ށ. އަތޮޅު ނަރުދޫ އަކީ ޒަމާނުން ސުރެން ޖުމްހޫރީ ޕާޓީގެ ވަރުގަދަ ރަށެކެވެ. އެންމެ ފަހުން ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީ ތަމްސީލުކުރި ހުރިހާ މެންބަރުން ވަނީ ކައުންސިލް އަށް އިންތިޚާބު ވެފައެވެ. އަދި ޖޭޕީ އަށް ކަންޓުރޯލުވާ ހަމަ އެކަނި ރަށަކީ ވެސް ޚުދު ނަރުދޫއެވެ. މިހެން އޮއްވާ ކުއްލިއަކަށް ޖޭޕީގެ ޙަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ މާހިރު އާއި ޝަފީޤު ވެރިކަންކުރާ އެމްޑީޕީ އަށް ސޮއިކުރުމަކީ ޖޭޕީ އަށް ލިބުނު ނުތަނަވަސް ކަމެކެވެ. އެހެން ނަމަވެސް ކައުންސިލްގެ ރައީސް މުޙައްމަދު މުސްތަރުޝިދު އަދިވެސް ހުރީ ޖުމްހޫރީ ޕާޓީގައެވެ. މުސްތަރުޝިދު ފާހަގަކުރެވެނީ ބަސް މަދު ޢަމަލު ގިނަ ވިސްނުންތޫނު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެއީ ޒަމާނުން ސުރެން ރަށުގައި ވެރިކަން ކުރެއްވި ޝާހީ އާއިލާގެ ތަޢުލީމީ ބޭފުޅެކެވެ.
އަތޮޅުގެ ސިޔާސީ މަޝްރަޙް ދިރާސާކުރައްވާ ބޭފުޅުން ދެކިލައްވާ ގޮތުގައި، ޖޭޕީގެ ޙަރަކާތްތައް ހިންގެވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ދެ ބޭފުޅުން ޕާޓީ ދޫކޮށްދިއުމަކީ ފޫބެއްދޭނެ ވަޅުގަނޑެއް ނޫނެވެ. އަދި އެދެބޭފުޅުން އެފަދަ ނިންމެވުމެއް ނިންމަވާނީ މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެހެންކަމުން ގިނަ ބައެއްގެ ނަޒަރުގައި ވަކި ހިސާބަކުން ރައީސް މުސްތަރުޝިދު އަށް ވެސް އެބޭފުޅުންނާއި އެކު ވަޑައިގަތުމަށް މަޖުބޫރުވާނެއެވެ.
ގިނަ ބައެއްގެ ހިސާބުތައް ދައްކާގޮތުން އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބުމަކީ މިހާރު މުސްތަޙިއްލުކަމެކެވެ. އަދި އެފަދަ ހާސްކަމެއް އެމްޑީޕީ އާއި ސަރުކާރުގެ އެތެރޭގައި ވެސް ކެކެމުންދާކަމުގެ މަޢުލޫމާތުތައް ތިލަވެއެވެ. އެއްބުރުން ރިޔާސީ އިންތިޚާބު އަމުދުން ކާމިޔާބު ނުކުރެވޭނެކަމީ ހަމަ އެންމެން ޢިއްތިފާޤުވާ ކަމެކެވެ. މިފަދަ ޙާލަތެއް ގައި ސިޔާސީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުން މިފަދަ ޅައެއްޗެއް އަޅުއްވާނީ ކޮންމެ ވެސް ނުފޫޒެއް އޮތުމުންނެވެ. އެއީ ނަގުދު ފައިސާތޯ ނޫނީ ދާއިރާގެ މަޖިލިސް މެންބަރުތޯ މިއީ ކުރެވޭ ސުވާލެކެވެ.