ފޭދޫގެ ފުޓުބޯޅަދަނޑުގެ މަސައްކަތް ކުރިއަށްދާލެއް ލަސްކަމުން އެރަށުގެ ޒުވާނުން ނިކުމެ ދަނޑުގައި ފަތްކެޔޮ އިންދައިފިއެވެ. ވެރިކަމުގެ ދައުރެއް ނިމެން ކުޑަ ދުވަސްކޮޅަކަށް ވެއްޖެކަމަށް ބުނަމުންނެވެ. ދަނޑު ނިމޭނެ ދުވަހެއް ވެސް ނޭނގޭތީއެވެ. އެމީހުން ދެކޭގޮތުގައި މީގެ ހަތަރު އަހަރު ކުރިން ފަތްކެޔޮ އިންދުނު ނަމަ، ދަނޑު ހެދުމަށް ބޭނުންވާ ފައިސާ ލިބި އަމިއްލަ އަށް ވެސް އެކަން ކުރެވޭހާ ދުވަސް މިހާރު ވެއްޖެކަމަށެވެ. އެހެންކަމުން ޔޫތު މިނިސްޓަރަށް އިތުރު ވަގުތު ދެވެން ނެތްކަމަށާއި، އިތުބާރު މުޅިން ގެއްލިއްޖެ ކަމަށެވެ. އަދި މިސަރުކާރުން ފޭދޫގެ ޒުވާނުންނަށް ދިނީ ހަމަ އެކަނި ބަށިކޯޓެއް ކަމަށެވެ. އެއީ ފޭދޫގެ ޒުވާނުންނަށް ޙައްޤު މިންވަރުތޯ އެމީހުން ސުވާލު އުފައްދައެވެ. އެހެނީ ވަށައިގެންވާ ހުރިހާ ރަށެއްގައި މަޝްރޫޢުތައް ނިމިއްޖެއެވެ. ފޭދޫ އަށް ލިބުނު އެއްޗެއް ފެންނާކަށް ނެތެވެ.
ފޭދޫ ސްކޫލުގައި ޢިމާރާތްކުރާ ކުލާސްރޫމް މަސައްކަތް ވެސް ފެށި، އިތުރަށް ކުރިއަށް ނުގޮސް ޖެހި ދަގަނޑުތައް ދަބަރަށްވެ ބިންގާ ފުނޑުފުނޑު ވެއްޖެއެވެ. އެހެންކަމުން ބެލެނިވެރިންގެ ކަންބޮޑުވުމާއި ޝަކުވާތައް ވަނީ ފުނިޖެހިފައެވެ. އަދި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކަށް މިފަދަ ތަންތަން ނުފެންނާތީ ފޭދޫގެ ރައްޔިތުންގެ ހިތްހަމަނުޖެހުންތައް ގިނައެވެ. ޙަޤީޤަތުގައި ވެސް މިއީ ށ. ފޭދޫގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރެއް ނޫނެވެ.