައް ފެޅި ހަފުސްވެއްޖެ އެވެ. އެހެން ނަމަވެސް ތަޢުލީމާ ބެހޭ ވަޒީރު ހިރުވާތަން ކަހާ ވެސް ނުލައެވެ. މިކަމާ ވެސް ބެލެނިވެރިން ތިބީ އިންތިހާއަށް މާޔޫސްވެފައެެވެ.
ފޭދޫގެ ބައެއް ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އެއީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ރަށެކެވެ. އަދި ވަކިން ޚާއްޞަކޮށް މިސަރުކާރުން އެރަށަށް ވެފައިވާ އިހުމާލު އެތައް ގުނައެއް ބޮޑުކަން ފާހަގަކުރެއެވެ. އެހެނީ މިއީ މިހާތަނަށް އެންމެ ގިނަ ހުވަފެން ދެއްކި ސަރުކާރުކަމަށާއި، ނިސްބަތުން ލިބުނު ފައިދާ ސުމެއް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފޭދޫގެ ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދުމަކީ ސަރުކާރަށް ފަސޭހަ ކަމަށް ނުވާނެއެވެ. އެހެނީ ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ވަޢުދުތައް ރަނުން ރަނަށް ފުއްދުމަކީ މިހާރު ދެން ނާދިރުކަމެކެވެ.
ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބައެއް މާހިރުން ވިދާޅުވާގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ސަރުކާރުގެ ކެނޑިޑޭޓަށް ށ. އަތޮޅުގެ ޖުމްލަ އަޣުލަބިއްޔަތު ލިބުމަކީ މުސްތަޙިއްލުކަމެކެވެ. އަދި މިކަން ވެގެން ދާނީ ސަރުކާރަށް އިތުރު ދަޢުރެއް ހޯދުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.